މުދާ ހިފަހައްޓައިގެން ތިބެ، އަގުބޮޑުވުމުން ބާޒާރަށް ނެރުން ހުއްދަ ނޫން: ޚުތުބާ

މާޗް 23، 2021: އަމީނީމަގު ލޯކަލް މާރުކޭޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީސްތަކުންނަށް ބޭނުންޖެހިފައިވާ މުދަލެއް ބާޒާރަށް ނުނެރެ، ހިފެހެއްޓުމަށްފަހު އެމުދަލުގެ އަގު ބޮޑުވުމުން ބާޒާރަށް ނެރެ ބޮޑު އަގުގައި ވިއްކުމަކީ ފާފަވެރިވާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައި ވަނީ މަކަރާއި ހީލަތްހެދުމުގެ މައްޗަށެވެ.

ހުތުބާގައި ބުނެފައި ވަނީ ވިޔަފާރިކުރުމުގެ ބޭނުމުގައި ގެންނަ ބައެއް ބާވަތްތަކުގެ މުދަލުގައި ވަރަށް ބޮޑު އޮޅުވާލައި، މަކަރު ހަދާކަމުގެ ޝަކުވާ މުޖުތަމައުން އިވޭ ކަމަށެވެ.

އެގޮތުން ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ތަކެތި ރާއްޖެ ގެނެސް ވިއްކި ނަމަވެސް، ބައެއް ވިޔަފާރިވެރިން މޮޅު ބްރޭންޑުތަކުގެ ނަމުގައި ފެންވަރު ދަށް، އަދި ބޭނުންކުރާ މީހަކަށް ބޮޑެތި ގެއްލުން ލިބިދާނެ ފަދަ މުދާ ހަދައު އެތެރެކޮށް ވިއްކާ ކަމަށެވެ.

ހުތުބާގައި ބުނެފައި ވަނީ އެއީ މަކަރާ ހީލަތް ހަދައިގެން، އޮޅުވާލައިގެން ވިޔަފާރިކުރުން ކަމަށާއި، އެކަމުގެ ގެއްލުން ވިޔަފާރިވެރިންނަށާއި، ވިޔަފާރިކުރާ މީހުންނަށް ވެސް ކުރާނެ ކަމަށެވެ.

އިސްލާމްދީނުގައި ވިޔަފާރީގެ ދޮރުތައް ހުޅުވައިދީފައި ވަނީ، ހަލާލު ގޮތުގައި ވިޔަފާރިކޮށްގެން އާމްދަނީ ހޯދުމަށް ކަމަށާއި، ވިޔަފާރީގައި މަކަރާއި ހީލަތް ހަދައި އޮޅުވާލުން ހަރާމްކުރައްވާފައިވާ ކަމަށް ހުތުބާގައި ވަނީ ހަނދާންކޮށްދީފަ އެވެ.

މީސްތަކުންނަށް ތަކެތި ގަތުމަށް ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި، މުދަލުގެ އަގު ބޮޑުކޮށްގެން ވިއްކުމަކީ، ވިޔަފާރި ހުއްދަ ކުރެވުނު ޝަރުއީ މަސްލަހަތާ ފުށޫ އަރާކަމެއް ކަމަށާއ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގެ ދަތިހާލުގައި މީސްތަކުން އުޅޭއިރު އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ވަގުތެއްގައި، ތަކެތީގެ އަގުބޮޑުކުރުމަކީ ނިކަމެތީން އިތުރަށް ނިކަމެތިވެގެންދާނެ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

"އިޙްތިކާރު ކޮށްގެން ފައިދާ ހޯދުމަކީ އިސްލާމްދީހުގައި ހުއްދަވެގެންވާ ކަމެއް ނޫނެވެ. އިޙްތިކާރު ކުރުމަކީ މީސްތަކުންނަށް ބޭނުންޖެހިފައިވާ މުދަލެއް ބާޒާރަށް ނުނެރެ، ހިފެހެއްޓުމަށްފަހު އެމުދަލުގެ އަގު ބޮޑުވުމުން ބާޒާރަށް ނެރެ ބޮޑު އަގުގައި ވިއްކުމެވެ."

ހުތުބާގައިބުނީ، އިޙްތިކާރު ކުރުމުގައި ގަނެވިއްކުމުގެ ޝަރުތުތައް ފުރިހަމަވީ ނަމަވެސް، އެއީ ރަސޫލާގެ ސިންނަތުން މަނާ ކުރައްވާފައިވާ މުއާމަލާތެއް ކަމަށެވެ. ވަކިން ހާއްސަކޮށް، ކޮއްތުގެ ގޮތުގައި މީހުން ބޭނުންކުރާ ތަކެތި އިޙްތިކާރު ކުރުން ފާފަވެރިކަން ބޮޑުވެގެންވާ ކަމަށް ހުތުބާގައި ބުންޏެވެ.

އޭގެ އިތުރުން ކާބޯތަކެތި ގަޑުބަޑުކޮށްގެން ވިއްކުމާއި، ހަލާލު ނޫން ގޮތްގޮތަށް އާމްދަނީ އިތުރުކުރުމުގެ ނުބައިކަމުގެ މައްޗަށް ވެސް މިއަދުގެ ހުތުބާގައި އަލިއަޅުވާލި އެވެ.

comment ކޮމެންޓް