މަހިބަދޫ އާއި މާމިގިލި މޮނީޓަރިން އަށް

މާމިގިލި---

ކޮވިޑް19 އާ ގުޅިގެން ބަލަން ޖެހޭ ކަންތައް ބެލުމަށް އދ. މާމިގިލި އާއި މަހިބަދޫ މޮނީޓަރިން އަށް ލައިފި އެވެ.

އެ ދެރަށް މޮނީޓަރިން އަށް ލާފައި ވަނީ ކޮވިޑް19 އާ ގުޅިގެން ސިއްހީ ގޮތުން ބަލަންޖެހޭ ކަންތައް ބެލުމަށެވެ.

މިއާ އެކު އެޗްޕީއޭގެ ހުއްދަ ނެތި އެ ދެ ރަށަށް އަރައި ފޭބުން މަނާވާނެ އެވެ.

މާމިގިއްޔާއި މަހިބަދޫ މޮނީޓަރިން އަށް ލާފައި ވަނީ ދ. ކުޑަހުވަދޫ އަށް ދަތުރުކުރި މާމިގިލީ މީހަކު ކޮވިޑު19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ކުރުމަށެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވި ކަން އެނގުނީ ރޯގާ ޖެހި، އަލާމާތްތައް ފެނުމުން ބައްޔަށް ޓެސްޓު ކުރުމުން ކަމަށް އެނގިފައިވެ އެވެ.

ކޮވިޑުކޭހެއް ފެނި، ކުޑަހުވަދޫ ވެސް އޮތީ މޮނީޓަރިންގަ އެވެ.

އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު މި ފާއިތުވި ދެތިން ހަފްތާ ތެރޭ ރަށްރަށުން ކޮވިޑު ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރު ވެފަ އެވެ.

ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ޖުމްލަ 24،651 އަށް އަރާފައިވާއިރު މިވަގުތު 3،063 މީހަކު ދަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ. ބަލީގައި 67 މީހަކު މަރުވެފައިވާ އިރު 21،512 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

comment ކޮމެންޓް