އެމްޓީސީސީއަށް އެއް ދުވަސްތެރޭ 59 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކޮށްފި

ތިން ރަށެއްގައި މަޝްރޫއުތައް ކުރިއަށް ގެންދަން، 59.5 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

އެމްޓީސީސީ އާ މިއަދު ހަވާލުކޮށްފައި ވަނީ ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމަށާއި، ނ. މަނަދޫ ބަނދަރުގެ ނެރު ހެދުމަށާއި ހއ. ބާރަށު ނެރު ފުންކުރުމަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމަށް ހަވާލުކުރީ 18,257,891 ރުފިޔާގެ އަގަކަށް 280 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އެ މަޝްރޫއުގެ ދަށުން 254 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 17،768 އަކަމީޓަރުގެ ބިން ހިއްކުމާއި ކުރިން ހިއްކާފައިވާ ސަރަހައްދުގެ ބިންގަނޑު ލެވެލްކުރުމުގެ މަސައްކަތް ކުރާނެ އެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން މަނަދޫ ބަނދަރުގެ ނެރު ހެދުމަށް ހަވާލުކުރީ 29,115,117 ރުފިޔާއަށް، 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެ އެއްބަސްވުމުގެ ދަށުން، ބަނދަރު ފުންކުރުމާއި ބަނދަރަށް ވަންނަ ނެރު ފުންކުރުމާއި، ބޮޑު ހިލައިގެ ބޭރު ތޮށި ޖެހުމާއި ނެވިގޭޝަން ލައިޓް ހަރުކުރުމާއި މޫރިންގ ބޮއި ހަރުކުރާނެ އެވެ. އަދި ކުދި އުޅަނދުފަހަރު ކައިރިކުރުމަށް ބޭރުތޮށީގެ އެތެރެފަރާތު ކައިރީގައި ކޮންކްރީޓު ޖެޓީއެއް އަޅާނެ އެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ބާރަށު ނެރު ފުންކުރަން ހަވާކުކުރީ 12,179,282 ރުފިޔާ ހަރަދުކޮށްގެން 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އެއްބަސްވުމުގެ ދަށުން ނެރު ފުންކުރުމާއި ޖެޓީ ކައިރި ފުންކުރުމާއި ނެވިގޭޝަން ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.

comment ކޮމެންޓް