އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މާޗް 23، 2021: ރައީސް އޮފީސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލާން މިދިޔަ މަހުގެ 31 ވަނަ ދުވަހު ހުޅުވާލީ އެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ނަންތަކަށް މަޖިލީހަށް ރުހުން ދޭން ނުފެނުމުންނެވެ.

ރައީސް އޮފީހުން އޭރު ބުނީ އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 11 އަދި 12 ވަނަ ދުވަހު ހެނދުނު 9:30 އިން މެންދުރުފަހު 12:30 އަށް ރައީސް އޮފީހަށް ފޯމް ހުށަހެޅޭނެ ކަމަށެވެ.

ނަމަވެސް އެ ދެ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް ވަނީ ކަނޑައަޅުއްވައިފަ އެވެ.

އެހެންކަމުން އެޗްއާރްސީއެމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގެ މުއްދަތު 15 އެޕްރީލް ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފޯމް ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.

އެޗްއާރުސީއެމްގައި ކުރިން ތިއްބެވި މެންބަރުން ވަކިކުރުމަށް ފަހު މަޖިލީހުން މިހާތަނަށް އަލަށް އައްޔަންކޮށްފައި ވަނީ އާމިނަތު ޝަފާއަތު އަބްދުއްރައްޒާގާއި, މުއުމިނާ ވަހީދުގެ އަދި ޑރ. އަހުމަދު އަދުހަމް އަބްދުﷲ އެވެ.

comment ކޮމެންޓް