މެގްނޯލިއާ 35

"ރަމަޟާންއަށް ތައްޔާރުވުމުގެ ގޮތުން ތެދުވެރި ހިތަކުން ތައުބާވެ ގިނަ ގިނައިން ގުރުއާން ކިޔަވާ ގުރުއާންގެ އިލްމު ހޯދަން މަސައްކަތްކޮށް ސުންނަތް ނަމާދުކޮށް ސޯޝަލް މީޑިއާ އާ ދުރުހެލިވެ ޒިކުރުކުރުން ގިނަކޮށް އެހެން މީހުންނަށް މާފުދީ ހިތްހެޔޮކޮށް ތިމާގެ އަޚުލާގު ރަގަޅުކުރަން މަސައްކަތް ކުރުމުން ރަމަޟާން މަހުގެ ބޭނުން ހެޔޮގޮތުގައި ހިފޭނެއެވެ."

***

ރެއިނާ ކާރުން ފޭބިގޮތަށް އެ ކުޑަ ކޮޓެޖާއި ދިމާލަށް ބަލަން ހުއްޓާ ބެލާ ޖިބްރީލްއާއި ކޮންމެވެސް ވާހަކައެއް ދައްކަމުން ނުކުމެގެން އަންނަތަން ފެނުނެވެ. ޖިބްރީލް ސްކޭޓް ބޫޓަށް އަރުވާލަދޭން ބެލާ އެހީވިއެވެ. ފަންގަނޑެއްފަދަ ބޯ އިސްތަށިގަނޑު ކުޑަކޮށް ދިގުކޮށްލާފައި އޮތުމުން ގޯނާކުރަމުން ދިޔަ ވަޔާއެކު އުދުހެމުންދާއިރު ކޮންފަދަ ލޯބިހެއްޔެވެ؟ ރެއިނާ އަށް ދަރިފުޅުގެ މޫނުން ނަޒަރު ވަކިކޮށެއްނުލެވުނެވެ. އައްމާދުއަށް ދައުވަތު ދީފައި އޮތަސް އެ ދުވަހާއި ހަމަޔަށް ހިތަށް ކުޅަދާނަ ނުވެގެން އޭނަގެ ދެފައި އޭނަ ދަމާފައި މިހިސާބަށް ގެނުވީ އަމިއްލަ އެދުމެއްނެތް ލޯބީގެ ސަބަބުންނެވެ. މަންމަގެ ހިތުގައި ދަރިއަކަށްޓަކާ އޮތް ލޯބި ބަޔާންކުރާނީ ކޮން ދުލަކުން ހެއްޔެވެ؟ ޖިބްރީލް ސްކޭޓްކޮށްފައި ރެއިނާއާއި ކައިރިވެލިއެވެ. ކުއްލިއަކަށް އެ ދެލޯ ރެއިނާއާއި ބައްދަލުވިއެވެ. އެއާއެކު ޖިބްރީލްއަށް ސިހުން ލިބުނީކަން ނޭގެއެވެ. އަރިއަޅާލިގޮތަށް ހަށިގަނޑު ސަމާލު ނުކުރެވި އަރިއަޅައިލިއިރުވެސް އެކުއްޖާ އަޑެއް ލައްވާނުލިއެވެ. ރެއިނާއަށް މަގޭ ދަރިފުޅާއޭ ބުނެ ހިފަހައްޓާލެވިއްޖެއެވެ. ޖިބްރީލްގެ ބުރަދަން ހިފަހައްޓާނުލެވި ރެއިނާވެސް ފަހަތަށް ވެއްޓެން ދިޔަގޮތަށް މަތަވީ ފާރުގައި ޖެހިފައެވެ. ރެއިނާއަށް އެ ކުޑަ މޫނުގައި ފިރުމައިލެވުނީ ނިކަން ލޯބިންނެވެ. ހަމަ އެ އޮމާންކަމެވެ. އެ ދިގު ދިގު އެސްފިޔަތަކެވެ. ރެއިނާގެ ލޮލުން ކަރުނަ އޮހިގަތުމާއެކު ލޮލުގައި ބޮސްދިނެވެ.

"މިކާ......މަންމަގެ މިކާ. މިއީ ދަރިފުޅު މަންމައޭ....ހަދާނެއް ނުވޭތަ؟ "

ޖިބްރީލް ކުއްލިއަކަށް ރެއިނާގެ އަތުތެރެއިން ވީއްލިގެން ސްކޭޓްކޮށްފައި ދިޔަ ބާރުމިނުގައި ގެއަށް ވަދެ ލޯމަތިން ގެއްލުނެވެ.

"ރެއިން. ލީވް ހިމް ބީ...." ބެލާ ރެއިނާގެ ކޮނޑުގައި އަތް ބޭއްވިއެވެ.

"ބެލާ. އައި ސްވިއާ އެއީ އަހަރެންގެ މިކާ...."

"މިކާއަށް ވިއްޔާ މަންމަ ވަކިކުރަން ނޭގުނީ ކީއްވެތަ؟ " ބެލާ އެހިއެވެ.

"އޭރު މިކާގެ އުމުރުން އެންމެ ތިން އަހަރު..." ރެއިނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބައެވެ. "ބެލާ. އަހަރެން ބޭނުން މިކާއާއި ވާހަކަ ދައްކަން. ހަދާންކޮށްދޭން. ހީޒް މައި ޗައިލްޑް. ސަތޭކަ ޕަސެންޓް ޔަގީންވެއްޖެ. މަންމައަށް ދަރިއަކު ނޯޅޭނެ. އެ އިހުސާސްތައް އެއަށްވުރެ މާ ވަރުގަދަވާނެ. މިކާ ފެނުމުން ހިތުގައި އުފެދިގަތް ލޯތްބާއި ކުލުނަކީ ހަމަ މަންމައެއްގެ ލޯބި ފިޔަވާ ދެވަނައެއްޗެއް ނޫން. އެއީ ހަމަ މަގޭ ދަރިފުޅު. މަގޭ ފުރާނަ...."

ބެލާއަށްވެސް ރެއިނާގެ ކަރުނުން އަސަރުކޮށް ދެލޯ ތެމޭގޮތްވިއެވެ.

"އެންމެ ރަގަޅު. ޖިބްރީލްއާއި މީޓްކުރުވަދޭނަން...." ބެލާވެސް ރެއިނާގެ ހަގީގީ ދަރިއަކަށް ޖިބްރީލް ވެދާނެތޯ ޔަގީންކުރަން ބޭނުންވިއެވެ.

