އިސްރާއީލު ސިފައިން ފަލަސްތީނުގެ ދެމަފިރިއަކަށް ބަޑިން ހަމަލާދީ ފިރިމީހާ ޝަހީދުކޮށްލައިފި

އިސްރާއީލު ސިފައިން ފަލަސްތީނުގެ ކުޑަކުދިންތަކަކަށް ބަޑިން ބިރުދައްކަނީ

ހިފާފައިވާ ގުދްސު (އެޕްރީލް 6): އިސްރާއީލުގެ އިސްތިއްމާރީ ބާރުތަކުން ފަލަސްތީނުގެ ދެމަފިރިއަކަށް ބަޑިން ޙަމަލާދީ ފިރިމީހާ ޝަހީދުކޮށް އަނބިމީހާ ޒަޚަމްކޮށްލައިފި އެވެ.

އިސްރާއީލުން މިޖަރީމާ ހިންގާފައިވަނީ އެގައުމުން ވެރިވެގަނެގެން އުޅޭ ގުދްސުގެ އަވަށެއް ގައެވެ. ރިޕޯޓްތައް ބުނާގޮތުން ފަލަސްތީނުގެ ޒުވާން ދެމަފިރިއަކު މިއަދު ހެނދުނު ގުދްސުގެ "ބިރްނިބާލާ" އަވަށުގައި ހިނގަމުން ދަނިކޮށް އިސްރާއީލު ސިފައިންވަނީ ފަހަތުން އެދެމަފިރިންނަށް ބަޑިން ޙަމަލާދީ ފިރިމީހާ މަރާލައި އަނބިމީހާ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައެވެ. މިޖަރީމާ ހިންގިކަން އިސްރާއީލު ސިފައިންވެސްވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ނިސްބަތްވެ ވަޑައިގަންނަވާ ފަތްހު ޖަމާއަތް ބުނާގޮތުން އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލީ އުސާމާ މަންސޫރު ނަމަކަށްކިޔާ ޒުވާނެކެވެ. އޭނާ ޝަހީދުކޮށްލީ އެއްވެސް ސަބަބެއްނެތި ކަމާއި މިހާތަނަށްވެސް އެއްވެސް ސަބަބެއް އިސްރާއީލަށް ދެއްކިފައިނުވާ ކަމަށް ފަތްހު ޖަމާއަތުގެ ތަރުޖަމާން އުސާމާ އަލްގަވާސިމީ ވިދާޅުވިއެވެ.

އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ޒުވާނަކަށް އަނިޔާ ކުރަނީ

ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އިސްރާއީލުގެ އިސްތިއްމާރާ ދެކޮޅަށް ޖިހާދުކުރާ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތުންވެސްވަނީ މިޖަރީމާ ކުށްވެރިކޮށް މިކަމުގެ ބަދަލު އިސްރާއީލުގެ ވެރިންގެ ކިބައިން ހިފުމަށް ގޮވާލައި ބަޔާންތައް ނެރެފައެވެ. އަދި އިސްރާއީލުގެ އިސްތިއްމާރުން ސަލާމަތްވެގެން ނޫނީ ފަލަސްތީނު ރައްޔިތުންނަށް ދިރިއުޅެވެން ނެތްކަމަށްވެސް ބުނެފައިވެއެވެ.

އެއްވެސް ސަބަބަކާނުލައި ފަލަސްތީނުގެ ޒުވާނުންނާއި ކުޑަކުދިން މެރުމަކީ ދޭތެރެއަކުން އިސްރާއީލު ހިންގަމުން ގެންދާ ޖަރީމާތަކެކެވެ. އިސްރާއީލު ސިފައިންގެ އިތުރުން ދުނިޔޭގެ އެކިގައުމުތަކުން ގެނަސް ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލު ވަޒަންވެރި ކުރުވާފައިވާ ޔަހޫދީ ވަޒަންވެރިންވެސް މިގޮތަށް ފަލަސްތީނު ރައްޔިތުން މެރުމުގެ ޖަރީމާތައް ހިންގަމުން ގެންދެއެވެ. މިއިން އެއްވެސް ޖަރީމާއެއް ހިންގާ ފަރާތަކާ ދެކޮޅަށް އިސްރާއީލުން ފިޔަވަޅެއް ނާޅައެވެ.

ފަލަސްތީނުގެ އަންހެނުން ގިނައިން ވިހެއުމާއެކު ފަލަސްތީނުގެ އާބާދީ އިތުރުވަމުން ދިޔުމަކީ އިސްރާއީލުގެ ވެރިންނާއި ހަރުކަށި ޒަޔަނިސްޓުން ވަރަށް ކަންބޮޑުވާ ކަމެކެވެ. ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ނުފާބައި އަދި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ ފުރުސަތު ދިނުމަށްވެސް އިސްރާއީލު ދެކޮޅު ހަދަމުން ގެންދާއިރު އާޚިރުގައި އިސްރާއީލަށް ޖެހޭނީ އިސްރާއީލުގެ ރައްޔިތުންގެ ގޮތުގައި ފަލަސްތީނު މީހުން ހިމަނަންކަމަށް ގާނޫނީ މާހިރުން ދެކެއެވެ. މިހެންވެއްޖެނަމަ ލަސްތަކެއްނުވެ އިސްރާއީލުގެ އާބާދީގައި ޔަހޫދީންނަށްވުރެ ފަލަސްތީނު މީހުން ގިނަވާނެއެވެ. މިއީ އިސްރާއީލު ބިރުގަންނަ ކަމެކެވެ.

ފަލަސްތީނުގެ ޒުވާނުންނާއި ކުޑަކުދިން މެރުމަށް އިސްރާއީލުގެ ސިފައިން އެހާ ބޮޑު ފޯރިއެއް ހުންނަނީ އިސްރާއީލުގެ އާބާދީގައި ޔަހޫދީންނަށްވުރެ ފަލަސްތީނު މީހުން ގިނަވެދާނެތީ އެކަން ހުއްޓުވުމުގެ ސިއްރު އެޖެންޑާއެއްގެ ދަށުންކަމަށް ފަލަސްތީނުގެ ޖަމާއަތްތަކުންނާ އަދި ބައެއް މުހައްލިލުން ސިފަކުރެއެވެ. އިސްރާއީލުގެ އާބާދީގައި ޔަހޫދީންނަށްވުރެ ފަލަސްތީނު މީހުން ގިނަވުމަކީ އިސްރާއީލުގެ ވެރިކަން ފަލަސްތީނުގެ ރައްޔިތުންގެ އަތްދަށަށް ހިނގައިދާނެ ކަމެއްކަމުގެ ބިރުވެސް އިސްރާއީލުން އިހްސާސް ކުރެއެވެ.

މުސްކުޅި އާބާދީ އެއް އޮންނަ އިސްރާއީލަކީ އާބާދީ އިތުރުވާމިންވަރު ގާތްގަނޑަކަށް ސުމެއްގައި އުޅޭ ގައުމެކެވެ. އިސްރާއީލުން އާބާދީ އިތުރުކުރަނީ ދުނިޔޭގެ ކަންކޮޅުތަކުން ޔަހޫދީން ފަލަސްތީނުގެ ބިމަށް ހިޖްރަކުރުވައި އެބިމުގައި އެމީހުން ވަޒަންވެރި ކުރުވައިގެންނެވެ. މިގޮތަށް ބަލާއިރުވެސް ދުނިޔޭގައި ޔަހޫދީންގެ ޖުމްލަ އާބާދީ އުޅެނީ 14 މިލިޔަނަށްވުރެ ދަށުގައެވެ. ގައުމުން ބޭރުގައި އުޅޭ އާބާދީއާއެކު ފަލަސްތީނުގެ އާބާދީ 13 މިލިޔަނަށް އަރައެވެ. (ފަލަސްތީނުގެ މީޑިއާ + ނޫސްއެޖެންސީތައް)

comment ކޮމެންޓް