ނައިންޓީސް ކިޑްސްގެ ދޯޕައްޓާ ހެދުމާ ޒެންޑޯ ފައިވާން

މިފަހަރުގެ ރޯދަމަހު އަހަރެމެން ދައްކާނެ އެއް ވާހަކައަކީ ދިރިއުޅުމުގައި ތަޖުރިބާކުރި ހާއްސަ، އަދި އޭގެ ރަންޒަމާނުގައި އެންމެ ހިނގި ނުވަތަ މަގުބޫލު ކަންތައްތަކުގެ ވާހަކައެވެ. މިހާރުވެސް އޭގެ ހަނދާން އާވުމުން ނޮސްޓެލްޖިކް އިސުސާސް ކުރެވޭ، ފޮނި ހަނދާންތަކުގެ ވާހަކައެވެ.

އަބަދަށްފެހި ހަނދާންތަކުގެ ތެރެއިން އޭރު ނަލަ ހެދިގެން ލައިއުޅުނު ދޯޕައްޓާ ހެދުމާއި، އަރައި އުޅުނު ޒެންޑޯ ފައިވާނުގެ ހަނދާންތައް އަދިވެސް އާވުމުން އޭރު އެ "އައުޓްފިޓު" ގައި ކުރެވެނު ސްމާޓް އިހުސާސް ކުރެވޭ ކަހަލައެވެ.

ނަވާރަސަތޭކައިގެ ފަހުކޮޅުން ފެށިގެން ދެހާހުގެ ކުރީކޮޅުގައި ދިވެހި އަންހެނުންގެ މެދުގައި ދޯޕައްޓާ ހެދުން މަގުބޫލެވެ. އޮފީސް ހެދުމެެއްގެ ގޮތުގައި އަދި ކެޒުއަލްކޮށްވެސް، ހާއްސަ މުނާސަބަތުތަކާ ގުޅުވައިގެންވެސް މި ހެދުން ލައި އުޅުނެވެ. ހަރުވާޅާ ހެދުމާއެކު ކަރުގައި ދޯޕައްޓާ އެއް އައްސާ ހެދުން ފުރިހަމަ ކުރެއެވެ. އޭރުގެ ފިލްމުތަކުންވެސް އެންމެ ފެނުނު، މަގުބޫލުވި ސްޓައިލަކީ މިއެވެ.

ދޯޕައްޓާ ހެދުމަށް ޕާކިސްތާނު ހެދުމޭވެސް ކިޔައި އުޅެއެވެ. އާންމުކޮށް މި ހެދުން ހުންނަނަނީ ކަކުލުން ތިރިއަށެވެ. ތިރިން ހަރުވާޅު ލާފައި ހުންނައިރު އަރިމަތިން ފަޅައިފައެވެ. މިއީ ރާއްޖޭގެ ސަރުކާރު މުވައްޒަފުންގެ ރަސްމީ ގަޑީގައި އަންހެނުން ލައި އުޅޭނެ ހެދުމެއްގެ ގޮތުގައިވެސް ކަނޑައެޅިފައި އޮތްް ހެދުމެކެވެ.

ގަޔަށް ރީތި، ލައިގެން އުޅެން ފަސޭހަ މި ހެދުމާ، އޭރުގެ ޒުވާން ކުދިންނާ އޮތީ ހިތާ ހިތުގެ ގުޅުމެކެވެ. މެދު އުމުރުގެ މީހުންގެ މެދުގައިވެސް އޭރު މި އައުޓްފިޓު ވަރަށް މަގުބޫލެވެ.

އެ ދުވަސްވަރުގެ އެންމެ ހަނދާންވާ އަނެއް އެއްޗަކީ ޒެންޑޯ ފައިވާނެވެ. އެންމެ ހަނދާންވަނީ ހަދިޔާ އަކަށްވެސް ޒެންޑޯ ފައިވާނެއް ބޭނުންވެގެން އުޅުނު ދުވަސްވަރެވެ. ރަތް ކުލަ، ނޫ ކުލަ، ކަޅުކުލަ އިންވެސް މި ފައިވާން ހުންނަ ހަނދާންވެއެވެ. ރަބަރު ކޮތަޅެއް ތެރޭ ފައިވާން ބަންދުކޮށްފައި އިންނައިރު، ތަންކޮޅެއް އުސްކޮށް، މިހާރު މި ހުންނަ ރީފް ފައިވާން ހުންނަ އުސްމިނުގައި ވެސް ޒެންޑޯ ފައިވާން ހުންނަ ހަނދާންވެއެވެ. އެއަށްވުރެ ތިރިކޮށްވެސް ހުރެއެވެ.

ހަވީރު ރީއްޗަކަށް އަރާލަންވެސް އަދި ފެންފައިވާނެއްގެ ގޮތުގައި ބޭނުންކުރަންވެސް އޭރު އެންމެ ކަމުދިޔަ އެއް ފައިވާނަކީ މިއެވެ. އެދުވަސްވަރުގެ ފައިވަން ލިސްޓުގައި ކްލެސިކް ނައިލޯނު ފައިވާނާއި އުންޖެހި ފައިވާން އަދި ނޫވަދު ޖެހި ކަޅު ފައިވާންވެސް ހިމެނޭނެއެވެ.

ނައިންޓީސް ކިޑްސްގެ ހަނދާންތަކާ ޒެންޑޯ ފައިވާން އަދި ދޯޕައްޓާ ހެދުން ގައިމުވެސް ގުޅިފައިވާނެއެވެ. އެކަހަލަ ހަނދާނެއް ވާނަމަ ނިކަން ކުރުކޮށްވިޔަސް ހިއްސާކޮށްލަބަލާށެވެ.

comment ކޮމެންޓް