ދޮރުގައި ޓަކިދީ ޖިބްރީލްއަށް ގޮވާ ގޮވާ ޚަބަރެއްނުވުމުން ރެއިނާ މާޔޫސްވިއެވެ. ދަރިފުޅަށް އޭނަ ވަކިކުރަން ނޭގުނީތީ ހިތާމަކުރިއެވެ. ނަމަވެސް ޖިބްރީލްއަށް ވަގުތުވެސް ދޭން ޖެހޭނެއެވެ. ކުޑަކުއްޖަކު ހަދާން ނެތޭހާ ދުވަސްވެއްޖެއެވެ. ގާތްގަނޑަކަށް ހަ އަހަރަކީ ކުރު މުއްދަތެއް ނޫނެވެ. އެކަމަކު އޭނަގެ މިކާ އެހާ ލޯބިން އުޅެފައި އެހާ ވަރުން މަންމަ ނުލާ ނޫޅެވިފައި ހަމަ ހަދާން ނައްތާލީހެއްޔެވެ؟ އޭނަ ކައިޔާންއާއި ދަރިފުޅު މަތިން ހަދާން ނައްތާލުމެއްނެތި ލޯތްބާއިއެކު ހިތުގެ ފުންމިނުގައި އެ ހަދާންތައް އާކުރާއިރު އޭނަގެ އާއިލާއިން އޭނަ އެއްފަރާތްކޮށްލައިފިއެވެ. މާބޮޑަށް ލޯބިވެވުނީއެވެ. އެވަރަށް ލޯބިވުމުން ހިތަށް ލިބޭނީ ދަތިކަމެވެ. އެއްފަރާތުން ވެވޭ ލޯބީގައި އެހާ ފޮނިކަމެއް ނުހުންނާނެއެވެ.

"އައިމް ސޮރީ ރެއިން. އަދި ރަގަޅުވާނެ." ބެލާގެ ހިނިތުންވުމުގައި އޯގާތެރިކަމެއްވިއެވެ.

***

އައްމާދު ކޮޓަރީގެ ދޮރު ހުޅުވާލާފައިވަން އިރު ޖިބްރީލް އެނދުގައި ނިދިފައި އޮތީ ސްކޭޓް ބޫޓާއެކުގައެވެ. އަޖައިބެއްފަދަ ރީތި އެސްފިޔަތަކުގައި ބޮޑެތި ކަރުނަތިކި ހަރުލާފައެވެ. އަތުތެރެއިން ސޮހިގެން ތިރިއަށް ވެއްޓިފައިވާ ފޮތް ހުޅުވާލިއިރު މިކާގެ ޑައިރީކަން އެގުމުން ހުއްދަނެތި ކިޔާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް ހުޅުވުނީ އެންމެ ފަހު ސަފުހާކަމުން ރަތް ގަލަމުން ބޮޑު ފޮންޓަކުން ލިޔެފައިވާ އެ ޖުމްލަ ލޮލުގައި އަޅައިގަތެވެ. އައްމާދުއަށް ހިންދިރުވައިލެވުނެވެ.

"ޓުޑޭ އައި މެޓް މައި މަމް....." ޖިބްރީލްގެ އަތު ލިޔުމާއެކު ޖުމްލައިގެ ފަހަތުގައި ރަތް ހިތެއް ކުރަހާލާފައެވެ. އަދި މަންމައަކާއި ކުޑަ ކުއްޖަކު އަތުގައި ހިފާލައިގެން ގޮނޑުދޮށުގައި ހިގާލާފައި ދާ މަންޒަރުވެސް މެއެވެ. ފަހަތުންނެވެ. އަންހެންކުއްޖާގެ ބުޅި އިސްތަށިގަނޑާއި ކުޑަކުއްޖާގެ ފަންއިސްތަށިގަނޑުން އައްމާދުއަށްވެސް ހައިރާންކަމެއް ލިބުނެވެ. ޖިބްރީލްއަށް ނޭގިވެސް އެއޮތީ މަންމަގެ އިސްތަށިގަނޑުގެ ސިއްރު ބޭޒާރުވެފައެވެ. ކުޑަކުދިންގެ އެފަދަ ވިސްނުމެއް ނުހުންނާނެތާއެވެ.

އައްމާދުއަށް ލޯ މަރާލެވުނެވެ. ކަރުނަތިއްކެއް ތިރިއަށް ދަތުރުކރީ އެނގުމަކާ ނުލައެވެ.

ރެއިނާއަކީ ޖިބްރީލްގެ މަންމަކަން އޭނައަށްވަނީ އޮޅުން ފިލާފައެވެ.

***

ރެއިނާ އާއި ގަޒަލް ބެންޗުގައި އިށީދެލައިގެން ތިބިއިރު ރެއިނާ ހިތްވަރުކުރަން މަސައްކަތްކުރިއެވެ.

"ސަތޭކަ ޕަސެންޓް ޔަގީންވެއްޖެ. މިކާ ނޯޅޭނެ. އެހެން ކުއްޖަކާ އެ ކަނެކްޝަނެއް ނެތް. މަންމައަށް ދަރިފުޅު އެނގޭނެ. އެހާ ވަރުގަދަ އިހުސާސްތަކެއް އެހެން ކުއްޖަކަށްޓަކާ ހުރުމަކީ އިމްޕޮސިބްލްކަމެއް. ދެރަވަނީ މިކާއަށް މަންމަ ނޭގުނީމަ. މިކާ ހަދާން ނެތުނީމަ. މިކާ އަނގައިން ނުބުނީމަ..އެހެންވެ ހަމަ ދެރަވަނީ. ކައި ހެދިހެން މިކާވެސް ދިޔައީތަ ޖީޖީ..." ރެއިނާ ލޮލުގައި ޓިޝޫ ޖައްސައިލިއެވެ.

"ސްޓުޕިޑް. ކޮން ގޮތަކަށް ތި ވިސްނަނީ؟ ލިސެން ރެއިން. ދަރިފުޅާއި މަންމައާއި އޮންނަ ގުޅުން އެހެން މީހުންނާ ކޮމްޕެއާ ނުކުރޭ. ފިރިހެން މީހާ ވަރިކޮށްލިޔަސް އެހިސާބުން ހިލޭ މީހަކަށް އެވީ. މި ޒަމާނުގައި އޮންނަ ލޯތްބަކީ އެކަހަލަ އެއްޗެއް. ތެދުވެރި ލޯތްބަކީ ތަދު އެއްޗެއް. ވީމަ ކައި އަދި ބިޓްރޭ ކުރިޔަސް މިކާއާއިމެދު ތިހެން ނުވިސްނާ. އެއީ އަދި އިނޮސެންޓް ކުޑަ ކުޑަ ކުއްޖެއް. އޭނައަށް ޓައިމްވެސް ބޭނުންވާނެ. އެހާ ދުވަސްކޮށްފައި މަންމަ ފެނުނީމަ ޝޮކަކަށްވެސް ހިގައިދާނެ. ނޫނީ މަންމައާއި ވައްތަރު މީހެއް ކަމަށްވެސް ހީކުރެވިދާނެ. ނޫނީ ހަމަ ކުޑަ ވީމަ މަންމަ މަތިން ހަދާން ނެތިފައިވެސް ހުރެދާނެ....." ގަޒަލް ރެއިނާގެ ކޯތާފަތް ފޮހެލަދިނެވެ. "ރެއިން ބީ ސްޓްރޯންގް...."

ރެއިނާ ހަމަޖެހުނީ އިރުކޮޅެއްވާންދެން ރޯލެވުނީމައެވެ.

"ﷲ އިޒް އިނަފް..." ރެއިނާ ހިނިތުންވެލިއެވެ.

"އެކަމަކު މިކާ އެހާ ދޮންވެފައި އިސްތަށިގަނޑަށް މުށިކުލަ އެރީ ކީއްވެތަ؟ " ރެއިނާ ކުއްލިއަކަށް އެހިއެވެ.

"ކުދިން ބޮޑުވާވަރަކަށް ތަފާތުވެދާނެ. އަނެއްކޮޅުން މިކާ އަބަދުހެން މޫދާއި އަވީގައި އުޅުނީމ އޭރު ހަންގަނޑު އަދާފައި ހުރީމަ އެކުލައިގާ ހުރެދާނެއްނު. ކުލަ މުހިއްމެއްނޫން. އެއީ މިކާ ކަމުގައި ވެއްޖެއްޔާ އަދި ތަފާތު ސިފައަކީ މައްސަލައެއް ނޫންތާ..." ގަޒަލް ގެ ޖަވާބުން ރެއިނާ ހިތްހަމަޖެހުނެވެ.

***

އައްމާދު އަންނަންވާއިރަށް އެންމެންހެން ތައްޔާރުވެލައިގެން ސިޓިންރޫމްގައި އިންތިޒާރުގައި ތިބއިރު ކައިޔާން ފެންނާކަށް ނެތެވެ. ރެއިނާ ވެސް އެތެރެއަށް ވަނީ ހިތް ތެޅޭވަރުން ފަޅައިގެންދާނެ ބިރަށެވެ. ކޮރިޑޯއިން ކައިޔާންއާއި ދިމާވުމުން ޖެއްސުމަށް ހީލިއެވެ.

"އާ ޔޫ ޝުއަ؟ ޖިބްރީލް އަކީ މިކާ؟ ތިހެން އުޅެފައި އެންމެ ފަހުން އައްމާދުއާއި މެރީކުރާނީ ހެން މަށަށް ހީވަނީ..."

"ވެދާނެ. ދަރިފުޅު ހޯދަން ކަނޑަށްވެސް އެރިދާނަން.."

"ހަހަ....ކަނޑަށް އެރިގެން މަރުވީމަ ދަރިފުޅު ލިބޭތަ؟ ތިހާ ދީނީކުއްޖަކު ތިހެން ވާހަކަދެއްކީމަ އަންއިސްޕަޔަރިން އިނގޭ...އަސްލު ބުނަންތަ؟ ކިއްވެ ތިހާ އެނޯޔިން އީ؟ ފެނުނަސް ރުޅި އާދޭ.." ކައިޔާން ބުމަ އަރުވައިލިއެވެ.

ރެއިނާގެ ޖަވާބަކަށްވީ އެތެރެއަށްވަދެ ދޮރު ލައްޕައިލުމެވެ.

"ސީރިޔަސްކޮށް ފޫހި ކުއްޖެއް އެކަމަކު އަބަދަށް ފެނި ފެނި ދިމާކުރާހިތްވެސް ވޭ. ދޭނެ ބޮނޑިއަކާއިމެދުވެސް ވިސްނޭ. އަޖައިބެއްނު. އެކަމަކު ގޯސްކުއްޖެއްވެސް ނޫނެއްނު. ދެން ކީއްވެ ފޫހިވަނީ؟ "ކައިޔާން ދޮރާއި ދިމާލަށް ހިނގައިގެންފައި ހުއްޓުނެވެ. އެވަރަށް ދެރަކޮށްލާކަށް ނުވާނެއެވެ. އެހާ ދީވާނާވެގެން އުޅޭއިރު ދެން އެވަރު ނުކުރިޔަސް ވެދާނެއެވެ.

***

އައްމާދުއާއި ޖިބްރީލް އެއްކޮށް ވަނުމާއެކު ކައިޔާންގެ ނޭވާވެސް އެތެރެހަށީގައި ތާށިވިއެވެ. ލޮލުގެ ކުރިމަތިން އޭނަގެ މާޒީ ޖިބްރީލްގެ ސިފައިގާ ކުރިމަތިން ފެނުނީއެވެ. އެހެންނުވާންވީ ކީއްވެހެއްޔެވެ؟ އޭނައަށް ޔަގީނުންވެސް ޖިބްރީލްގެ ހިނގުމާއި އެ ސިފަ އޭނައާއި ވައްތަރުވިއެވެ. ކުޑައިރުގެ ކާބަން ކޮޕީއެއްފަދައެވެ. ސީދާ އެހެނެއްނޫނެވެ. ނަމަވެސް ވައްތަރުކަމެއް ހުރީއެވެ. ކައިޔާންއަށް ނޭވާލާންވެސް ހަދާންނެތުނެވެ. އައްމާދު ސަލާމްގޮވާލާފައި ވަނުމުން އިށީންނަން ދައުވަތު ލިބުނެވެ. ލަދުން ހުރި ޖިބްރީލް ނިކަން ސިއްރުން ބަލައިލީ ދަންނަ މޫނެއް ފެނޭތޯއެވެ. ގަޒަލް ހީލިއެވެ.

"ހައި ސްވީޓްހާޓް...." ގަޒަލްއަށް ބުނެވުނެވެ. "ޔޫ ލުކް ސޯ ހެންޑްސަމް މާޝާﷲ. ޖަސްޓް ލައިކް............"

ގަޒަލް ކަރުކެހިލިއެވެ. އަދި ބުނަން އުޅުނު ޖުމްލަ ދިރުވާލައިފިއެވެ. ޖިބްރީލް ހީލިގޮތުން ކޮލަށް އަޑިކޮޅެއް އެޅުނެވެ.

ސަބީނާ ތެދުވެގެން ގޮސް ޖިބްރީލްއާއި ހަމަޔަށް ގުދުވެ އިސްތަށިގަނޑުގައި އަތް ޖައްސައިލިއެވެ. އަދި ގެންގޮސް އޭނައާއި ސުފިޔާންއާއި ދެމެދު ބޭންދިއެވެ. އަދި ތައާރަފުވީ ކާފައާއި މާމަކަމުގައެވެ. ޖިބްރީލްއަށް ވާހަކަ ނުދެއްކޭކަން އެނގޭތީ އެކަކުވެސް ވާހަކަ ދައްކުވަން މަަސައްކަތެއް ނުކުރެއެވެ. އިރުކޮޅެއްވާންދެން އެންމެންގެ ފުރިހަމަ ސަމާލުކަން ލިބި ތަރިއެއްފަދައިން ޖިބްރީލްވިއެވެ. އެއަށްފަހު ދެން އައްމާދުއާއި ވާހަކަދެއްކިއެވެ. ގަޒަލްގެ ބައްޔާއި ބެހޭގޮތުން ވާހަކަދައްކާ ރުގުޔާގެ މައުލޫމާތު އޮޅުން ފިލުވިއެވެ. މިލާން ދޫކޮށް ޖިންނިން ދިޔުމަށްފަހު ގަޒަލް އަދިވެސް ރަގަޅުނުވަނީ ކީއްވެހެއްޔޭ އެހިއެވެ. އައްމާދުބުނީ މިލާންއާއި އަޅައިގެންފައި ހުރި ޖިންނިވެސް އަދި މުޅިން ދިޔައީ ނޫންކަމުގައެވެ. ރުގުޔާ ގިނަދުވަސްވާންދެން ކޮށް އެގެއަށްވެސް ކިޔަވާ ފެންޖަހަން ޖެހޭނެކަމަށާއި ގޭގައި ކޮންމެ ރެއަކު ބަގަރާ ސޫރަތަ ކިޔެވުމަށް އެދުނެވެ.

ކައިޔާން އިނީ ދެވަނަފަހަރަށް ޖިބްރީލްއާއި ދިމާލަށް ބަލަންވެސް އުދަގޫވެފައެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ؟ އެކުއްޖާ ފެނުމުން ހިތް މަޑުވީވަރަށް އެހެން ކުއްޖެއް ފެނުމުން ވެފައެއް ނެތެވެ.

"ޑީއެންއޭ ހެދުމުގެ ބޭނުމެއްނެތް. ހީޒް ޑެފިނިޓްލީ މައި ސަން..." ކައިޔާން އަށް ފޮޓޯ ފެނުމުން ޔަގީންކަން ލިބުނެވެ. ނަމަވެސް މިވަރަށް ނޫނެވެ.

ކާކޮޓަރިއަށް ވަންނާން ދިޔައިރު ގަޒަލްއަށް ޖިބްރީލްގެ އަތުގައި ހިފައިލެވުނެވެ.

"ބޭބީ. މިއީ ޖީޖީ އާންޓް އިނގޭ. ވަރަށް ލޯބިވޭ...."

ޖިބްރީލް ލަދުންހުރެ ހީލިއެވެ.

"ހަމަ އެހާ ލަދުރަކި ކުއްޖެއްތަ؟ " ގަޒަލް އެއަތުން ދޫކޮށެއްނުލިއެވެ. " ޖީޖީއާއި އެކު ކުޅޭނަންތަ؟ "

ކިތަންމެ ވަރަކަށް ވާހަކަދައްކުވަން މަސައްކަތް ކުރިޔަސް ޖިބްރީލް ހިމޭން ކަނޑެއްފަދައެވެ. އެ ދިގު އެސްފިޔަތަކުން ފަރުދާކުރެވިފައިވާ ރީތި ދެލޮލުގެ ތެރޭ ވާ ސިއްރުތައް ދެނެގަންނަން އެކަކަށްވެސް ނޭގުނެވެ. ކާކޮޓަރިއަށް ވަދެފައި ސަބީނާ ބަލައިލީ ގަޒަލްއަށެވެ.

"ރެއިން ކޮބާ؟ "

ޖިބްރީލް ކުއްލިއަކަށް ސިހިފައި ގަޒަލްއައި ދިމާލަށް ބަލާލައިފިއެވެ.

"މިގުޅަނީ....." ގަޒަލް ފޯނުނެގިއެވެ.

އިރުގަނޑެއްފަހުން ރެއިނާއަށް އެތަނަށް އާދެވުނެވެ. ވަރަށް ރޮއިފަހުރިކަމަށް ލޯ ހެކިދެއެވެ. އަނދުނުން ލޯ ފަވާލައިގެން ފައުންޑޭޝަން ކޮޅެއް އުގުޅާލައިގެން ހުއްޓަސް ލޮލުގައިވާ ރިހުމެއް ނުފޮރުވުނެވެ. ޖިބްރީލް ފެނުމާއެކު ރެއިނާގެ ފިޔަވަޅުތައް ހުއްޓުނެވެ. ކުޑަ ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ. މަޑުމަޑުން ހިނގާލާފައި އައިސް ރެއިނާ ޖިބްރީލްގާތު ހުހަށް ހުރި ގޮނޑީގައި އިށީދެލިއެވެ. ރެއިނާ ޖިބްރީލްގެ ތަށްޓަށް މޭޝްޑް ޕޮޓޭޓޯއާއި ޗީޒީ ސަމަން ކަސުރޯލް އަދި މެކް އެންޑް ޗީޒްވެސް އަޅާލަދިނެވެ. ޖިބްރީލް އިސްޖަހާލައގެން އިނެވެ. ހިމޭން ކަރުނަ އޮއްސަމުން ދިޔައެވެ. އެ ކޯތާފަތް ތެމިގެން ތިރިއަށް ދަތުރުކުރަން ފެށި ކަރުނަތަކުން އިއާންވެސް ހައިރާންވިއެވެ.

"މާ ކުޅިވީތަ " އިއާން އެހިއެވެ. އެކި މީހުން ސުވާލުކުރީ ޖިބްރީލްގެ ލޮލުން ކަރުނަ އަންނަންވީ ސަބަބެއް ނޭގިފައެވެ.

"އެންމެ މީރު އެއްޗެއް ބުނެބަލަ....." ރެއިނާ އެތިކޮޅެއް އަނގަޔަށް ލައްވަން އުޅުމުން ކުޑަކޮށް ޖެހިލުންވެފައިވެސް އަނގަ ހުޅުވާލައިފިއެވެ. މީރުހެއްޔޭ އެހުމުން ނިތްކުރި އަރުވާލުމުން ރެއިނާއަށް ކުޑަކޮށް ބައްދާލެވުނެވެ. ނަމަވެސް ޖިބްރީލް މަސައްކަތްކުރީ ރެއިނާއާއި ދުރުވުމަށެވެ. ނުބަލަންވެސް އޭނަ މަސައްކަތްކުރިއެވެ. ރެއިނާއަށް އެކަން ފާހަގަކުރެވި ދެރަވިއެވެ. އޭނައާއި ދުރުވާން ދަރިފުޅު މަސައްކަތްކުރާވަރު އެނގުނެވެ. އައްމާދު އަދި ކައިޔާންގެ ނަޒަރު ޖިބްރީލްގެ ހަރަކާތްތަކަށް ހުއްޓިފައިވިއެވެ.

މަންމަ އޭނަ އެއްލާލާފައި ދިޔައީކަމުގެ ކުށް ހީކުރެވި މޮޅިވެރިވެފައި އިން ޖިބްރީލް އެއްގޮތަކަށްވެސް މަންމަ އަދި އެހެން މީހަކަށްވެސް މާފުދޭކަށް ބޭނުމެއްނުވިއެވެ. މަންމަ އޭނަދެކެ ލޯބިވީނަމަ އަޅާލީނަމަ އޭނަ އެއްލާލީ ކީއްވެހެއްޔެވެ؟ ސުވާލުތަކުން ފުރިފައިވާ ހިތަށް ޖަވާބެއް ލިބުނީ ރެއިނާ ކޮންމެވެސް އެއްޗެއް ބަލާ ބަދިގެއާއި ދިމާލަށް ހިނގައިަގތް ވަގުތު ފޯނު ރިންގުވިތަން ފެނިފައެވެ. އެ ފޯނުގެ ޑިސްޕްލޭގައި އިން އޭނަގެ ޅައިރުގެ ތަސްވީރު ލޮލުގައި އަޅައިގަތެވެ.

"ވީއިރު މަންމަ އަޅުގަނޑުގެ މަތިން ހަދާނެއް ނުނެތޭ.އެހެންނޫންނަމަ މަންމަގެ ފޯނުގައި އެފޮޓޯއެއް ނުހުރީސް...މަންމަ އެ ފޮޓޯ ލާފައި އިންނާނީ ހަދާންވާތީނު. އެކަމަކު ދެން ކީއްވެ....." ޖިބްރީލް އިނީ އެހެން ޚިޔާލެއްގައެވެ.

އައްމާދު ޖިބްރީލްގެ އަނެއް ފަރާތުގައި އިނުމުން ކައިޔާންއަށް އުދަގޫތަކެއް އިހުސާސްކުރެވުނެވެ. އަދި އައްމާދު ދަރިފުޅާއޭ ކިޔާފައި ވާހަކަދެއްކުމުން ނުރުހޭގޮތްވިއެވެ. އައްމާދު އާއި ރެއިނާ ދެފަރާތުގައި ތިބެގެން ވާހަކަ ދައްކާ ގޮތާއި ޖިބްރީލްއަށް އަޅާލާ ވަރު ފެނުމާއެކު އެތަނުން ތެދުވެގެން ދާން ކައިޔާން ބޭނުންވިއެވެ. ޔަގީނުންވެސް ހިތަށް ދަތިކަމެއް ލިބުނެވެ. ރެއިނާ އައްމާދުއާއި ކައިވެނި ކޮށްފާނެ ހެއްޔެވެ؟ އެންމެފަހުން ގުޅޭނީ އެދެމީހުން ކަން ނޭގެއެވެ. ޖިބްރީލްއަށްވެސް އޭނަ މުހިއްމެއް ނުވާނެތާއެވެ.

"ޖިބްރީލް.....އެންމެ މީރީ ޗީޒްތަ؟ " ސުފިޔާން އެހިއެވެ.

ޖިބްރީލް ބޯ ޖަހާލަމުން ހިނިތުންވެލިއެވެ.

އެއްވެސްމީހަކު ސީދާކޮށް ރެއިނާއާއި ޖިބްރީލްގެ އޮތް ގުޅުމުގެ ވަހަކައެއް ނުދައްކައެވެ. ކެއުން ނިމުމުން ކައިޔާންއަށް ހިނދުކޮޅަކުވެސް އެތާ އިނދެވުނުކަމަކަށް ނުވިއެވެ. ވަރުބަލިވެއްޖެކަމަށް ބުނެފައި ކޮޓަރިއާއި ދިމާލަށް ހިނގައިގަތީއެވެ. އެހެން އެންމެން ގަޒަލްއަށް ރުގުޔާ ކުރާއިރު އެހީތެރިވާން އެކޮޓަރިއަށް ދިޔައީ ރެއިނާ ގާތު ޖިބްރީލް ބައިންދާފައެވެ. ރެއިނާ ޖިބްރީލް އާއެކު އެގޭގެ ކޮޓަރިއަކަށް ގެންގޮސް ވީޑިއޯ ގޭމް ކުޅެން ޖައްސައިލިއެވެ. ޖިބްރީލް އެހާ ޝައުގެއްނެތެވެ. ބޮޑަށް ޝައުގުވެރިވީ ރާޒުވާއައި ބިލިއާޑް ކުޅުމަށެވެ. ބިލިއާޑް ކޮޓަރިތެރޭ އޮރެންޖް އައްޔެއް ފެތުރިފައިވާއިރު ނިކަން ހިތްގައިމެވެ. ޖިބްރީލް ނިކަން ގަޔާވެފައި ބޯޅަތައް ވައްޓައިލަން ބިލިއާޑް ދަނޑިގަޑުގައި ހިފަހައްޓާލައިގެން ހުރިއިރު ރެއިނާއަށް ސިފަވީ ކައިޔާންގެ ދެލޮލެވެ.

"މިކާ. މިކާ އަސްލުވެސް މަންމަ މަތިން ހަދާން ނެތުނީތަ؟ " ރެއިނާ ކުއްލިއަކަށް ޖިބްރީލްގެ މޫނުގައި ހިފެހެއްޓިއެވެ. އޭނަ ތިރިއަށް ސޮއްސައިލުމާއެކު ރެއިނާއާއި ދުރަށް ޖެހުނެވެ. ޖިބްރީލްގެ އަމަލު ހުރިގޮތުން ރެއިނާގެ ހިތަށް ކުރާ އަސަރު ބަޔާންކުރަން ކުޅަދާނައެއް ނޫނެވެ.

"މަންމި..." އިރުކޮޅެއްފަހުން އޭނަ ކުޅުން ހުއްޓާލާފައި ރެއިނާ އާއި ދިމާލަށް އައެވެ. ޖިބްރީލް އޭނަގެ ނަމުން ގޮވުމުން ލިބުނު ހައިރާންކަމާއެކު ލޯ ބޮޑުވެއްޖެއެވެ. ޖިބްރީލްއަށް ވާހަކަދެއްކެނީހެއްޔެވެ؟

"މިކާ. ކީއްވެ ކުރިން އަނގައިން ނުބުނީ؟ މިކާއަށް ވާހަކަދެއްކޭތަ؟ "

ޖިބްރީލްގެ މޫނުގައި ވިދަ ވިދާހުރީ ރެއިނާގެ ލޮލުން އޮހުނު ކަރުނަތަކެވެ.

"ސޮރީ ދަރިފުޅާ. މަންމި ޑާލިންއަކަށް ނޭގޭނެ. ހާދަ ވަރަކަށް މަންމަ ރުއީމޭ. މަންމަ ހީކުރީ މިކާ މޫދަށް ގެނބުނީ ކަމަށޭ. އެންމެން ދޮގުހަދާ މަންމައަށް އޮޅުވައިލީ. މަންމައަށް މިކާ ދުނިޔޭގައި ހުރިކަމެއް ނޭގުނު. އައިމް ސޯ ސޮރީ ދަރިފުޅާ. މަންމަ ގާތު ދަރިފުޅު އަބަދު އެދުނީމެއްނު ބައްޕައެއް ހޯދަދޭން. ދަރިފުޅުގެ ހަގީގީ ބައްޕައާއި ދިމާވެއްޖެ...." ރެއިނާއަށް އެތައް ޖަޒުބާތުތައް އެއްފަހަރާ ރޮއްވާލައިފިއެވެ. ރޮމުން ހެމުން އޭނަ ޖިބްރީލްގެ ނިތްކުރިއާއި އެތަން މިތާ ބޮސްދިނެވެ. އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް ކައިޔާން ދޮރުމައްޗަށް އެރިއެވެ.

"ބައްޕަ މިކާދެކެ ވަރަށް ލޯބިވޭ. ހީޒް ދަ ބެސްޓް ޑޭޑް...." ޖިބްރީލް ބުނެލިއެވެ.

"ކޮންކަމެއް ބައްޕަ ކޮށްދެއްވަނީ؟ "

"ބައިސްކަލް ދުއްވަން ދަސްކޮށްދެއްވި. މަސްބާނަން ގެންދަވާ. ފުޓްބޯޅަވެސް ކުޅެން. ގުރުއާން ކިޔަވަން ދަސްކޮށްދެއްވާ. ހުރިހާ ނަމާދެއް ކުރަން މިސްކިތަށް އެކީ ގެންދަވާ. މާތްﷲ ލޯބިވެވޮޑިގަންނަވާ ކުއްޖަކަށް ވާނީ އޭރުންނޭ ބައްޕަ ބުނުއްވި. އޭރުން އެންމެނަށް އެކީގައި ޖަންނަތަށް ދެވޭނެޔޯ." ޖިބްރީލްގެ ވާހަކަދެއްކި ގޮތުން އައްމާދުއަށްޓަކާ އެހިތުގައި އޮތް ޚާއްސަ ގަދަރާއި އިހުތިރާމް އަދި ލޯބި ކައިޔާންއާއި ރެއިނާއަށްވެސް ދެނެގަނެވުނެވެ. ކައިޔާންގެ ހިތުގައި ހަސަދައިގެ އޮއިވަރެއް ހިގާލައިފިއެވެ.

"ސޯ ހީޒް ޔޯ ޑޭޑް ހަހް؟ "ކައިޔާން ގާތަށް އައެވެ.

"ނޮޓް މައި ރިއަލް ޑޭޑް......އެކަމަކު.." ޖިބްރީލް ކައިޔާންއާއި ދިމާލަށް ބަލަން ފެށިއެވެ.

"މިކާގެ ބައްޕައަކީ ކާކުކަން އެނގެން ބޭނުންވާނެއްނު.. ބައްޕައާއި ދިމާވެއްޖެއްޔާ އައްމާދު ޑޭޑް ދޫކޮށްފާނަންތަ؟ "ކައިޔާން އެހިއެވެ. ޖިބްރީލް ވަގުތުން ބޯ ހޫރާލައިފިއެވެ. އޭނައަށް އައްމާދު އެއަށްވުރެ މުހިއްމެވެ.

"ވެލް....އައިމް ޔޯ ބައިލޮޖިކަލް ފާދާރ..." ކައިޔާން ޖިބްރީލްއަށް ސަލާމްކުރަން އަތްދިއްކޮށްލިއެވެ. ރެއިނާއަށް ޖިބްރީލް ނަޒަރު ހުއްޓައިލީ ޔަގީންނުވެފައެވެ.

"ބައްޕަގެ ސިފަ މިކާއަކާއި ތަފާތެއްނެތް. ބައްޕަ ފްލައިޓް އެކްސިޑެންޓެއްގައި ހަށިގަނޑު ވަރަށް ބޮޑަށް ފިހުނީ. އެހެންވެ...ކިރިޔާ ފުރާނަ ސަލާމަތްވީ. ދަރިފުޅާ. މިއީ ދަރިފުޅުގެ ބައްޕަ ކައިޔާން.....މަންމަ ވައުދުވީމެއްނު ބައްޕަ ހޯދައިދޭނަމޭ. މަންމައަށް މިއަދު ވައުދު ފުރިހަމަކުރެވިއްޖެ......" ރެއިނާ ޖިބްރީލްގެ އިސްތަށިގަނޑާއި ކުޅެލަމުން ވާހަކަދެއްކީ ކުލުނުން ފުރިފައިވާ ގޮތަކަށެވެ.

އެއަޑުއަހަން ދޮރުމަތީގައި އާގަމަވެފައި ހުރި ސަބީނާ އަނބުރައިނުގަތީ ހަމަކިރިޔާއެވެ. އޭރު ގަޒަލްވެސް ގޮނޑި ދުއްވަމުން އެހިސާބާ އަރާ ހަމަވެއްޖެއެވެ.

"ކައިޔާން. މަންމައަށް މިއިވުނީ ކޮން އަޑެއްތަ؟މިއީ ކައިޔާންގެ ދަރިއެކޭ؟ " ސަބީނާ ކައިޔާންގެ ކުރިމަތީގައި ހުއްޓުނެވެ. އޭރު ޖިބްރީލްވެސް ހުރީ ކަންބޮޑުވެފައިގޮތަކަށް އޭނަގެ މަންމަގެ މެދުހަށީގައި އަތް ވަށައިލިގޮތަށެވެ.

"ކޮބާ އައްމާދުމެން؟ " ކައިޔާން އެހިއެވެ.

"ސިޓިންރޫމްގައި.. ގަޒަލްއަށް ރުގުޔާކޮށްފައި އަދިވެސް ދެތިން ރޭ ކުރަން ޖެހޭނެޔޯ ބުނީ..އެކަމަކު ކައިޔާން. މަންމަ މިއަހަނީ ތި ދެކެވުނީ ކޮންވާހަކައެއް ހެއްޔޭ. ކައިޔާންއާއި ރެއިނާގެ އޮތީ ކޮން ގުޅުމެއް ހެއްޔޭ؟ މައުލޫ ބަދަލުކުރަން އުޅޭނެކަމެއްނެތް...." ސަބީނާ ތަންކޮޅެއް ހަރުކަށިކޮށް ބުނެލިއެވެ.

"ސޮރީ މަންމާ....." ކައިޔާން މާފަށް އެދުނެވެ.

"އެންމެ ރަގަޅު ތިވާހަކަ ކިޔައިދޭނީ ފަހުން. އެންމެ ސުވާލަކަށް ޖަވާބު ދީ. ޖިބްރީލްއަކީ ކައިގެ ދަރިއެއްތަ؟ " ސަބީނާގެ ސުވާލަށް ޖަވާބު ލިބުމުން އޭނަ އެކުއްޖާގެ ނިތްކުރީގައި ބޮސްދިނެވެ.

"މިކާ. މާމައަށް ފެނުމާއެކު ހިތަށް އެރި އެއްޗެއް އެނގޭތަ؟ މާމަގެ ދަރިން ކުޑައިރާއި ހާދަ ވައްތަރު ކުއްޖެކޭ. ކޮންމެގޮތެއްވިޔަސް މާމައަށް މިލިބުނީ ބުނަންވެސް ނޭގޭފަދަ ހައިރާންކަމެއް. މާމަމެންނަކަށް މިކާ ދުނިޔެއަކު ހުރިކަމެއް ނޭގުނު. އެއްވެސް މީހަކު އެވާހަކަ ނުބުނޭ. ﷲ ސުބުހާނަހޫ ވަތައާލާ އިންސާނުންނަށް އިމްތިހާނުތައް ކުރިމަތިކުރުވާ. މިއީ އިމްތިހާނެއް. ދަރިން ވަކިވުމާއި އަލުން އަނބުރާ ލިބުމަކީ އަލުން ވާކަމެއް ނޫން. ދުނިޔޭގައި ގިނަކަމެއް. މިކާ. މާމަ ވަރަށް އުފާވެއްޖެ. ރެއިނާއަކީ މާމަމެން ދަރިއެއްގެ ގޮތުގައި ބަލައިގަތް ކުއްޖެއް. މާމަ ކިޔުއްވީ ހަގީގީ މާމަ ދަރިއެއްކަން ނޭގިހުރެ...." ސަބީނާގެ ލޮލުންވެސް ކަރުނަ ފާއްދައިލިއެވެ.

"ތެންކިއު މާމާ...." ޖިބްރީލް މަޑުން ކިޔާލިއެވެ.

"ކައި. ޖީޖީއަށް ނުބުނެވެނީސް މަންމައަށް އިވުނީތީ އަލްހަމްދުލިﷲ. ބައެއް ސިއްރުތައް ކަށްވަޅަށް ގެންދެވިދާނެ. އެކަމަކު ނަސްލު އޮޅުވާކަށް ދީން ތަން ނުދޭ. މިކާއަށް ތި އާދެވުނީ މިކާގެ ފެމިލީ ކައިރިއަށް. ވެލްކަމް މިކާ ލަވް.." ގަޒަލް ފުޅާ ހިނިތުންވުމަކާއެކު ބުނެލިއެވެ. ސަބީނާ ބޭނުންވީ ކައިޔާންއާއި ރެއިނާ އަދި މިކާއަށް އެކަނިވެރި ފުރުސަތެއް ދިނުމަށެވެ. އެމީހުންގެ ވާހަކަތަކަށް ހުރަސް އެޅުމުން އޭގެ ބަދަލު ދޭން ބޭނުންވިއެވެ.

" ތިން ކުދިން ވާހަކަ ދައްކާ ނިމިގެން އާދޭ...." ސަބީނާ ގަޒަލްގެ ގޮނޑި ދުއްވަމުން އެތަނުން ނުކުތެވެ.

"މިކާ....." ކައިޔާން ޖިބްރީލް ގާތަށް ގޮސް ހުއްޓުނެވެ. ރެއިނާ ޖިބްރީލް އޭނަގެ ގައިން ކުޑަކޮށް ވީއްލުވާލައްވާފައި ކައިޔާންއާއި ގާތަށް ޖައްސާލައިފިއެވެ. ކައިޔާން ގުދުވެ ޖިބްރީލް ދެއަތުގެ އެހީގައި ނެގިއެވެ. ދެމޫނު ކިރިޔާ ނުޖެހުނުކަމެވެ. ދެން ކޮނޑުމަތީގައި ބޭއްވުމުން ޖިބްރީލްވެސް އޭނަގެ ބައްޕަގެ އަތުގެ ހިމާޔަތް ހޯދިއެވެ. ރެއިނާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. މިކާއަށް ބައްޕަ ހޯދާދެވުނުކަމުގެ އުފަލާއިއެކު ބުނަންނޭގޭފަދަ އަސަރުތަކެއް އޭނަ ރޮއްވައިލީއެވެ. ކައިޔާންއާއި ރެއިނާގެ ދޭތެރޭ އޮތް ނުބައި ގުޅުމުގެ ޚަބަރު ލިބިއްޖެއްޔާ ޖިބްރީލް ދެރަވާނެހެއްޔެވެ؟ ޖިބްރީލްއަށް ދޮންމަންމައަކާއި ދޮންބައްޕައެއް ހޯދައިދިނުމަކީ އެންމެ ރަގަޅު ހައްލުކަމުގައިވާނެ ބާވައެވެ. އިރުކޮޅެއްވާންދެން ތަނަށް ވެރިވެފައިވާ ހިމޭންކަމާއެކު އެކަކުވެސް އަނގައިން ބުނުމެއްނެތި އެ ވަގުތުކޮޅު މާޒީގެ ރީތި ހަދާނުގައި ފޮރުވާލައިފިއެވެ.

ކައިޔާން މިކާ ބިލިއަޑް މޭޒުމަތީގައި ބޭންދިއެވެ.

"ސޯ މިކާ....މިކާ ބައްޕައަށް ފޮގިވް ކުރާނަންތަ؟ " ކައިޔާން އެހިއެވެ.

"މްމްމް..." ޖިބްރީލް ކުޑަކޮށް ލަދުގަތެވެ.

"މިކާ ހުންނާނީ މިގޭގައިތަ؟ އެގޭގައިތަ؟ " ކައިޔާން ސުވާލުކުރިއެވެ.

"ޑޭޑް ދެރަވާނެ...ހީ ލަވްސް މީ އެލޮޓް..." ޖިބްރީލް ބުނެލީ ލަދުން އިނދެއެވެ.

"އެކަމަކު އޭނަގެ............."

"ދަރިފުޅާ ޖިބްރީލް. ގެއަށް ދާ ގަޑި ޖެހުނީ..." ކުއްލިއަކަށް ދޮރުމަތިން އައްމާދުއާއި ހާޒިލް ފެނުނެވެ. ރެއިނާގެ ހިތް ތެޅިގަތެވެ. އޭނައަކީ ދަރިފުޅުގެ މަންމަކަން އެނގުމަށްފަހުވެސް މިކާ ދުރަށް ދާން ބޭނުންވެދާނެ ހެއްޔެވެ؟ މިކާ ހުންނާނީ އޭނަ ގާތުގައެވެ.

"އައްމާދު. މިކާ މިހުރިހާ ދުވަހު މިއުޓްވީ މަންމަ ނުފެނިގެން. މިއަދު ވާހަކަދައްކަން އެފެށީ... އައްމާދު އަހަރެން ގާތު މިކާ ބަހައްޓަންވީނު. ޕްލީޒް.." ރެއިނާ އާދޭހުގެ ނަޒަރަކުން ބަލައިލިއެވެ.

"އެކަމާ ވިސްނާނަން. އަހަރެންވެސް ޖިބްރީލް ގެންގުޅުނީ ވަރަށް ލޯބިން. އެހާ ފަސޭހަކަމަކަށް ނުވާނެ. އެކަމަކު އަންޑަސްޓޭންޑްވޭ. މަންމައަކާއި ދަރިފުޅުގެ އޮންނާނެ މާތް ސާފު ތާހިރު ގުޅުން. ވަގުތުކޮޅެއް ދީ. އެކަމާ ވާހަކަދައްކަމާ..." އައްމާދު ފެނުމާއެކު ޖިބްރީލްގެ ރީތި ދެލޯ ދިއްލިގެން ދިޔަގޮތާއި އެ ލޯބި ލޯބި ނަޒަރު ކައިޔާންގެ ހިތް ފޫ އަޅުވާލައިފިއެވެ. އަމިއްލަ ދަރިފުޅަށް އޭނަ އެއްވެެސް މުހިމެއްނުވިއެވެ. ރަގަޅަށް ބަލައިލީއެއްވެސް ނޫނެވެ. އައްމާދު އަތް ދިއްކޮށްލުމުން ޖިބްރީލް ބިލިއާޑް މޭޒުމަތިން ފުންމައިލިއެވެ. އަދި ކައިޔާންގެ އަތުގައި ހިފާ ސަލާމް ކުރިއެވެ. ރެއިނާގެ ގައިގާވެސް ބައްދައިލިއެވެ.

" މިކާ...ލަވް ޔޫ. އަވަހަށް އަންނާތި.." ރެއިނާ މިކާގެ މޫނުގައި ބޮސްދިނެވެ.

އައްމާދު ސަލާމް ގޮވާލާފައި ދާން ހިނގައިގަތުމުން ރެއިނާވެސް ފަހަތުން ދިޔައެވެ. ކައިޔާންއަށް ރުޅި ބޭލުނީ ބިލިއާޑް މޭޒަށެވެ. އަތަށް ތަދުވިއެވެ.

***

ގޭގެ އަރާމު ކޮޓަރިއެއްގައި އެންމެން އިށީދެލައިގެން ތިބިއިރު އެންމެން ތިބީ ޝޮކެއްގައެވެ. ސުފިޔާންގެ މޫނުމަތިން ރުޅީގެ އަސަރުވެސް ފެނުނެވެ.

"ކައިޔާން. މީހަކާ އިނިއްޔާ ރެސްޕޯންސިބިލިޓީ ނަގަން ޖެހޭނެއްނު. އެއީ ކުޅިވަރަކަށް ކުރާ ކަމެއްނޫން. ދަރިފުޅު ނިކަމެތިވިނަމަޔޯ. ނަސީބެއްނޫންތަ މިކާ ރަގަޅު އާއިލާއެއްގެ ތެރޭ ބޮޑުވިކަން. ކައިޔާން މީހަކާއި އިންކަން އެންގުމެއްނެތި ޔަމަނަށްގޮސް އެ ގަނޑުގަނެލާފައި ނުބުނެ ތިހިރީ. ގަޒަލްވެސް ބައްޕަމެން ގާތު ބުނިނަމަ......" ސުފިޔާން މިއިން ޒަމާނެއްގައި އެހާ ރުޅިއައިސްފައި ހުންނަނިކޮށް އެކަކުވެސް ނުދެކެއެވެ.

"ރެއިނާވެސް ކިހާ ދެރަވާނެ. ކައި އެހާ ނިކަމެތިކޮށް ހެދީ ކިއްވެތަ؟ މިކާގެ ފޮޓޯތައް ކުރިންވެސް ބެލިނަމަ....އެކަމަކު މަންމަ ވަރަށް އުފާކޮށްފިން ހުރިހާ ވާހަކަތައް ކިޔާދީ ކުށަށް އެއްބަސްވީމަ.."

"މެރީ ރެއިނާ.." ސުފިޔާން ހުށަހެޅިއެވެ.

ގަޒަލްއަށް ހެވިއްޖެއެވެ. އަނގަމަތީ އަތްއެޅުނެވެ.

"އަސްލުވެސް. އެނޫންގޮތެއް ނެތެއްނު..އަޅުގަނޑުވެސް ހިތަށް އެރީ މިކާއަށް އެންމެ ރަގަޅުވާނީ މަންމައާއި ބައްޕަ ގުޅުނީމައޭ..އެހެންނޫނަސް ރެއިނާހާ ރަގަޅު ތެދުވެރި ކުއްޖެއް ކައިއަކަށް ނުލިބޭނެ." ގަޒަލް އަވަހަށް ބުނެލިއެވެ.

"ކާކު ގަޒަލްގެ އޮޕީނިއަން އެއް ބޭނުންވީ؟"ކައިޔާން ނުރުހުމުގެ ނަޒަރަކުން ބަލައިލިއެވެ.

"ކައިއަށް މަޖުބޫރުކުރާކަށް ނެތިން. އެކަމަކު ވިސްނާލުން ރަގަޅު. މިކާއަށް ރަގަޅުގޮތެއް ވިސްނަން އެބަޖެހޭ....." ސުފިޔާންގެ ޚިޔާލަށް އެންމެންހެން ތާއީދުކުރިއެވެ.

"އައްމާދު މިކާ ދޫކުރާކަށް ނެތް. ފައިނަލީ އޭނަ ރެއިނާއާއި މެރީކޮށްގެން އެގެއަށް ގެންދާނީކަން ނޭގޭ.."

"އައްމާދު ކިތަންމެ ބޭނުންވިޔަސް ލޯބިވިޔަސް ބައްޕައަކީ އޭނަ ކަމުގައި ނުވާނެއްނު. ދީނީގޮތުންވެސް އެކަން އޮންނަން ޖެހޭނީ އެގޮތަކަށް ނޫން. ބަލަމާ ވާގޮތެއް..." ސުފިޔާން ގެ ކުރިމަތީގައި ކައިޔާން އެއްޗެކޭ ނުބުންޏަސް އޭނަ އެތަނުން ނުކުތުމާއެކު ކައިޔާން ގަޒަލްގެ ކޮލުގައި ބާރަށް ހިފައިލިއެވެ.

"ގަޒަލްގެ ކަންތަކޭ. އަހަރެމެން ތަތްކުރަން އުޅޭނެކަމެއްނެތް. ސަބަބަކީ އިޓްސް ނޮޓް ހެޕެނިން..އަހަރެން މިކާ ދަރިއެއްގެ ގޮތުގައި ބަލައިގެންފިން އެކަމަކު ރެއިނާއާއި ނުގުޅޭނަން.." ކައިޔާން ނިންމިއެވެ.

"ނަސީބެއްނު އިންޝާﷲ ނުބުނެ ތިވާހަކަ ދެއްކިކަން.ހެހެ..." ގަޒަލް ދޫ ނެރެލިއެވެ.

***

އެންމެން ނިދަން ކޮޓަރިތަކަށް ވަންތަނާ މެގްނޯލިއާ ގަސް ހުންނަ ދިމާލުން ތޫފާނެއް އައިހެން ހީވިއެވެ. ގަސްތަކާއި އެކު ފުރާޅުމައްޗަށް އެތައް ޓަނެއްގެ ބުރަދަން ވައްޓާލެވުނުހެން ހީވިއެވެ. ދޮރުތައް ތަޅާ ފުރާޅަށް އެއްޗެހި އުކިއެވެ. އަނދިރިކަމުގެ ތެރެއަށް ގެ ގެނބުނެވެ. ރެއިނާއާއި ގަޒަލްވެސް ކޮޓަރިން ބޭރަށް ނުކުތްއިރު އެހެން އެންމެންވެސް ކަންބޮޑުވެގެން ނުކުތީއެވެ.

"ކުއްލިއަކަށް މިއައީ ތޫފާނެއްތަ؟ "

ނުނިމޭ

comment ކޮމެންޓް