ތާރީހު ދިރާސާކުރުމަކީ މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ކޮނޑުގައި އެޅިފައިވާ މުހިންމު މަސައްކަތެއް: ރައީސް

ރާއްޖޭގެ ދިގު އަދި މުއްސަނދި ތާރީހު ދިރާސާކޮށް، ލިޔެ، ރައްކާތެރިކުރުމަކީ، ޔުނިވާސިޓީތަކާއި ކޮލެޖްތަކުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ކޮނޑުގައި އެޅިފައިވާ ގައުމީ މަސައްކަތެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސިފަ ކުރައްވައިފިއެވެ.

އެ މަނިކުފާނު މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައި މި ވަނީ، އަލްޤާޞީ ޙަސަން ތާޖުއްދީން ލިޔުއްވާފައިވާ "ތާރީޚް އިސްލާމި ދީބާ މަޙަލް" ގެ ދިވެހި ތަރުޖަމާ ރަސްމީކޮށް ނެރެދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

"ތާރީހް އިސްލާމި ދީބާ މަހަލް" އަކީ، ރާއްޖޭގެ ދިގު ތާރީހާ ގުޅޭގޮތުން ދިވެއްސަކު ލިޔުއްވާފައިވާ އެންމެ ފުރަތަމަ ފޮތެވެ. އަލްޤާޞީ ޙަސަން ތާޖުއްދީން މި ފޮތުގެ އަސްލު ލިޔުއްވާފައި ވަނީ އަރަބި ބަހުންނެވެ. ރައީސުލްޖުމްހޫރިއްޔާ މި ފޮތް ސިފަކުރައްވަނީ ރާއްޖޭގެ ތާރީހުގެ ވަރަށް އަގުހުރި ރަން މުތެއްގެ ގޮތުގައެވެ. އަދި، ގައުމީ ތަރިކައެއްގެ ގޮތުގައެވެ. އެ މަނިކުފާނު ވިދާޅުވީ، މި ފޮތަކީ ކިޔަވާ ކުދިންނަށް ލިބުނު ވަރަށް އަގުހުރި އިލްމީ ހަދިޔާއެއް ކަމަށެވެ. އޭގެ އިތުރުން ތާރީހު ދިރާސާ ކުރައްވާ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ވަރަށް އިތުބާރު ހުރި މަސްދަރެއްގެ ގޮތުގައި ރައީސް އެ ފޮތް ސިފަ ކުރެއްވި އެވެ.

އެ ފޮތް ނެރެދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކުގެ ކަމާގުޅޭ ފެކަލްޓީތަކުން، ރާއްޖޭގެ ތާރީހާ މެދު މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ދިރާސާކުރަން ޖެހިފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ. އަދި، ދަރިވަރުންނަށް އެ ކަމަށް ހިތްވަރުދެއްވައި، ދިވެހި ބަހުގެ އެކެޑަމީގެ އެހީތެރިކަމާއެކު، އެ މަސައްކަތް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ފެއްޓެވުމަށް އެ މަނިކުފާނު ގޮވައިލެއްވިއެވެ.

ތާރީހް ދިރާސާކޮށް، ތާރީހީލިޔުންތައް ރައްކާރުމާ ގުޅޭގޮތުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ކަމުގައި އިސްކަންދޭންވީ ހަމައެކަނި އިހުގެ ތާރީހަށް ނޫން ކަމުގައެވެ. އަދި، އެއިރެއްގައި ކަން ހިނގަމުންދާ ގޮތް، އެއްވެސް ތައައްސުބެއް ނެތި، ތެދު ބަހުން ހާމަކުރުމަށް އިސްކަންދިނުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ. އެ މަނިކުފާނު އިތުރަށް ވިދާޅުވީ، އެ ކަން އެންމެ ފުރިހަމައަށް ކުރެވޭނީ، އެ ޒަމާނެއްގައި، އެ ކަމެއް " ލޮލުން ދެކި އަތުން ހިފި ބަޔަކަށް" ކަމުގައެވެ. އަދި، އެ ކަމެއް ހިނގަމުންދާ ދުވަސްވަރެއްގައި ކަމުގައި ރައީސް ވިދާޅުވި އެވެ.

"މިފޮތުގައި ހުރި ވާހަކަތަކަށް ބަލާއިރު، މިއީ ހަމައެކަނި ތާރީޚު ފޮތެއް ވެސް ނޫން. މިއީ ދުނިޔަވީ ކަންކަމުގައި ހެޔޮ އިރުޝާދު ބޭނުންވާ މީހަކަށް ވަރަށް ބޭނުންތެރި އަގުހުރި ނަޞޭޙަތްތަކެއް. އިންސާނީ ތާރީޚުގެ ފަތްފުށްތަކުން ޢިބްރަތް ޙާޞިލްކުރަން އެދޭ މީހަކަށް ވެސް، އެތައް ދަރުސްތަކެއް ލިއްބައިދޭނެ ފޮތެއް،" ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، އެ ފޮތް ދިވެހި ބަހަށް ތަރުޖަމާކޮށް ޗާޕުކޮށް ނެރުމުގައި ހަރަކާތްތެރިވި އެންމެހައި ފަރާތްތަކަށް ޝުކުރުވެސް އަދާކުރެއްވިއެވެ.

ފޮތް ރަސްމީކޮށް ނެރެދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވެސް ބައިވެރިވެ ވަޑައިގެންނަވާ، އެ ފޮތުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

comment ކޮމެންޓް