ދެ ހަރަމްފުޅަށް ވަދެވޭނީ ކޮވިޑް ވެކްސިން ޖަހައި ރައްކާތެރިކަން ލިބިގެން

މައްކާގެ ހަރަމްފުޅު ކަމަށްވާ އަލްމަސްޖިދުލް ހަރާމް

މައްކަތުލްމުކައްރަމާ (މާޗް 6) : ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރާ ވެކްސިން ގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނާއި އެއްޑޯޒް ޖަހައިގެން ދެހަފްތާވެ އެބައްޔާ ދެކޮޅަށް ހަށިގަނޑުގައި ދިފާއީބާރު (ރައްކާތެރިކަން) ލިބިފައިވާ މީހުންނަށް ނޫނީ މައްކާއާއި މަދީނާގައިވާ މުސްލިމުންގެ މުގައްދަސް ދެ ހަރަމްފުޅަށް ނުވަދެވޭގޮތަށް ސައޫދީ ސަރުކާރުން ހަމަޖައްސައިފިއެވެ.

ހައްޖާއި އުމްރާގެ ކަންތައްތައް ބަލަހައްޓާ ސައޫދީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޢުމްރާގެ އަޅުކަން އަދާކުރުމަށާއި، ނަމާދުކުރުމާއި އިއުތިކާފްގައި އިނުންފަދަ އަޅުކަންތައް ކުރުމަށް މައްކާގެ ޙަރަމްފުޅަށާއި މަދީނާގެ މަސްޖިދުއް ނަބަވީއަށް ވަނުމުގެ ފުރުސަތު ދެވޭނީ ކޮވިޑް-19 އާ ދެކޮޅަށް ރައްކާތެރިކަން ލިބިފައިވާ މީހުންނަށް އެކަންޏެވެ.

ކޮވިޑް-19 އާ ދެކޮޅަށް ރައްކާތެރިކަން ލިބިފައިވާ މީހުންކަމަށް ސައޫދީ ސަރުކާރުން ބަލަނީ ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރާ ވެކްސިން ގެ އެއްޑޯޒް ޖަހައިގެން ދެހަފްތާ (14 ދުވަސް) ވެފައިވާ މީހުންނާއި ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހުންނަށް ކަމަށް އެވުޒާރާއާ ހަވާލާދީ ސައޫދީ މީޑީއާ ބުނެއެވެ. މީގެއިތުރުން ކުރިން ކޮވިޑް-19 ޖެހި ރަނގަނޅުވެފައިވާ މީހުންގެ ހަށިގަނޑުގައިވެސް އެބައްޔާ ދެކޮޅަށް ދިފާއީ ބާރު އުފެދިފައިވާނެތީ އެއީވެސް ރައްކާތެރިކަން ލިބިފައިވާމީހުން ކަމަށް ހައްޖާއި އުމްރާގެ ކަންތައްތައް ބަލަހައްޓާ ސައޫދީ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ.

އުމުރާގެ އަޅުކަމުގެ އިތުރުން ހައްޖުގެ އަޅުކަމަށް އެދި ހުށަހެޅޭނީވެސް މިއެޕްލިކޭޝަންތައް ބޭނުންކޮށްގެން ކޮވިޑްގެ ދިފާއީ ބާރާބެހޭ (ވެކްސިން ޖެހިކަން ނޫނީ ކުރިން ކޮވިޑް ޖެހި ރަނގަނޅު ވެފައިވާކަމުގެ) ލިޔުންތައް ހުށަހަޅައިގެން ކަމަށް ވަނީ ބެލެވިފައެވެ. ހައްޖަށް ދިޔުމަށްޓަކައި މިލިޔުންތައް ހުށަހަޅަން ޖެހޭނެކަމަށް އަދި ރަސްމީ ސިފައެއްގައި ހައްޖާބެހޭ ސައޫދީ ވުޒާރާއިން ހާމަކޮށްފައި ނުވިނަމަވެސް ހައްޖު މޫސުމާ ގާތްވުމުން މިގޮތަށް އިއުލާން ކުރާނެކަމަށް ވަނީ ބެލެވިފައެވެ.

ކޮވިޑް-19 އާ ދެކޮޅަށް ބޭނުންކުރާ ވެކްސިން ގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނާއި އެއްޑޯޒް ޖަހައިގެން ދެހަފްތާވެ އެބައްޔާ ދެކޮޅަށް ހަށިގަނޑުގައި ދިފާއީބާރު ލިބިފައިވާ މީހުން ނޫން ބަޔަކު ރަމަޟާން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދެ ހަރަމްފުޅަށް ވަނުން މަނާކުރަން ޖެހުނީ ދެ ހަރަމްފުޅަކީ ގިނަބަޔަކު އަޅުކަމަށް ދާ މުގައްދަސް ދެ މިސްކިތަށް ވެފައި އެދެތަނަށް ދާ މީހުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ބޭނުމުގައި ކަމަށް ސައޫދީ މަސްއޫލުވެރިން ވިދާޅުވެއެވެ. (ސައޫދީ މިޑީއާ + ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު