ޓައިވާނުގައި ރޭލެއް ދަގަނޑު މަތިން ކައްސާލުމުގެ ސަބަބުން 34 މީހަކު މަރުވެއްޖެ

ޓައިވާނުގައި ހިނގި ރޭލު އެކްސިޑެންޓެއްގައި 34 މީހަކު ވަނީ މަރުވެފަ -- ފޮޓޯ: ރޮއިޓާސް

ޓައިޕޭ (އޭޕްރިލް 2): ޓައިވާނުގެ ވެރިރަށް ޓައިޕޭއިން މިއަދު ދަތުރު ކުރަމުން ދިޔަ ރޭލެއް ދަގަނޑު މަތިން ކައްސާލުމުގެ ސަބަބުން 34 މީހަކު މަރުވެ، ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެއްޖެ އެވެ.

ޓައިވާނުގެ ސެންޓްރަލް އެމާޖެންސީ އޮޕަރޭޝަނުން ބުނި ގޮތުގައި ރޭލު، ދަގަނޑު މަތިން ކައްސާލީ ބިންގަރާހެއްގެ ތެރެއިން ދަތުރު ކުރަމުން ދަނިކޮށެވެ. އަދި ބިންގަރާހުގެ ތެރޭގައި އޮތް ރޭލުގެ ބައެއް ބައިތަކަށް ގެއްލުންވެފައި ވުމުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ވަނީ ހުރަސް އެޅިފަ އެވެ.

ޓައިވާނުގެ ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލާދީ ރޮއިޓާސްގައިވާ ގޮތުން 350 މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ އެ ރޭލުގައި ތިބި 72 މީހަކަށް އަނިޔާވެފައިވެ އެވެ. އަދި 100 މީހަކު ސަލާމަތްކޮށްފައިވެ އެވެ. ނަމަވެސް ރޭލުގައި މިހާރުވެސް ބަޔަކު ތާށިވެފައި ތިބި ކަމަށާއި އެމީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ގައުމުގެ ރައީސް ސައި އިންގް-ވެން ވިދާޅުވި އެވެ.

"ބަލިވެ، އަނިޔާވެފައިވާ މީހުންނަށް އެހީވުމަށް އެމާޖެންސީ ރެސްކިއު މެކޭނިޒަމްތައް ވަނީ ގާއިމުކޮށްފަ. އަޅުގަނޑުމެން މިހާރު އެންމެ ބޮޑު އިސްކަމެއް ދެމުން ދަނީ [ރޭލުގައި] ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް،" ސައި ވިދާޅުވި އެވެ.

ޓައިވާނުގެ ރޭލު ދަތުރުތަކާ ބެހޭ އިދާރާއިން ބުނި ގޮތުގައި އެ ހާދިސާ ހިނގީ އިންޖިނިއަރިން ޓީމަކުން ބޭނުން ކުރަމުން ދިޔަ ޓްރަކެއް ރޭލު ދަގަނޑު މައްޗަށް އެރުމުން، އެ އުޅަނދުގައި ރޭލު ޖެހުމުން ކަމަށް ބެލެވެ އެވެ.

އެއީ ފާއިތުވި އަހަރުތަކުގައި ޓައިވާނުގައި ހިނގި އެންމެ ނުރައްކާތެރި އެއް ރޭލު އެކްސިޑެންޓެވެ. އެގައުމުގައި އެންމެ ފަހުން ނުރައްކާތެރި ރޭލު އެކްސިޑެންޓެއް ހިނގާފައި ވަނީ 2018 ވަނަ އަހަރެވެ. އެހާދިސާގައި ރޭލެއް، ދަގަނޑު މަތިން ކައްސާލުމުގެ ސަބަބުން 18 މީހަކު މަރުވި އެވެ. އަދި ފަހުގެ ތާރީހުގައި ހިނގި އެންމެ ގެއްލުން ބޮޑު ރޭލު އެކްސިޑެންޓަކީ 1991ގައި ދެ ރޭލެއް ޖެހުމުގެ ސަބަބުން ހިނގި ހާދިސާއެކެވެ. އެ އެކްސިޑެންޓުގައި 30 މީހަކު މަރުވެ، 112 މީހަކަށް އަނިޔާވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް