އިސްރާއީލުގެ އާ ސަރުކާރު އެކުލަވާލުމުގެ ޒިންމާ އަނެއްކާވެސް ނަތަންޔާހޫއަށް

އިސްރާއީލުގެ ސަރުކާރު އެކުލަވާލުމުގެ ޒިންމާ ބެންޖަމިން ނަތަންޔާހޫއާ ވަނީ ހަވާލުކޮށްފަ -- ފޮޓޯ: ރޮއިޓާސް

ގުދުސް (އޭޕްރިލް 6): އިސްރާއީލްގެ އާ ސަރުކާރު އެކުލަވާލުމުގެ ޒިންމާ އެގައުމުގެ ރައީސް ރޫވެން ރިވްލިން އަނެއްކާވެސް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ހަވާލު ކުރައްވައިފި އެވެ.

ނަތަންޔާހޫއާ އެ ޒިންމާ ހަވާލު ކޮށްފައި ވަނީ މިދިޔަ މަހު އެގައުމުގައި ބޭއްވި އާއްމު އިންތިހާބުން ސަރުކާރެއް އެކުލަވާލެވޭ ވަރަށް ވޯޓު ހުދުމުގައި ހުރިހާ ޕާޓީއެއްވެސް ނާކާމިޔާބުވި ފަހުންނެވެ. އަދި ވެރިކަން ކުރާ ކޯލިޝަނެއް އުފެއްދުމަށް އެންމެ ގިނަ މެމްބަރުން ތާއިދު ކުރީ ނަތަންޔާހޫއަށް ކަމަށް ވުމުންނެވެ.

ނަތަންޔާހޫއަށް އޭނާގެ ސަރުކާރަކަށް ތާއިދު ހޯދުމަށް ދެން 28 ދުވަސް ލިބޭނެ އެވެ.

އިސްރާއީލުގެ ޕާލަމެންޓްގައި 120 ގޮނޑި ހިމެނޭ އިރު އަޣުލަބިއްޔަތުގެ ގޮތުގައި ބަލަނީ 61 ގޮނޑި އެވެ. އަދި ނަތަންޔާހޫގެ ލިކުޑް ޕާޓީން ކާމިޔާބު ކުރި ގޮނޑިއާ އެއްކޮށް އެ ޕާޓީއަށް ވަނީ 52 މެމްބަރުންގެ ތާއިދު ލިބިފަ އެވެ.

އިސްރާއީލުގައި މިދިޔަ މަހުގެ 23ގައި ބޭއްވި އާއްމު އިންތިހާބަކީ ފާއިތުވި ދެ އަހަރު ތެރޭ އެގައުމުގައި ބޭއްވި އެފަދަ ހަތަރު ވަނަ އިންތިހާބެވެ. އެގޮތުން ކުރީގެ ތިން އިންތިހާބު ވެސް ނިމުނީ އެއްވެސް ބަޔަކަށް އަގުލަބިއްޔަތު ނުލިބި އެވެ. އަދި ކޮންމެފަހަރަކު ވެސް އަލުން އިންތިހާބު ބާއްވަން ޖެހެނީ އެއްވެސް ޕާޓީއަކަށް އަގުލަބިއްޔަތު ނުލިބުމާއެކު ކޯލިޝަން ހަދައިގެން ސަރުކާރު ހިންގަން ދަތިވެ، ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކޯލިޝަން ރޫޅިގެންދާތީ އެވެ.

އިސްރާއީލުގައި 2009އިން ފެށިގެން ބޮޑުވަޒީރުކަން ކުރައްވަމުން ގެންދަވާ ނަތަންޔާހޫ ވަނީ މީގެ ކުރިން 1996އިން 1999އާ ހަމަޔަށްވެސް އެ މަގާމު ފުރުއްވާފަ އެވެ. އަދި އޭނާއަށް އަނެއްކާވެސް ބޮޑުވަޒީރަކަށް ވުމުގެ ފުރުސަތު ލިބިފައި ވަނީ އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކޮށް، ޝަރީއަތް ކުރިއަށްގެންދަނިކޮށެވެ.

ނަތަންޔާހޫގެ މައްޗަށް ވަނީ ރިޝްވަތު ގަބޫލު ކުރެއްވުމާއި އަމާނަތަށް ހިޔާނާތްތެރިވުމާއި މަކަރާއި އޮޅުވާލުވުމުގެ ދައުވާކޮށްފަ އެވެ. ނަމަވެސް އޭނާ ވަނީ އެ ދައުވާތައް ދޮގު ކުރައްވާ އެއީ ސިޔާސީ ބޭނުމެއްގައި ބަލަމުންދާ މައްސަލައެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

comment ކޮމެންޓް