ހަންޏާމީދޫ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް އިފްތިތާޙުކޮށްފި

އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހު

އދ. ހަންޏާމީދޫ ފެނުގެ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިޔުއެސްސީ އިން އިއްޔެ އިފްތިތާޙުކޮށްފި އެވެ.

އެ މަޝްރޫޢުގެ މަސައްކަތް އިފްތިތާޙުކޮށް ދެއްވާފައި ވަނީ، ހަންޏާމީދޫގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހު އާއި އެންސްޕާގެ ޑެޕިއުޓީ ސީއީއޯ ރުގިއްޔާ މުޙައްމަދު އާއި ހަންޏާމީދޫ ކައުންސިލްގެ ރައީސް މޫސާ ނާޒިމް އެވެ. އެ ރަސްމީޔާތުގައި އެ ކުންފުނީގެ މެނޭޖްމެންޓްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުންޏެވެ.

ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި ހަންޏާމީދުއަށް ގެންގޮސް، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތްތައް ވެސް މިހާރު ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ މަޝްރޫޢުގެ ދަށުން ހަންޏާމީދޫގައި 5.1 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ގާއިމް ކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިންގް ޢިމާރާތް ކުރުމާއި ފެން އުފެއްދުމަށް ޓަކައި އާރުއޯ ދެ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށް ޓަކައި ތިން ތާންގި ބެހެއްޓުން ހިމެނެ އެވެ. އަދި މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން އެ މަޝްރޫޢުގެ ދަށުން ފެނުގެ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.

ހަންޏާމީދޫގެ ފެނުގެ މަޝްރޫޢުއަކީ ނޭޝަނަލް ޕްލޭނިންގް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރުގެ ފަރާތުން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ މަޝްރޫޢު ނިންމަން ދިން މުއްދަތަކީ 22 މަސް ދުވަހެވެ. މަޝްރޫޢުއަށް ޖުމްލަ 21.65 މިލިއަން ދިވެހި ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވެ އެވެ. އެ މަޝްރޫޢުގެ މަސައްކަތް ނިމުމުން ހަންޏާމީދޫ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެ އެވެ.

comment ކޮމެންޓް