މޯދީއާއި ޝައިހް ހަސީނާއަށް މަލާމާތް ކުރި ބަންގްލަދޭޝްގެ ޒުވާނަކު ހައްޔަރުކޮށްފި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ -- ފޮޓޯ: އޭޕީ

ޑާކާ (އޭޕްރިލް 2): ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ހެދި މިއުޒިކް ވީޑިއޯއަކާ ގުޅިގެން ބަންގްލަދޭޝްގެ ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ބަންގްލަދޭޝްގެ ފުލުހުންގެ ރެޕިޑް އެކްޝަން ބެޓާލިއަން (އާރުއޭބީ)ގެ ވެރިޔާ އަބްދުﷲ އަލް މަމުން ވިދާޅުވި ގޮތުގައި 19 އަހަރުގެ ރަބީއުލް އިސްލާމް ހައްޔަރު ކުރީ އެގައުމުގެ އިންޓަނެޓާ ބެހޭ ގާނޫނުގެ ދަށުންނެވެ.

"އޭނާ ވަނީ ބަންގްލަދޭޝް އާއި އިންޑިއާގެ ބޮޑުވަޒީރުންގެ ފޮޓޯ ބޭނުންކޮށް، އިހުތިރާމް ކުޑަވާ ފަދަ މިއުޒިކް ވީޑިއޯއެއް ހަދާފަ،" އަލް މަމުން ވިދާޅުވި އެވެ.

ފުލުހުން ބުނި ގޮތުގައި އިސްލާމްގެ މައްޗަށް ސަރުކާރުގެ ވެރިޔާގެ އަބުރަށް އަރައިގަތުމާއި ނަމަށް ހުތުރާވާ ފަދަ އަމަލެއް ކުރުމުގެ ދައުވާ ކުރާނެ ކަމަށް ބެލެވެ އެވެ. އަދި އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ ގިނަވެގެން 14 އަހަރަށް ޖަލަށްލުން އެކަށީގެންވެ އެވެ.

ބަންގްލަދޭޝްގެ ޖާނަލިސްޓްސް އެސޯސިއޭޝަންގައި އިސްކޮށް ހުންނަވާ މުސްތަފާ ޖަމާލް ވަނީ އިސްލާމް ހައްޔަރު ކުރުމަކީ ފުލުހުންނާއި ވެރިކަން ކުރާ ޕާޓީން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. އަދި އެގައުމުގެ އިންޓަނެޓާ ބެހޭ ގާނޫނުތައް، ސަރުކާރަށް ފާޑު ކިޔުން ހުއްޓުވުމަށް ބޭނުން ކުރާ ކަމަށް އެކްޓިވިސްޓުން ވަނީ ތުހުމަތުކޮށްފަ އެވެ.

ބަންގްލަދޭޝްއިން އިސްލާމް ހައްޔަރުކޮށްފައި ވަނީ، މިދިޔަ ހަފްތާ ބަންދު ތެރޭގައި މޯދީ އެގައުމަށް ވަޑައިގެންނެވުމުން އެގައުމުގައި އޭނާއާ ދެކޮޅަށް މުޒާހަރާތައް ބޭއްވި ފަހުންނެވެ. އަދި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތައް ހިނގި އެ އެއްވުމުގައި 13 މީހަކު މަރުވި ފަހުންނެވެ.

comment ކޮމެންޓް