ވޯލްޑްކަޕް ފައިނަލްގައި މިރޭ ހޮލެންޑާއި ސްޕެއިން

10:00


މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހު ފެށި ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ނިމުން މިހާރު މިވަނީ ވަރަށް ގާތްވެފަ އެވެ. މުބާރާތުގެ ފައިނަލް މެޗުގައި މިރޭ ބައްދަލުކުރާނީ ހޮލެންޑާއި ސްޕެއިނެވެ. މުބާރާތުގެ ނިމުމާ ހަމައަށް އައިއިރު މިފަހަރުގެ މުބާރާތް ވެފައިވަނީ ތަފާތު އެތައް ގޮތަކުން ފާހަގަކޮށްލެވޭ މުބާރާތަކަށެވެ.


މިގޮތުން ޔޫރަޕްގެ ބޮޑެތި ބާރުތައް ކަމަށްވާ އިޓަލީ، ފްރާންސް، އިންގްލެންޑް އަދި ޕޯޗުގަލް ފަދަ ޓީމުތަކުން މުބާރާތުގައި ދެއްކި ދަށް ކުޅުމާއި މުބާރާތް ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ލަފާކުރި ބްރެޒިލް އާއި އާޖެންޓީނާ ކުއާޓަރ ފައިނަލުން މުބާރާތާ ވަކިވާން ޖެހުން ފަދަ ކަންތަކަކީ ނޫސްތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދި ކަންތައްތަކެވެ. އަދި މުބާރާތުގެ ބައެއް މެޗުތަކުގައި ރެފްރީން ނިންމާފައިވާ ގޯސް ނިންމުންތަކާއި ބައެއް ޓީމުތަކުގެ މެދުގައި އުފެދުނު ހަމަނުޖެހުންތަކަކީ ވެސް ފާހަގަކޮށްލެވުނު ބައެއް ކަންތަކެވެ. އެހެން ނަމަވެސް މިމުބާރާތުގައި މިހާރު އެންމެ ބޮޑަށް ވާހަކަ ދެކެވެމުންދާ މައުޟޫއަކީ މިރޭ ޖޮހަނެސްބާގުގެ ސޮކަ ސިޓީ ސްޓޭޑިއަމްގައި ކުޅޭ ވޯލްޑްކަޕް ފައިނަލެވެ.


މިގޮތުން މިރޭ ކުޅޭ ފައިނަލް މެޗަކީ ވެސް ތަފާތު އެތައް ސަބަބުތަކާ ހުރެ ޚާއްސަވެގެންދާ މެޗެކެވެ. މިރޭ ހޮލެންޑާއި ސްޕެއިން ކުޅޭ މެޗު ކާމިޔާބުކޮށް ކޮންމެ ބަޔަކު ތަށި އުފުލާލި ކަމުގައި ވިޔަސް އެ ވާނީ އެޓީމަކަށް ވޯލްޑްކަޕް ކާމިޔާބުކުރެވޭ ފުރަތަމަ ފަހަރަށެވެ. ހޮލެންޑާއި ސްޕެއިން މިހާތަނަށް ފާހަގަކުރެވިފައިވަނީ ދުނިޔޭގެ ފުޓުބޯޅައިގެ ބޮޑެތި ބާރުތައް ނުވަތަ ފުޓުބޯޅައިގެ ސުޕަރ ޕަވަރުންގެ ގޮތުގައި ފާހަގަކުރެވޭ ގައުމުތަކުގެ ތެރެއިން މިހާތަނަށް ވޯލްޑްކަޕް ކާމިޔާބުކުރެވިފައިނުވާ ހަމައެކަނި ދެ ގައުމުގެ ގޮތުގަ އެވެ. އެހެންކަމުން މިރޭ ވެގެންދާނީ މީގެ ތެރެއިން ކޮންމެވެސް އެއްބަޔެއްގެ އިންތިޒާރު ނިމުމަކަށް އަންނަ ރެޔަކަށެވެ. އަދި އަނެއް ބަޔެއްގެ އިންތިޒާރު އިތުރަށް ދިގުވެގެންދާ ރެޔަކަށެވެ.


އަނެއްކޮޅުން މިރޭ ވެގެންދާނީ ޔޫރަޕްގެ ފުޓުބޯޅައަށް ވެސް އަންނަ ޚާއްސަ ރެޔަކަށެވެ. މިރޭ ހޮލެންޑް ނުވަތަ ސްޕެއިން މުބާރާތުގެ ތަށި އުފުލާލުމާއެކު މިއީ ޔޫރަޕުން ބޭރުގައި ކުޅެގެން ޔޫރަޕްގެ ގައުމަކަށް ވޯލްޑްކަޕް ކާމިޔާބުކުރެވޭ ފުރަތަމަ ފަހަރަށް ވެގެންދާނެ އެވެ. އަދި މިއީ 1934 ވަނަ އަހަރާއި 1938 ވަނަ އަހަރުގެ ވޯލްޑްކަޕް އިޓަލީ ކާމިޔާބުކުރި ފަހުން، ޖެހިޖެހިގެން ދެ ވޯލްޑްކަޕް ޔޫރަޕަށް ލިބޭ ފުރަތަމަ ފަހަރަށް ވެސް ވެގެންދާނެ އެވެ. އެހެން ކަމުން މިރޭ ވެގެންދާނީ ޔޫރަޕްގެ ފުޓުބޯޅައިގެ ތާރީޚުގައި ވެސް އެންމެ ޚާއްސަ އެއް ރެޔަކަށެވެ.


މިރޭ ކުޅޭ މި ޚާއްސަ ފައިނަލް މެޗުގައި ބައްދަލުކުރާ ދެޓީމަކީ ވެސް ޚާއްސަ ޓީމުތަކެއް ކަން އެ ޓީމުތަކުން ވަނީ ސާބިތުކޮށްދީފަ އެވެ. ސައްތައިން ސައްތަ ރިކޯޑަކާ އެކު މުބާރާތަށް ކޮލިފައިވި މި ދެޓީމުގެ ފަރާތުން މިމުބާރާތުގައި ވެސް މީހުން ބަލާހިތްވާ ކަހަލަ މޮޅު ކުޅުމެއް ވަނީ ފެނިފަ އެވެ. މީގެ ތެރޭން ހޮލެންޑް މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެފައިވާއިރު، ކުޅުނު ފުރަތަމަ މެޗުގައި ސުވިޒަލެންޑް އަތުން ވީ ބައްޔަށްފަހު ސްޕެއިން ވެސް ވަނީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފަ އެވެ. އެހެންކަމުން ފައިނަލް މެޗާ މިދެޓީމުން ވެސް ކުރިމަތިލާނީ ވަރަށް އިތުބާރާ އެކު ކަމަށް ބެލެވެ އެވެ.


މިރޭ ކުޅޭ ފައިނަލް މެޗަކީ އެތައް ގޮތަކުން ޚާއްސަވާ މެޗަކަށް ވާއިރު ރޭ ޖަރުމަނާއި އުރުގުއޭ ކުޅުނު ތިންވަނަ ހޮވި މެޗު ޚާއްސަވީ މައިގަނޑު ގޮތެއްގައި އެންމެ ސަބަބަކަށް ޓަކަ އެވެ. އެއީ ރޭގެ މެޗަކީ ޖަރުމަނުގެ ފޯވަޑް މިރޮސްލާވް ކްލޯސާ އަށް ވޯލްޑްކަޕްގެ ތާރީޚުގައި ވެސް އެންމެ ގިނަ ލަނޑު ޖަހައިގެން ބްރެޒިލްގެ ރޮނާލްޑޯ ގާއިމުކޮށްފައިވާ ރިކޯޑް މުގުރާލުމުގެ ފުރުސަތު ލިބިގެން ދާ ރޭ ކަމަށް ވާތީ އެވެ. ނަމަވެސް އަނިޔާގެ ސަބަބުން ކްލޯސާ ރޭ އިންނަން ޖެހުނީ ބެންޗުގަ އެވެ.


2010 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް ނިމުމާ އެކު ދެން އެންމެ ބާރަށް ހިނގައިގަންނާނެ ދިމާލަކީ ޔޫރަޕްގެ ކުލަބުތަކުގެ ޓްރާންސްފާ މާކެޓެވެ. މިގޮތުން ވޯލްޑްކަޕްގައި ވިދާލި ތަރިން ގަތުމަށް ޔޫރަޕްގެ ކުލަބުތަކުން މިހާރުވެސް ވަނީ ފައި ވިއްދާފަ އެވެ. މިގޮތުން ހޮލެންޑްގެ ތަރި ވެސްލީ ސްނައިޑާ އާއި ޖަރުމަނުގެ މެސުޓް އޮޒިލް އަދި ސާމީ ކެދީރާގެ އިތުރުން ގާނާގެ އަސަމޮއާ ގިޔާން އާއި އުރުގުއޭގެ ލުއިސް ސުއަރެޒް ފަދަ ކުޅުންތެރިންގެ ސޮއި ހޯދުމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބުތަކުން ދަނީ މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން މިފަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް އުރުގުއޭ ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ޑިއޭގޯ ފޯލަން އޭނާގެ ކުރީގެ ކުލަބު ކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑަށް އެނބުރި ދިޔުމަށް ތައްޔާރުވަމުންދާ ކަމުގެ ޚަބަރުތައް ވެސް ވަނީ ފެތުރިފަ އެވެ. އެހެން ނަމަވެސް މިހުރިހާ ޚަބަރެއް ޔަގީންވެގެން ދާނީ ވޯލްޑްކަޕް ނިމުމަށް ފަހު އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު