ހިތަދޫ އިހުގެ ބަނދަރާއި ޕޯޓު ތަރައްގީކުރަން އެމްޓީސީސީއަށް

އައްޑޫ ވިޔަފާރި ބަނދަރު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ/ އެމްޓީސީސީ

އައްޑޫ ސަރަހައްދީ ޕޯޓާއި ހިތަދޫ އިހުގެ ބަނދަރު ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އެމްޓީސީސީއާ ހަވާލުކުރީ މިއަދު އެވެ. މަޝްރޫއު ހަވާލުކުރުމަށް މިއަދު ހިތަދޫގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމް އެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އެވެ.

އައްޑޫ ސަރަޙައްދީ ޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، 500,972 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 8.50 ހެކްޓަރުގެ ސަރަހައްދެއްގެ ބިންހިއްކުމާއި، 2،360 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 25،900 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.

އެމްޕީއެލް އިން އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއަކީ 211.771 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 525 ދުވަހުގެ ތެރޭގަ އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ހިތަދޫ އިހުގެ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށައިފަ އެވެ.

މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ހިތަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހިތަދޫ ދާއިރާގެ މަޖިލިސް މެމްބަރުންނާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އިސްވެރިންގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ ރައީސްއާއި މެމްބަރުން ބައިވެރިވި އެވެ.

ހިތަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، 234،297 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 800 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 1420 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.

ޕްލޭނިން މިނިސްޓްރީ އިން އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއަކީ
52.43 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަސްތެރޭގަ އެވެ.

comment ކޮމެންޓް