ރަންބީރަށް ފަހު އާލިއާ ވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރަންބީރު ކަޕޫރު އަދި އާލިއާ ބަޓް---

ލޯބިވެރިޔާ ރަންބީރު ކަޕޫރު ކޮވިޑުން ރަނގަޅުވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ބަތަލާ އާލިއާ ބަޓް ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ބަތަލާ އާލިއާ ކޮވިޑަށް ޕޮޒިޓިވްވި ކަން ހާމަކުރަމުން އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އޭނާ ކޮވިޑަށް ޕޮޒިޓިވް ކަމަށާއި ޕޮޒިޓިވްވި ކަން އެނގުމާއެކު އައިސޮލޭޓްވި ކަމަށެވެ. އަދި އޭނާ ހުންނާނީ ހޯމް ކަރަންޓީނުގައި ކަމަށްވެސް ވަނީ ބުނެފައެވެ.

އާލިއާ ބުނީ ޑަކްޓަރުންގެ އިރުޝާދާއެކު ހުރިހާ ޕްރޮޓޮކޯލްއެއް ފުރިހަމަ ކުރަމުން އަންނަ ކަމަށެވެ. ބަތަލާ ޕޮޒިޓިވްވިއިރު އެކްޓަރު ރަންބީރަށް ވަނީ މިދިޔަ މަހު ކޮވިޑް ޖެހިފައެވެ. އަދި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އަށްވެސް ވަނީ ކޮވިޑް ޖެހިފައެވެ.

ޒުވާން ބަތަލާ އާލިއާގެ އަތުގައި ގިނަ ފިލްމުތަކެއް ހުރިއިރު އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ބަންސާލީގެ ގަންގޫބާއީ އިންނެވެ. އެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ލޯބިވެރިޔާ ރަންބީރު އާއެކު ފުރަތަމަ ފަހަރަށް ފިލްމަކުން ފެނިގެންދާ ފިލްމު "ބްރަހްމަސްތުރާ" ހިމެނެއެވެ

comment ކޮމެންޓް