ޕޮލިސް ބޯޑަށް ސަފާ އައްޔަން ކުރަން ކޮމިޓީއިން ފާސްކޮށްފި

ރައީސް ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގެންނެވި ސަފާ ޝަރީފު: އޭނާ ޕޮލިސް ބޯޑަށް އައްޔަންކުރަން ވަނީ ފާސްކޮށްފައި -- ސަންފޮޓޯ/ މުހައްމަދު އަފްރާހު

ޕޮލިސް ބޯޑަށް ރައްޔިތުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެމްބަރު ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގެންނެވި ވަކީލު ސަފާ ޝަރީފު އައްޔަން ކުރުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އިން ފާސްކޮށްފި އެވެ.

ޕޮލިސް ބޯޑަށް އާންމުންގެ ފަރާތުން ދެ މެމްބަރު އައްޔަންކުރަން ޖެހެ އެވެ. އާންމުންގެ ތެރެއިން އެއް މެމްބަރަކު އެ ބޯޑަށް މީގެ ކުރިން ވަނީ އައްޔަންކޮށްފަ އެވެ.

އާންމުންގެ ތެރެއިން ޕޮލިސް ބޯޑަށް ދެ ވަނަ މެމްބަރަކު އައްޔަނު ކުރުމަށް ކުރި އިއުލާނާ ގުޅިގެން ހަ ބޭފުޅަކު ކުރި މަތިލި އެވެ. ކޮމިޓީ ރިޕޯޓުގައި ބުނެފައި ވަނީ އެ ހަ ބޭފުޅުންނާ ވެސް އިންޓަވިއު ކުރި ކަމަށެވެ. އަދި ސަފާގެ ނަން ތަޅުމަށް ފޮނުވުމަށް ފާސްވީ ކޮމެޓީގެ ތިންބައިކުޅަ ދެބައި މެމްބަރުންގެ އަޣުލަބިއްޔަތަކުން ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.

މަޖިލީހުން ރުހުން ދިނުމަށް ކޮމިޓީ އިން ފޮނުވި ރިޕޯޓަށް ވޯޓަށް އަހަން މާދަމާގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފަ އެވެ.

ޕޮލިސް ބޯޑަށް އާންމުންގެ ފަރާތުން އައްޔަންކުރަން މަޖިލީހުން ފާސްކުރި ފުރަތަމަ ބޭފުޅަކީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އިސް މެމްބަރު އަދި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާ ކުރީގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު އެވެ.

ފުލުސް ބޯޑުގެ މަސްއޫލިއްޔަތަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަންކުރުމުގައި އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމާއި ލަފާދޭން ޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމެވެ.

comment ކޮމެންޓް