އިންޑިއާއިން އެއް ދުވަސް ތެރޭ އެއް ލައްކަ މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އިންޑިއާއިން އެއް ދުވަސް ތެރޭ އެއް ލައްކައަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ -- ފޮޓޯ: ރޮއިޓާސް

ދިއްލީ (އޭޕްރިލް 5): އިންޑިއާއިން ފާއިތުވި 24 ގަޑި އިރު ތެރޭ 100،000އަށް ވުރެ ގިނަ މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އިއްޔެ އެގައުމުން 103،558 މީހަކަށް ކޮވިޑް ޖެހިފައިވާކަން ވަނީ އެނގިފަ އެވެ. އެއީ އެގައުމުން މިހާތަނަށް އެއް ދުވަސް ތެރޭ ރިޕޯޓު ކުރި އެންމެ ގިނަ ކޭސްތަކެވެ. އަދި އެއީ އެމެރިކާއަށް ފަހު، 24 ގަޑި އިރު ތެރޭ އެއް ލައްކަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ދެވަނަ ގައުމެވެ.

އިންޑިއާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 12.6 މިލިއަނަށް އަރާފަ އެވެ. އަދި އިއްޔެ އެގައުމުން ބަލީގައި 478 މީހަކު މަރުވެ، ކޮވިޑުގައި މަރުވި ޖުމްލަ މީހުންގެ އަދަދު ވަނީ 165،101އަށް އަރާފަ އެވެ.

މިއަހަރު ފެށުނު އިރު އިންޑިއާގައި ކޮވިޑް ފެތުރޭ މިންވަރު މަދުވި ނަމަވެސް މިހާރު އެގައުމުން ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު ވަނީ 12 ގުނަ އިތުރުވެފަ އެވެ. އަދި ސިއްހީ އޮފިޝަލުން ވިދާޅުވާ ގޮތުގައި އޭގެ ސަބަބުތަކުގެ ތެރޭގައި ގައުމުގެ އިގުތިސާދު ހުޅުވާލުމުން، ގިނަ އަދަދެއްގެ މީހުން މާސްކު އެޅުމާއި ގައިދުރު ކުރުން ހުއްޓާލުން ހިމެނެ އެވެ.

އިންޑިއާގައި ކޮވިޑް އެންމެ ބޮޑަށް ފެތުރިފައި ވަނީ އެގައުމުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ސްޓޭޓު ކަމަށް މަހާރަޝްތުރާގަ އެވެ. އެގޮތުން އެ ސްޓޭޓުން މިއަދު 57،074 ކޭސް ރިޕޯޓުކޮށްފައިވެ އެވެ. އަދި ފާއިތުވި ދެ ހަފްތާ ތެރޭ އިންޑިއާ އިން ފެނުނު 55 ޕަސެންޓު ކޭސް ފެނިފައި ވަނީ މަހާރަޝްތުރާއިންނެވެ.

މަހާރަޝްތުރާގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އެގައުމުން އިއްޔެ ވަނީ އާ ފިޔަވަޅުތަކެއް އިއުލާންކޮށްފަ އެވެ. އެގޮތުން ރޭގަނޑު ކާފިއު ހިންގުމާއި ހަފްތާ ބަންދުގައި ފުރަބަންދު ކުރަން ނިންމާފައިވެ އެވެ. އަދި މިރެއިން ފެށިގެން ޝޮޕިން މޯލްތަކާއި ސިނަމާތަކާއި ރެސްޓޯރެންޓުތަކާއި އަޅުކަން ކުރަން އެއްވާ ތަންތަން ބަންދު ކުރާނެ ކަމަށް ބުނެފައިވެ އެވެ.

އިންޑިއާއިން މިދިޔަ ޖެނުއަރީ މަހު ކޮވިޑް ވެކްސިން ޖަހަން ފެށުމަށް ފަހު މިހާތަނަށް އެގައުމުން ވަނީ 76 މިލިއަން މީހުންނަށް ވެކްސިން ދީފަ އެވެ. އޭގެ ތެރެއިން ދެ ޑޯޒް ޖަހާފައި ވަނީ 9.5 މިލިއަން މީހުންނަށެވެ. އަދި އެގައުމުގެ އަމާޒަކީ އޮގަސްޓު މަހާ ހަމަޔަށް 300 މިލިއަން މީހުންނަށް ވެކްސިން ޖެހުމެވެ.

comment ކޮމެންޓް