މިޔަންމާގެ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 550އަށް އަރައިފި

މިޔަންމާގެ އަސްކަރިއްޔާއިން ކުރި ބަޣާވާތާ ދެކޮޅަށް އެގައުމުގައި ކުރިއަށްގެންދާ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 550އަށް އަރާފައިވާ ކަމަށް އޭއޭޕީޕީން ބުނޭ -- ފޮޓޯ: އީޕީއޭ

ނޭޕިޑޯ (އޭޕްރިލް 3): މިޔަންމާގެ ބަޣާވާތާ ދެކޮޅަށް އެގައުމުގައި ކުރިއަށްގެންދާ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 550އަށް އަރައިފި ކަމަށް އެގައުމުގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އެސިސްޓެންސް އެސޯސިއޭޝަން ފޯ ޕޮލިޓިކަލް ޕްރިޒަނާސް (އޭއޭޕީޕީ)އިން ބުނެފި އެވެ.

އޭއޭޕީޕީން ބުނި ގޮތުގައި މިދިޔަ ފެބްރުއަރީ މަހުގެ އެކެއްގައި މިޔަންމާގެ އަސްކަރިއްޔާއިން ލީޑަރު އަންގް ސަން ސޫޗީގެ ސަރުކާރު ވައްޓާލި ފަހުން ސަލާމަތީ ފައުޖުތަކުން ވަނީ 550 މީހުން މަރާފަ އެވެ. އޭގެ ތެރޭގައި 46 ކުޑަކުދިންވެސް ހިމެނެ އެވެ. އަދި އެގައުމުން ވަނީ 2،751 މީހަކު ހައްޔަރުކޮށް ނުވަތަ ޖަލަށް ލާން ހުކުމްކޮށްފައި ކަމަށް އޭއޭޕީޕީން ބުންޏެވެ.

މީގެ އިތުރުން އަސްކަރިއްޔާއިން ދަނީ އެތައް ސަތޭކަ މީހުން "ގެއްލުވާލާ"، އެމީހުން ގެންދާ ތަނެއް ހާމަ ކުރުމަށް ދެކޮޅު ހަދާ، އެމީހުންގެ ވަކީލުންނަށްވެސް ބައްދަލުވުމަކަށް ފުރުސަތު ދޭން ދެކޮޅު ހަދަމުން ކަމަށް ހިއުމަން ރައިޓްސް ވޮޗްއިން ބުންޏެވެ.

މިޔަންމާގައި ބާއްވާ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ދަނީ ކަރުނަ ގޭސް ޖަހާ، ރަބަރު އުންޑަ އާއި ބަޑި ޖަހަމުންނެވެ. އޭގެ ސަބަބުން އެފަދަ އެއްވުންތަކުގައި ބައިވެރިވާ މީހުންގެ އަދަދު ވަނީ ކުރިއަށް ވުރެ މަދުވެފަ އެވެ. ނަމަވެސް އެގައުމުގެ އެކި ސަރަހައްދުތަކުގައި ކޮންމެ ދުވަހަކުވެސް ދަނީ މުޒާހަރާތައް ބާއްވަމުންނެވެ. އަދި ގިނަ އަަދަދެއްގެ މީހުން ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ބަޣާވާތާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

އެފަދަ ފާޑު ކިޔުންތައް ހުއްޓުވުމަށް މިޔަންމާގެ އަސްކަރީ ސަރުކާރުން ދަނީ އިންޓަނެޓު ސެންސަރުކޮށް، އޮންލައިންކޮށް ފާޑު ކިޔާ ފަރާތްތައް ހައްޔަރު ކުރަން އަމުރު ނެރެމުންނެވެ. އަދި އިންޓަނެޓުގެ ހިދުމަތަށް ހުރަސް އެޅުމަށް އެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް ދަނީ އަންގަމުންނެވެ.

މިޔަންމާގެ އަސްކަރިއްޔާއިން މިދިޔަ ފެބްރުއަރީ މަހުގެ އެކެއްގައި ބަޣާވާތް ކުރީ މިދިޔަ ނޮވެމްބަރު މަހު އެގައުމުގައި ބޭއްވި އާއްމު އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނެ އެވެ.

އެ އިންތިހާބުގައި އެގައުމުގެ ޕާލިމެންޓުގެ 396 ގޮނޑި ސޫޗީގެ ޕާޓީއަށް ލިބުނު އިރު އަސްކަރިއްޔާއިން ތާއިދު ކުރާ ޕާޓީއަށް ލިބުނީ އެންމެ 33 ގޮނޑި އެވެ. އަދި ވެރިކަން ބަދަލުކުރުމަށް ފަހު ސިފައިން ވަނީ އާ އާއްމު އިންތިހާބެއް ބާއްވާ، އެ ވޯޓު ކާމިޔާބު ކުރާ ބަޔަކާ ވެރިކަން ހަވާލު ކުރާނެ ކަމަށް ބުނެފަ އެވެ.

އެ ބަޣާވާތަށް ފަހު މިޔަންމާއިން ވަނީ ސޫޗީއާ ދެކޮޅަށް އެކި ދައުވާތައް އުފުލާފަ އެވެ. އޭގެ ތެރޭގައި ގައުމަށް ގަވާއިދާ ހިލާފަށް ވޯކީޓޯކީތަކެއް އެތެރެ ކުރުމާއި ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އަޅާފައިވާ ފިޔަވަޅުތަކާ ހިލާފަށް ކެމްޕޭން ކުރެއްވުމާއި ބިރުވެރިކަން އުފެދޭ ފަދަ މައުލޫމާތު ފެތުރުމާއި ރަސްމީ ސިއްރުތަކާ ބެހޭ ގާނޫނަކާ ހިލާފުވުން ހިމެނެ އެވެ. އަދި އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާ ސަރުކާރުގެ މަގާމަކަށް ވާދަ ކުރުން މަނާ ކުރެވިދާނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް