އެމެރިކާއާއި އިސްރާއީލުގެ ޖަރީމާތައް ތަހުގީގު ކުރާތީ އައިސީސީގެ ޕްރޮސެކިއުޓަރަށް އެޅި ފިޔަވަޅު އުވާލައިފި

މިދިޔަ އަހަރު އެމެރިކާއިން ވަނީ އައިސީސީގެ ޕްރޮސެކިއުޓަރު ފަތޫ ބެންސޫދާގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (އޭޕްރިލް 3): އެމެރިކާއިން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ)ގެ ޕްރޮސެކިއުޓަރު ފަތޫ ބެންސޫދާގެ މައްޗަށް މިދިޔަ އަހަރު އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފި އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ބެންސޫދާގެ މައްޗަށް ފިޔަވަޅު އެޅީ، އެގައުމުން އަފްގާނިސްތާނުގައި ހިންގި ކަމަށް ބެލެވޭ އަދި އިސްރާއީލުން ފަލަސްތީނުގައި ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރާތީ އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވި ގޮތުގައި އަފްގާނިސްތާނާއި ފަލަސްތީނުގެ މައްސަލާގައި އައިސީސީން އަޅާ ފިޔަވަޅުތަކަށް އެގައުމުގެ ސަރުކާރުން ދެކޮޅު ހަދަ އެވެ. އަދި އައިސީސީގެ މެމްބަރު ގައުމުތަކަށް ނުވާ އެމެރިކާ އާއި އިސްރާއީލަށް އެ ކޯޓުގެ އިހުތިސާސް ފުޅާ ކުރަން މަސައްކަތް ކުރުމަކީ އެގައުމުން ރުހޭ ކަމެއް ނޫނެވެ. ނަމަވެސް އެ މައްސަލަތައް ބަލާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ ކުރިއަށް ދާންވީ ގޮތް ނޫން ކަމަށްވެސް ބްލިންކެން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަނީ މި މައްސަލަތަކުގައި އޮތް އަޅުގަނޑުމެންގެ ކަންބޮޑުވުންތައް ރަނގަޅަށް ބެލޭނީ ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ބަދަލުގައި، އައިސީސީގެ ޕްރޮސެސްއާ ގުޅުން ހުރި ފަރާތްތަކާ ވާހަކަ ދައްކައިގެން ކަމަށް،" ބްލިންކެން ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބެންސޫދާއާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމިކަން އިއުލާން ކުރައްވަމުން އޭރުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވަނީ އައިސީސީ އަކީ "ކޮރަޕްޓުވެ، ހަލާކުވެފައިވާ" ކޯޓެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ބެންސޫދާއާ ދެކޮޅަށް ފިޔަވަޅު އެޅީ އޭނާގެ މުދާ ހިފެހެއްޓުމަށާއި އޭނާ އެމެރިކާއަށް ވަނުން ހުއްޓުވުމަށް ހުއްދަ ދޭނެ ރިޔާސީ އަމުރެއްގެ ދަށުންނެވެ.

މިދިޔަ އަހަރު އައިސީސީން ތަހުގީގު ކުރަން ފަށާފައި ވަނީ އަފްޣާނިސްތާނުގައި އެމެރިކާގެ ސިފައިންގެ އިތުރުން ތާލިބާނާއި އަފްޣާން ސިފައިން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ޖަރީމާތަކެވެ. އަދި އެ ކޯޓުން ދަނީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް ހިންގާ، އިންސާނިއްޔަތާ ހިލާފު އަނިޔާތައް ކުރާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތައްވެސް ބަލަމުންނެވެ.

comment ކޮމެންޓް