ޕޮލިސް ބޯޑަށް ސަފާ އައްޔަންކުރަން ފާސްކޮށްފި

ރައީސް ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގެންނެވި ސަފާ ޝަރީފު: އޭނާ ޕޮލިސް ބޯޑަށް އައްޔަންކުރަން ވަނީ ފާސްކޮށްފައި -- ސަންފޮޓޯ/ މުހައްމަދު އަފްރާހު

ޕޮލިސް ބޯޑަށް ރައްޔިތުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެމްބަރު ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގެންނެވި ވަކީލު ސަފާ ޝަރީފު އައްޔަން ކުރުމަށް މަޖިލިހުން ފާސްކޮށްފި އެވެ.

ޕޮލިސް ބޯޑަށް އާންމުންގެ ފަރާތުން ދެ މެމްބަރު އައްޔަންކުރަން ޖެހެ އެވެ. އާންމުންގެ ތެރެއިން އެއް މެމްބަރަކު އެ ބޯޑަށް މީގެ ކުރިން ވަނީ އައްޔަންކޮށްފަ އެވެ.

އާންމުންގެ ތެރެއިން ޕޮލިސް ބޯޑަށް ދެ ވަނަ މެމްބަރަކު އައްޔަނު ކުރުމަށް ކުރި އިއުލާނާ ގުޅިގެން ހަ ބޭފުޅަކު ކުރި މަތިލި އެވެ. ކޮމިޓީ ރިޕޯޓުގައި ބުނެފައި ވަނީ އެ ހަ ބޭފުޅުންނާ ވެސް އިންޓަވިއު ކުރި ކަމަށެވެ. އަދި ސަފާގެ ނަން ތަޅުމަށް ފޮނުވުމަށް ފާސްވީ ކޮމެޓީގެ ތިންބައިކުޅަ ދެބައި މެމްބަރުންގެ އަޣުލަބިއްޔަތަކުން ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.

ސަފާ އައްޔަނު ކުރަން މަޖިލީހުގެ ޖަލްސާގައި މިއަދު ބައިވެރިވި މެމްބަރުންގެ ތެރެއިން 34 މެމްބަރުން ވަނީ ވޯޓު ދީފަ އެވެ. އެއްވެސް ކޮޅަކަށް ވޯޓު ދޭން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދިނެވެ.

ޕޮލިސް ބޯޑަށް އާންމުންގެ ފަރާތުން އައްޔަންކުރަން މަޖިލީހުން ފާސްކުރި ފުރަތަމަ ބޭފުޅަކީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އިސް މެމްބަރު އަދި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާ ކުރީގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު އެވެ.

ފުލުސް ބޯޑުގެ މަސްއޫލިއްޔަތަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަންކުރުމުގައި އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމާއި ލަފާދޭން ޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމެވެ.

comment ކޮމެންޓް