މުސާރަ ހިނގާ ގޮތަށް ނިޝާމާ އާއި ޝިޔާމާ ސަސްޕެންޝަނުގައި ހަތް މަސް!

ވެންޓިލޭޓަރު މައްސަލައިގައި މިދިޔަ އަހަރުގެ އޯގަސްޓް މަހު ސަސްޕެންޑުކުރި ހެލްތު މިނިސްޓްރީގެ ދެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު (ކ) އަދި ޝިޔާމާ މުހައްމަދު (ވ) --- ފޮޓޯ/ ހެލްތު މިނިސްޓްރީ

ކޮވިޑް-19 ގެ ޚަރަދުތައް ކުރުމުގައި ހިންގާފައިވާ ކޮރަޕްޝަންތަކާ ގުޅިގެން މަގާމުގެ މަސްއޫލިއްޔަތު ތަކުން އެކަހެރި ކުރި ހެލްތު މިނިސްޓްރީގެ އިސްވެރިން މުސާރަ ހިނގާ ގޮތަށް ސަސްޕެންޝަނުގައި ތިބޭތާ ހަތް މަހަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

އެ މައްސަލައިގައި ސަސްޕެންޑު ކުރި ބޭފުޅުންގެ ތެރޭގައި ހިމެނެނީ ބިޑް ކޮމިޓީގެ ޗެއާޕާސަން، ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ސްޓޭޓް މިނިސްޓަރު ޑރ. ޝާހް އަބްދުﷲ މާހިރު އަދި ވެންޓިލޭޓަރުތަކުގެ އެއްބަސްވުމުގައި ސޮއިކުރެއްވި ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދެވެ.

އިތުރު ވެރިން ވެސް ހިމެނޭ ގޮތަށް، އެ ތިން ބޭފުޅުން ސަސްޕެންޑު ކުރީ މިދިޔަ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު އެވެ.

ސްޓޭޓް މިނިސްޓަރު ޑރ. ޝާހް އަބްދުﷲ މާހިރުގެ މައްސަލައެއް ތަހުގީގަށް ފެނިފައި ނުވާތީ، އޭނާއަށް ދައުވާނުކުރަން ނިންމައި ސަސްޕެންޝަން ވަނީ އުވާލައިފަ އެވެ.

ނަމަވެސް ނިޝާމާ އާއި ޝިޔާމާ އަދިވެސް ތިއްބެވީ ސަސްޕެންޝަނުގަ އެވެ.

އެކަމާ ގުޅޭގޮތުން "ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ސަސްޕެންޝަނާ ގުޅޭގޮތުން ވަކި ގޮތެއް ކަނޑައެޅޭނީ ކަމާބެހޭ ފަރާތްތަކުން ކުރިއަށް ގެންދާ ތަހުގީގު ނިމުމުން ކަމަށެވެ.

"އަޅުގަނޑުމެން އަތުގަ އަސްލު އޮތް ބާރެއް ނޫން މިހާރު. ތަހުގީގު ނިމުނީމަ ސަސްޕެންޝަން އުވާލެވޭނީ ވެސް،" މަބްރޫކް ވިދާޅުވި އެވެ.

ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާ ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ގުޅިގެން ތަހުގީގެއް ހިންގުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ އަންގަވާފައެވެ. އެމީހުންގެ ސަސްޕެންޑް ކުރީ އޭސީސީއާ ފުލުހުން ގުޅިގެން ހިންގާ ޖޮއިންޓް އިންވެސްޓިގޭޝަން ނިމެންދެނެވެ.

