ގައުމަށް ހަމަޖެހުން އަންނަން ފަށައިފި: ލީބިޔާ

ލީބިޔާގެ އައު ޚާރިޖީ ވަޒީރު ޑރ. ނަޖްލާ އަލްމަންގޫޝް

ޓްރިޕޮލީ (މާޗް 5): ލީބިޔާގައި ގާއިމުކުރި ވަތަނީ އެއްބައިވަންތަކަމުގެ އިންތިގާލީ ސަރުކާރާއެކު ލީބިޔާއަށް ހަމަޖެހުން އަންނަން ފެށުމުން ޔޫރަޕްގެ ގައުމުތަކުގެ އެމްބަސީތައް ވެރިރަށް ޓްރިޕޮލީގައި ހުޅުވަން ފަށާފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

ލީބިޔާގެ އާ ފޮރިން މިނިސްޓަރު ޑރ. ނަޖްލާ އަލްމަންގޫޝް ވިދާޅުވިގޮތުގައި ލީބިޔާގެ އެއްވެސް ސަރަހައްދެއްގައި ހަމަނުޖެހުމެއް އަދި ހަނގުރާމައިގެ ހަރަކާތެއް މިހާރު ނުހިނގައެވެ. ލީބިޔާގެ ވަތަނީ އެއްބައިވަންތަކަމުގެ އިންތިގާލީ ސަރުކާރުން މަސައްކަތްކުރަނީ ބޭރުގައުމުތަކުން ލީބިޔާއަށް އައިސްތިބި ކުލީ ސިފައިންގެ މީހުންތައް އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށެވެ. މިކަމުގައި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ އެހީތެރިކަން ލިބެމުންދާކަމަށް ޑރ. ނަޖްލާ ވިދާޅުވިއެވެ.

ޑރ. ނަޖްލާ މިމޭރުމުން ވާހަކަ ދެއްކެވީ ލީބިޔާއަށް ވަޑައިގެން އުޅުއްވާ އީޔޫގެ ރައީސް ޗާލް މިޝޭލްއާއެކު އޮތް ބައްދަލުވުމަކަށްފަހު ބޭއްވި ޕްރެސް ކޮންފަރަންސެއްގައެވެ. ނަޖްލާ ވިދާޅުވިގޮތުގައި އެކަމަނާގެ ސަރުކާރުގެ އަމަނާބެހޭ ސްޓްރެޓެޖީއަކީ ލީބިޔާގައި ޕްރޮފެޝަނަލް ސިފައިންގެ ލަޝްކަރެއް އަވަހަށް އުފެއްދުމާއި ބޭރުގައުމުތަކުން ލީބިޔާއަށް އައިސްތިބި ސިފައިން އަވަހަށް ގައުމުން ބޭރުކޮށްލުމެވެ. މިދެކަންތައް އެކުއެކީގައި ކުރިޔަށް ގެންދަން ފަށާފައިވާކަމަށް ނަޖްލާ ވިދާޅުވިއެވެ.

ޑރ. ނަޖްލާ، ޔޫރަޕްގެ އިއްތިޙާދުގެ ރައީސް ޗާލް މިޝޭލް އާ ޓްރިޕޮލީގައި ބައްދަލުކުރައްވަނީ

މިނޫސް ކޮންފަރެންސްގައި އީޔޫގެ ރައީސް ޗާލް މިޝޭލް ވަނީ، އެ އިއްތިހާދުގެ ގައުމުތަކުގެ ފުރިހަމަ ތާއީދު ލީބިޔާގެ އިންތިގާލީ ސަރުކާރަށް އޮތްކަމާއި ލީބިޔާއަށް ހަމަޖެހުން ގެނެސް ލީބިޔާގެ އިގްތިސާދު އަލުން ކޮޅަށްޖެހުމުގައި އިންތިގާލީ ސަރުކާރަށް އެހީތެރިވާން ޔޫރަޕް އޮތީ ތައްޔާރަށްކަމަށް ވިދާޅުވެފައެވެ.

މިއަހަރުގެ ކުރީކޮޅު ލީބިޔާގައި ވަތަނީ އެއްބައިވަންތަކަމުގެ އިންތިގާލީ ސަރުކާރެއް އުފެއްދުމުގެ ކުރިން އޮތް ވަގުތީ ސަރުކާރުންވެސް ވަނީ ތުރުކީއާ ގުޅިގެން ލީބިޔާގައި އެއްލައްކަ ސިފައިންގެ ޒަމާނީ ޕްރޮފެޝަނަލް ލަޝްކަރެއް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. ލީބިޔާގެ ދާހިލީ ހަނގުރާމައިގެ ދުވަސްވަރު ހަނގުރާމަކުރަމުން ދިޔަ މިލީޝިއާ ގްރޫޕްތަކާއި ހަނގުރާމަވެރި ޖަމާއަތްތަކަށް ނިސްބަތްވާ މީހުން ރިހެބިލިޓޭޓްކޮށް އެމީހުން އިސްލާހުކުރުމަށްފަހު ލީބިޔާގެ ސިފައިންގެ ލަޝްކަރުގެ ތެރެއަށް އެމީހުން ވެއްދުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

ލީބިޔާ ސިފައިންގެ އައު ލަޝްކަރު ތަމްރީންކުރުމުގެ މަސައްކަތް ކުރިޔަށްގެންދަނީ ނެޓޯގައި ހިމެނޭ ހަމައެކަނި އިސްލާމީ ގައުމު ކަމަށްވާ ތުރުކީ ސިފައިންގެ ތަޖުރިބާކާރު މުދައްރިބުންނެވެ. މިމަސައްކަތް މިދިޔަ އަހަރުން ފެށިގެންވަނީ ކުރިޔަށްގެންދަން ފަށާފައެވެ.

ލީބިޔާގައި ގާއިމުކުރި ވަތަނީ އެއްބައިވަންތަކަމުގެ އިންތިގާލީ ސަރުކާރާއެކު ލީބިޔާއަށް ހަމަޖެހުން އަންނަން ފެށުމުން އަރަބި ގައުމުތަކުގެ އެމްބަސީތަކާއި ޔޫރަޕްގެ ގައުމުތަކުގެ އެމްބަސީތައްވެސް ވަނީ ޓްރިޕޮލީގައި އަލުން ހުޅުވަން ފަށާފައެވެ. އެ ގައުމުތަކުން އެމްބަސީތައް ބަންދުކުރީ 2011 ވަނަ އަހަރު ލީބިޔާގެ އޭރުގެ ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަން ވެއްޓި، ލީބިޔާގައި ދާޚިލީ ހަނގުރާމައެއްގެ ހުޅު ރޯވުމާ ގުޅިގެންނެވެ.

އެހަނގުރާމަ ކުރިޔަށް ގެންގޮސް ލީބިޔާ ހަލާކުކޮށްލުމަށް ސީދާގޮތެއްގައި އެހީތެރިވި ގައުމުތަކުގެ ތެރޭގައި މިސްރާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް އަދި ފްރާންސް ހިމެނެއެވެ. މިހަނގުރާމައަށް ނުސީދާ ގޮތެއްގައި ދަރުއެޅި އެހެންގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާއާއި ގަތަރުވެސް ހިމެނެއެވެ. ސައުދީން ލީބިޔާގެ އިޚްވާނުލްމުސްލިމޫން ފިކުރާ ދެކޮޅަށް ހަނގުރާމަކުރި ޖެނެރަލް ޚަލީފާ ހަފްތަރުގެ ޓެރަރިސްޓް ގްރޫޕްތަކަށް މާލީގޮތުން އެހީތެރިވިއިރު ގަތަރުން އެހީތެރިވީ އިސްލާމްދީނުގެ ނަމުގައި ހަރަކާތްތެރިވި ޓެރަރިސްޓް ޖަމާއަތްތަކުގެ ހަނގުރާމަވެރިންނަށެވެ.

ނަމަވެސް 2020 ވަނަ އަހަރުގެ ކުރީކޮޅު ތުރުކީން ފާޅުކަންބޮޑުގޮތެއްގައި ލީބިޔާއަށް އަސްކަރީގޮތުން ވަދެގަނެ މިސްރާއި ޔުނައިޓެޑް އެރެބް އެމިރޭޓްސްއާއި ފްރާންސްގެ ސީދާ މަދަދު ލިބޭ ލީބިޔާގެ ޖެނެރަލް ޚަލީފާ ހަފްތަރުގެ ބާރުތައް އަސްކަރީގޮތުން ބަލިކޮށް ތުރުކީގެ ލަޝްކަރުތައް ލީބިޔާގައި ފައިހަރުކޮށްލުމުން ހަފްތަރަށް ލީބިޔާގެ ހަނގުރާމަ ކާމިޔާބު ނުކުރެވެނެކަމާއި އޭނާ ލީބިޔާގެ ވެރިކަމަށް ނުގެނެވޭނެކަން މިސްރާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް އާއި ފްރާންސްއަށް ގަބޫލުކުރެވި ހަފްތަރަށް ދެމުންގެންދިޔަ އަސްކަރީ އެއްބާރުލުން ނިމުމަކަށް ގެނައެވެ.

މިއާއެކު ލީބިޔާގައި ސުލްހައިގެ ވާހަކަތައް އަލުން ފަށައި އދ. ގެ އެހީތެރިކަމާއެކު މިއަހަރުގެ ކުރީކޮޅު ލީބިޔާގައި ވަތަނީ އެއްބައިވަންތަކަމުގެ އިންތިގާލީ ސަރުކާރެއް ގާއިމް ވެގެންދިޔައެވެ. މިސަރުކާރު ވުޖޫދަށް އައުމާއެކު ލީބިޔާގެ ތެލުގެ ސިނާއަތްވެސް އަލުން ކުރީގެ ހާލަތަށްވަނީ އަންނަން ފަށާފައެވެ. މިހާރު ލީބިޔާގެ ތެޔޮ އެކްސްޕޯޓް ކުރުމުގެ މަސައްކަތްވެސް އަލުންވަނީ ފެށިފައެވެ. ނަތީޖާއެއްގެ ގޮތުން ލީބިޔާގެ އިގްސާދުވެސް އަލުންވަނީ ރަނގަޅުވާން ފަށާފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް