ތަރުކާރީ އާއި މޭވާ ވިއްކާތަންތަން އިންސްޕެކްޓު ކުރަނީ

މާޗް 23، 2021: އަމީނީމަގު ލޯކަލް މާރުކޭޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތަރުކާރީ، މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރީ ގެ ހަރާކާތްތައް ހިންގާ މާރުކޭޓް ފަދަ ތަންތަން އިންސްޕެކްޓް ކުރުމުގެ އިތުރު ބުރެއް ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ "ތަރުކާރީ އާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓްރީކުރުމުގެ ގަވައިދު" ގެ ދަށުން، މާލޭގައި ތަރުކާރީ އާއި މޭވާ ފަދަ ކާބޯތަކެތި ވިއްކުމުގެ ވިޔަފާރި ހަރަކާތް ހިންގާ މާރުކޭޓް ފަދަ ތަންތަން ހިންގަމުން ގެންދަނީ އެ ގަވައިދުގައި، އެފަދަ ތަންތަން ހިންގުމަށް ކަނޑައަޅާ ބަޔާން ކޮށްފައިވާ ޝަރުތުތަކާއި އެއްގޮތައްތޯ ބެލުމަށް، އެ މިނިސްްރީ އިން ކުރިއަށްގެންދާ އިންޕެކްޝަން ތަކުގެ އިތުރުބުރެއް ފެށީ މިއަދު ކަމަށެވެ.

މާޗް 23، 2021: އަމީނީމަގު ލޯކަލް މާރުކޭޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެގޮތުން މުދާ ވިއްކާ ފިހާރަ، ބޭކަރީ، ކެންޓީނު، ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް، ކެފެޓީރިއާ ފަދަ ތަންތަން ފިޔަވައި، ތަރުކާރީއާއި މޭވާ ހިމެނޭ ގޮތަށް ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހިންގާ ތަންތަން އިންސްޕެކްޓް ކުރާނެ އެވެ.

މި އިންސްޕެކްޝަންތަކުގައި ތަރުކާރީ އާއި މޭވާ ފަދަ ކާބޯތަކެތިގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ކުރާ މާރުކޭޓްތައް ހިންދަމުން ދަނީ، ގަވާއިދުގައި ވިޔަފާރި ހަރަކާތް ހިންގާ ތަނުގައި ހުންނަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ޝަރުތުތަތަކާއި އެއްގޮތައްތޯ ބަލާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

މާޗް 23، 2021: އަމީނީމަގު ލޯކަލް މާރުކޭޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދަފަ ވިޔަފާރި ހަރަކާތް ހިންގާ ތަނުގައި ހުންނަންޖެހޭނެ ޝަރުތުތަކަކީ:
ހ. ރަޖިސްޓަރީކޮށްފައިވާ ވިޔަފާރީގެ ނަން ބޭރަށް ފެންނާނޭހެން ޢިމާރާތުގައި ހަރުކޮށްފައި ހުރުން.
ށ. ވިޔަފާރިކުރާ ތަނަށް ވަކިން ވަދެވޭނެ ދޮރެއް ނުވަތަ މުދާ ދޫކުރެވޭނެ ކައުންޓަރެއް ބަންދުކުރެވޭނެ ގޮތައް ހަދައިފައި ހުރުން.
ނ. ވިޔަފާރި ކުރާ ތަނުގައި އެއާ ކޮންޑިޝަން ހަރުކޮށްފައި ހުރުން ނުވަތަ ވައި ދައުރުވާނެ ގޮތަކަށް ވެންޓިލޭޓް ކޮށްފައި ހުރުން.
ރ. އެކި ބާވަތްތަކުގެ މުދާ ވަކިވަކިން ތަރުތީބު ކުރެވޭނެ ގޮތަށް ޖާގަ ހަދައިފައި ހުރުން.
ބ. މުދަލުގެ އަގު އެނގޭނެ ގޮތަށް މުދާ ތަރުތީބުކޮށްފައި ހުރުން.
ޅ. މީހުން ވަދެ ވިޔަފާރި ކުރެވޭ ގޮތަށް ހުރި ތަނެއް ނަމަ ޓައިލްސް ޖަހާފައި ނުވަތަ ތަޅުން އަޅައިފައި ހުރުން.
ކ. ވިޔަފާރިކުރާ ތަނަށް ވަންނަ ކަސްޓަމަރުން މަގުމަތީގައި ތިބެގެން ވިޔަފާރި ކުރެވޭ ގޮތަށް ފަރުމާކޮށްފައި ހުރި ތަނަކަށް ނުވުން.
އ. މެހި ފަދަ ތަކެއްޗަށް ނުވަދެވޭ ގޮތަށް ތަން ފަރުމާކޮށްފައި ހުރުން.
ވ. ވިޔަފާރިކުރާ ތަނުގެ ބޭރުގައި ނުވަތަ ދުވާރު މަތީގައި މުދާ ބަހައްޓައިފައި ނެތުން.
މ. ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަތް ދޮވެ ސާފުކުރެވޭ ގޮތަށް ހުރުން.

ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ހިންގާ ތަންތަނުގައި ބިދޭސީން މަސައްކަތް ކުރަމުން ދަނީ ،ވަޒީފާއާބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ (ނ) ގެ ދަށުން ހަދައިފައިވާ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވައިދު ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުއްދަ ހޯދައިގެންތޯ މި އިސްޕެކްޝަން ތަކުގައި ޗެކް ކުރާނެ އެވެ.

މިނިސްޓްރީ އިން ބުނީ ގަވައިދުގައި ބަޔާން ކޮށްފައިވާ ޝަރުތުތައް ހަމަނުވާ ތަންތަނާއި، ގަވައިދާ ހިލާފަށް ހިންގާ ތަންތަނާއި މެދު ގަވައިދުގާ ވާ ގޮތުގެ މަތީން ފިޔަވަޅު އަޅާނެ ކަމަށެވެ.

comment ކޮމެންޓް