ބިޑް ކޮމިޓީގެ ޗެއާ ނިޝާމާ ހިމެނޭ ގޮތުން އެ ކޮމިޓީގެ ހަތަރު މެންބަރުންގެ މައްޗަށް ދައުވާ ކުރަނީ މާލިއްޔަތު ގަވާއިދުގައި ބުނާ ގޮތަށް ޑިއުޑިލިޖެންސާއި ޓެކްނިކަލް އިވެލުއުއޭޝަން ހެދުމެއް ނެތި ވެންޓިލޭޓަރުތައް ގަންނަން ބަޔަކާ ހަވާލުކުރަން ނިންމާފައިވާތީ އާއި މަސައްކަތް ހަވާލުކުރި "އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން"ގެ ނަމުގައި ބިޑް ކޮމިޓީއަށް ކޮޓޭޝަނެއް ހުށަހެޅިފައި ނެތް ނަމަވެސް ޑރ. އަލީ ޓުކްމަޗީގެ ނަމުގައިވާ ހުށަހެޅުމެއް އިވެލުއޭޓްކޮށް ފަހުން ދުބާއީ ކުންފުނީގެ ނަމަށް ލިޔުންތައް ބަދަލުކޮށްފައިވާތީ އެވެ. އޭސީސީއިން ތުހުމަތު ކުރަނީ ބިޑް ކޮމިޓީގެ މެންބަރުން އެގޮތަށް އަމަލުކުރީ، ޑރ. އަލީއަށް އެ މަސައްކަތް ހަވާލުކުރުމުގެ ނިޔަތުގައި ކަމަށެވެ.

އެކަންކަމާ ގުޅިގެން ބިޑް ކޮމިޓީގެ މެންބަރުންގެ މައްޗަށް ދައުވާ ކުރަން އޭސީސީއިން އެދިފައި ވަނީ ގާނޫނުލް އަގޫބާތުގެ 512 ވަނަ މާއްދާގެ (ހ)ގެ 1 އާއި ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ. އެއީ ރަސްމީ ވާޖިބު އަދާކުރުމުގައި ހިންގާ އެކަށީގެން ނުވާ އަމަލާއި ނަހަމަ ގޮތުގައި ރަސްމީ ހައިސިއްޔަތު ބޭނުން ކުރުމުގެ ކުށް ކަނޑައަޅާ މާއްދާ އެވެ.

ކޮވިޑުގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ގަތުމުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން އޭސީސީ އިން ޕީޖީއަށް ފޮނުވި އެވެ. ނަމަވެސް، ކުށުގެ އުންސުރުތައް ހަމަނުވާ ކަމަށް ބުނެ ޕީޖީއިން ދައުވާ ނުކުރަން ނިންމި އެވެ. އަދި އެ ނިންމުން ރިވިއުކުރި ނަމަވެސް މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުމަށް ބަދަލުނުގެންނަން ޕީޖީ އޮފީހުން ނިންމި އެވެ.

އެ ނިންމުމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް، އަލުން މައްސަލަ ރިވިއު ކުރަން ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ. އަދި ވެންޓިލޭޓަރުތަކަށް ދެއްކި ފައިސާ އަނބުރާ ހޯދަށް އާބިޓްރޭޝަނަށް ދާން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

މަބްރޫކް ވިދާޅުވީ މިހާރު ސަރުކާރުގެ އަމާޒަކީ އެ ފައިސާ އަނބުރާ ހޯދުން ކަމަށާއި އަދި މައްސަލައިގައި ޖިނާއީ ކަމެއް އުޅޭތޯ ބަލަން ތަހުގީގު ވެސް ކުރިއަށްދާ ކަމަށެވެ.

"މިކަމުގައި އެއްވެސް މީހަކު ޝަމިލުވެފައިވާނަމަ، އެއީ ދިވެއްސެއް ވިޔަސް ނޫން ވިޔަސް އެމީހަކާ ދޭތެރޭ ފިޔަވަޅު އަޅަން އަޅުގަނޑުމެން ބޭނުން،" މަބްރޫކް ވިދާޅުވި އެވެ.

ޑެޕިއުޓީ މިނިސްޓަރުންނާއި އެ ފެންވަރުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައަކީ މަހަކު 35،500 ރުފިޔާއެވެ. އެއީ 20،500 ރުފިޔާގެ މުސާރަ އަދި 15،000 ގެ އެލަވަންސަކާ އެކުއެވެ.

comment ކޮމެންޓް