ކޮވިޑްގެ ކޭސްތައް އާދަޔާ ޚިލާފަށް ގިނަވާތީ މުޅި ބަންގްލަދޭޝް ފުރަބަންދު ކުރަނީ

ބަންގްލަދޭޝްގައި ކޮވިޑް އާ ދެކޮޅަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރަނީ

ޑާކާ (އެޕްރީލް 4): ކޮވިޑް-19 ގެ ހާލަތްތައް ބަންގްލަދޭޝްގެ ކަންކޮޅުތަކުގައި އާދަޔާ ޚިލާފަށް ގިނަވެ ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވާކަމަށް ބެލެވޭތީ އެއް ހަފްތާގެ މުއްދަތަށް އެގައުމު ފުރަބަންދުކުރަން ނިންމައިފިއެވެ.

މިކަން ހާމަކުރަމުން ބަންގްލަދޭޝްގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެފައިވަނީ މާދަމާ އިން ފެށިގެން އެއްހަފްތާގެ މުއްދަތަށް (ހަތްދުވަހަށް) މުޅި ގައުމު ފުރަބަންދުކުރަން ނިންމާފައިވާ ކަމަށާ މިކަމުގެ ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ކުޑަ ދުވަސްކޮޅަކަށް ނަމަވެސް މީހުންގެ ހަރަކާތްތައް ހުއްޓުމަކަށް ގެނައުމެވެ. ކުރިޔަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސްކަމަށް ވެފައި ރަމަޟާން މަހުގައި މީހުންގެ ހަރަކާތްތައް ގިނަނަމަވެސް ގައުމު ފުރަބަންދުކުރަން ދަތިވުމަކީ މާދަމާއިން ފެށިގެން 7 ދުވަހުގެ މުއްދަތަށް ގައުމު ފުރަބަންދުކުރަން ސަރުކާރުން ނިންމި ސަބަބެއްކަމަށް ބެލެވޭކަމަށް ބަންގްލަދޭޝްގެ މީޑިއާ ބުނެއެވެ.

ބަންގްލަދޭޝްގެ ޕަބްލިކް އެޑްމިނިސްޓްރޭޝަން އާބެހޭ ވުޒާރާ ބުނާގޮތުން އެއް ހަފްތާގެ މުއްދަތަށް ކުރާ ފުރަބަންދު (ލޮކްޑައުން) އިން އިސްތިސްނާވާނީ ހަމައެކަނި ސިނާއީ މަސައްކަތް ކުރާ މަރުކަޒުތަކާއި ބަންދުކޮށްފިނަމަ މާލީގޮތުން ބޮޑެތި ގެއްލުންތައް ލިބޭނެ ކާރުޚާނާތައް އެކަންޏެވެ. ކާރުޚާނާތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި މަރުކަޒުތަކުގައި އެކޮމަޑޭޝަން ލިބިގެން އެތަށް މިލިޔަން ބަޔަކު މަސައްކަތްކުރާއިރު އެތަންތަން ބަންދުކޮށް އެތަންތަނުގައި މަސައްކަތްކުރާމީހުން ކުރުމުއްދަތަކަށް އެމީހުންގެ ގެތަކަށް ދާންޖެހިއްޖެނަމަ އެއީ އެމީހުންނަށް މާލީގޮތުންނާއި އެނޫންގޮތްގޮތުން އުފުލަންދަތި ބުރައެކެވެ.

ކުރިން ބަންގްލަދޭޝްގެ ބާޒާރެއް ފުރަބަންދުކޮށްފައި

މީގެއިތުރުން އެމީހުން ދިޔުމަށާއި އެނބުރި އައުމަށް ކުރާ ދަތުރުތަކަކީ ތޮއްޖެހިގެން ކުރަންޖެހޭ ދަތުރުތަކެއް ކަމަށްވެފައި އެއީ ކޮވިޑް ފެތުރުމަށް އިތުރަށް މަގުފަހިވެގެންދާނެ ސަބަބެއް ކަމަށް ބެލެވުމަކީވެސް ކާރުޚާނާތައް ބަންދު ނުކުރުމަށް ނިންމި ސަބަބެއްކަމަށް ސަރުކާރުގެ މަސްއޫލުވެރިންނާ ހަވާލާދީ ބަންގްލަދޭޝްގެ މީޑިއާ ބުނެއެވެ.

ބަންގްލަދޭޝްގައި ހަ ލައްކައަށްވުރެ ގިނަމީހުންނަށް ކޮވިޑް-19 ޖެހުނުކަން ރިޕޯޓް ކޮށްފައިވާއިރު އޭގެތެރެއިން 9 ހާހަށްވުރެ ގިނަމީހުން ވަނީ އެބަލީގައި މަރުވެފައެވެ. ބަންގްލަދޭޝްގައި ރިޕޯޓް ނުކުރެވި ގިނަ ބަޔަކަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ލަފާކުރެވިފައިވެއެވެ. މިކަން އެނގެނީ މަރުވި އެތަށް ބަޔަކު ކޮވިޑްއަށް ޓެސްޓް ކުރުމުން އެމީހުން އެބައްޔަށް ޕޮޒިޓިވް ވެފައިވާތީއެވެ. ބަންގްލަދޭޝުން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުނުކަމަށް ރިޕޯޓްކޮށްފައިވަނީ މިދިޔައަހަރުގެ ފެބްރުއަރީގައެވެ.

އެގައުމުގައި ކޮވިޑްގެ ކޭސްތައް އެންމެ ގިނައިން ފެންނަން ފަށާފައިވަނީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ. 170 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްގައި ކޮވިޑްގެ ކޭސްތައް އެހާ މައްޗަށްދާކަމަށް ރިޕޯޓް ނުކުރެވެނީ އެގައުމުގެ ހާލަތު ހުރިގޮތުން ކޮވިޑް އަށް ޓެސްޓްކުރާމީހުންގެ އަދަދު އާބާދީގެ ނިސްބަތުން ދަށުގައި އުޅޭތީކަމަށް ރިޕޯޓްތައް ބުނެއެވެ.

ރެންޑަމް ސާމްޕަލްތަކެއް ނަގައިގެން ބަންގްލަދޭޝްގައި ކޮވިޑްއަށް ކުރާ ޓެސްޓްތަކުން އެންމެ ގިނަ ބަޔަކު ޕޮޒިޓިވް ވެފައިވަނީ މިދިޔަ މާޗް މަހުގެ 31 ވަނަ ދުވަހުއެވެ. އެދުވަހު ކުރިންނަގާވަރަށް ސާމަޕަލްތައް ނަގައިގެން 5358 މީހުން ޕޮޒިޓިވް ވެފައިވާއިރު ކުރިން އެވަރަށް ސާމްޕަލް ނަގައިގެން ޕޮޒިޓިވްވަނީ 4 ހާހުން ދަށުގެ އަދަދުތަކުގެ ސާމްޕަލްތަކެވެ.

އެހެންކަމުން ބަންގްލަދޭޝްގެ މުޅި މުޖްތަމައުގައި ކޮވިޑް-19 ގެ ވައިރަސް ކަންބޮޑުވާ މިންވަރަކަށް ފެތުރިފައިވާކަމުގެ ބިރު އޮތްކަމަށް އެގައުމުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ. މީގެކުރިންވެސް ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި މުޅި ބަންގްލަދޭޝްއާއި އެގައުމުގެ ބައެއް ސަރަހައްދުތައް ވަކިވަކިންވެސް ފުރަބަންދުކޮށްފައިވެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް