އަވަސް ސްޕީޑްގެ އިންޓަނެޓް، އެމެރިކާގެ 30 އިންސައްތަ ރައްޔިތުންނަށް ނުލިބޭ: ބައިޑެން

އެެމެރިކާގެ ރައީސް ޖޯ ބައިޑެން

ވޮޝިންޓަން (އެޕްރީލް 1) : ޒަމާނީ އަވަސް ސްޕީޑްގެ އިންޓަނެޓްގެ ޚިދުމަށް އެމެރިކާގެ 30 އިންސައްތަ ރައްޔިތުންނަށް ނުލިބޭ ކަމަށާއި އެމެރިކާގެ ގިނަ ސްޓޭޓްތަކުގެ މަދަނީ އިންފްރާސްޓްރަކްޗަރ (އުމުރާނީ ތައްގީގެ އަސާސްތައް) ޒަމާނާ ގުޅޭވަރަށްވުރެ ބައުވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އުމްރާނީ ތަރައްގީ ޒަމާނީ ކުރުމަށް ދެޓްރިލިޔަން (ދެހާސް ބިލިޔަން) ޑޮލަރުގެ ޕްލޭނެއް

ބައިޑެން މިހެން ވިދާޅުވީ ދުނިޔޭގެ އެންމެ ބާރުގަދަ، އެންމެ މުއްސަނދި އަދި އެންމެ ނުފޫޒުގަދަ ގައުމު ކަމަށްވާ އެމެރިކާގެ އިގްތިސާދު އިސްލާހުކޮށް އެމެރިކާގެ ސްޓޭޓްތަކުގެ ފެނާއި ނަރުދަމާއާއި މަގުތަކާއި ރޭލްވޭތަކާއި ސަބްވޭތަކާއި އެއާޕޯޓްތަކާއި ކަނޑުގެ ބަނދަރުތަކާއި ޓެލެކޮމިއުނިކޭޝަންފަދަ މަދަނީ އިންފްރާސްޓްރަކްޗަރ ގެ އަސާސްތަކާއި އޭގެ އޮނިގަނޑުތައް ޒަމާނާ އެއްގޮތަށް އަލުން އާރާސްތުކުރުމަށް ޓަކައި އެކުލަވާލި ދެ ޓްރިލިޔަން (ދެހާސް ބިލިޔަން) ޑޮލަރުގެ އިގްތިސާދީ ބިޔަ ޕްލޭނެއް އިއުލާން ކުރުމުގެ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

ބައިޑެން ވިދާޅުވީ އެމެރިކާގެ މަދަނީ އިންފްރާސްޓްރަކްޗާ ޒަމާނީކޮށް އަލުން ތަރައްގީކުރުމަށް ޚަރަދުކުރުމަށް ހަމަޖެހިފައިވާ ދެ ޓްރިލިޔަން ޑޮލަރުގެ އިގްތިސާދީ ޕްލޭންގައި ހިމެނޭ މަޝްރޫޢުތަކުގެ ސަބަބުން އެމެރިކާގައި ވަޒީފާގެ އެތަށް މިލިޔަން ފުރުސަތެއް އިތުރުވެ ވަޒީފާ ގެއްލިފައިވާ އެމެރިކާގެ އެތަށް މިލިޔަން ބަޔަކަށް ވަޒީފާ ލިބިގެންދާނެ ކަމުގައެވެ. އެމެރިކާގެ ގިނަ ސްޓޭޓްތަކުގެ ފެނާއި ނަރުދަމާގެ ނިޒާމުތަކާއި މަގުތަކަކީ 1950 އާއި 1960 ގެ އަހަރުތަކުގައި ބިނާކޮށްފައިވާ އިންފްރާސްޓްރަކްޗަރ ކަމުން އެނިޒާމުތަށް ބައުވެ ބޮޑެތި މައްސަލަތަކެއް ދަނީ ކުރިމަތިވަމުންނެވެ.

އެމެރިކާގެ އިންފްރާސްޓްރަކްޗަރ އާއި މަދަނީ ތަރައްގީގެ ވަސީލަތްތައް ގާއިމް ކުރުމާއި އެތަންތަން އިސްލާހު ކުރުންފަދަ ތަރައްގީގެ މަޝްރޫއުތައް ހިންގުމަކީ ސްޓޭޓްތަކުގެ ލޯކަލް ސަރުކާރުތަކުގެ ޒިންމާއެކެވެ. ފެޑްރަލް ސަރުކާރުން މައިގަނޑު ގޮތެއްގައި ބަލަހައްޓަނީ ޚާރިޖީ ކަންތައްތަކއި އަސްކަރީ އަދި ދިފާއީ ކަންކަމާއި އަދި އެތެރޭގެ ސަލާމަތާބެހޭ ބައެއް ކަންކަމުގެ އިތުރުން މުޅި އެމެރިކާގެ ގައުމީ މަސްލަހަތާގުޅޭ ކަންކަމެވެ.

އެެހެންކަމުން މަދަނީ އިންފްރާސްޓްރަކްޗަރ އިސްލާހުކޮށް ޒަމާނީ ކުރުމުގެ ޕްލޭނެއް ފެޑްރަލް ސަރުކާރުން އެކުލަވާލައި މިކަމަށް އިސް ނެގިނަމަވެސް މި ޕްލޭން ތަންފީޒުކުރުމުގައި މައިގަނޑު ދައުރު އަދާކުރާނީ ސްޓޭޓްތަކުގެ ސަރުކާރުތަކުންނެވެ.

އެމެރިކާގެ އިންފްރާސްޓްރަކްޗަރ އިތުރަށް ތަރައްގީ ނުކޮށް ޗައިނާއާ ވާދަނުކުރެވޭނެ

އެމެރިކާގެ އިގްތިސާދު އިސްލާހުކޮށް މަދަނީ އިންފްރާސްޓްރަކްޗަރ ގެ އަސާސްތަކާއި ދަތުރުފަތުރާއި އިންޓަނެޓްގެ ޚިދުމަތްތައް އުމްރާނީ ތަރައްގީގެ އޮނިގަނޑުތައް ޒަމާނާ އެއްގޮތަށް އަވަސްގޮތަކަށް ތަރައްގީ ނުކޮށްފިނަމަ މަރުކަޒީ ޕްލޭންތަކާއެކު އާދަޔާ ޚިލާފު ބާރުމިނެއްގައި ކުރިއަރަމުންދާ ޗައިނާއާ ފައިހަމަކުރަން މުސްތަގްބަލްގައި އެމެރިކާ ނުކުޅެދޭނެކަމުގެ އިންޒާރު އެމެރިކާގެ ބައެއް ސްޓްރެޓެޖިސްޓުން ވަނީ ދެއްވާފައެވެ. މިއާއެކު ބައިޑެން ވަނީ އޭނާ އިއުލާން ކުރެއްވި ދެ ޓްރިލިޔަން ޑޮލަރު ގެ އިގްތިސާދީ ޕްލޭން އެންމެ މިނިޓަކަށްވެސް ފަސްކުރެވެންނެތް ކަމަށް ވިދާޅުވެފައެވެ.

މަދަނީ އިންފްރާސްޓްރަކްޗަރ ޒަމާނީ ކުރުމަށް އެމެރިކާ ނުކުޅެދޭ މައިގަނޑު ސަބަބަކީ އެމެރިކާގެ އަސްކަރީ ޚަރަދުތައް ބޮޑުވުން

ނަމަވެސް މި ޕްލޭން ތަންފީޒުކުރަން ފެށޭނީ އެމެރިކާގެ ކޮންގްރެސް އިން މި ޕްލޭންއަށް އާނބަސް ބުނެ މިކަމަށް ބޭނުންވާ ފައިސާ ޚަރަދު ކުރުމަށް އެއްބަސްވެގެންނެވެ. ކޮވިޑް-19 އާއެކު އަޑިއަޅާލާފައިވާ އެމެރިކާގެ އިގްތިސާދު އަލުން ކުރީގެ ހާލަތަށް ގެންދެވޭނީ އެކަމަށް ބޮޑެތި ޚަރަދުތަކަކާއި މަސައްކަތްތަކެއް ކޮށްގެންކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާގެ އިންފްރާސްޓްރަކްޗަރ ޒަމާނާ އެއްގޮތަށް ތަރައްގީ ކުރުމަށް އެމެރިކާ ނުކުޅެދޭ މައިގަނޑު ސަބަބަކީ އެމެރިކާގެ އަސްކަރީ ޚަރަދުތައް ބޮޑުވެ ދުނިޔެއަށް ބާރާއި ނުފޫޒު ހިންގައި ފުލުހެއްގެ ބައި އަދާކުރުމަށް އެމެރިކާ ކުރަމުން ގެންދާ ބޭކާރު އަސްކަރީ ޚަރަދުތަކެވެ.

އެމެރިކާއަކީ އަދިވެސް ދުނިޔޭގެ އެންމެ ބާރުގަދަ، އެންމެ މުއްސަނދި އަދި އެންމެ ނުފޫޒު ގަދަ ގައުމު

އެމެރިކާއަކީ އަދިވެސް ދުނިޔޭގެ އެންމެ ބާރުގަދަ ، އެންމެ މުއްސަނދި އަދި އެންމެ ނުފޫޒު ގަދަ ގައުމެވެ. ނަމަވެސް އެމެރިކާގައި ކޮވިޑް ކޮންޓްރޯލްނުވެ އެވަބާގައި އެމެރިކާގެ ބައި މިލިޔަނަށްވުރެ ގިނަމީހުން މަރުވެފައިވާއިރު އެމެރިކާގައި ފަގީރުކަން އިތުުރުވެ އެމެރިކާ ދަނީ ބަލިކަށިވަމުންނެވެ. ދާޚިލީ ހަމަނުޖެހުންތައްވެސް ދަނީ ބޮޑުވަމުންނެވެ. ބައިޑެންވަނީ އޭނާގެ ރިޔާސަތުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެމެރިކާގެ އާބާދީގައި ހިމެނޭ 330 މިލިޔަން މީހުންގެ ތެރެއިން 100 މިލިޔަން މީހުންނަށް ކޮވިޑް ވެކްސިން ދިނުމަށް ނިންމާފައެވެ. ނަމަވެސް މިހާތަނަށް ވެކްސިން ދެވުނު މީހުންގެ އަދަދަށް ބަލާއިރު ބައިޑެންގެ ރިޔާސަތުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިމަގްސަދު ހާސިލް ވުމުގެ ފުރުސަތު ވަރަށް ކުޑައެވެ.

ޗައިނާއާ ވާދަ ނުކުރެވި އެމެރިކާގެ އިގްތިސާދު ދުނިޔޭގެ ދެވަނަ އިގްތިސާދަކަށް

އާންމު ދިރިއުޅުމަށް ބޭނުންވާ ތަކެއްޗަށް ބަލާއިރު އެމެރިކާގައި އުފައްދާ ތަކެތީގެ (ކޮންޒިއުމާ ގުޑްސްގެ) އަގު އިންތިއާހައަށް ބޮޑުވެފައި އަގު ހެޔޮކޮށް ތަކެތި އުފެއްދުމުގެ ގާބިލްކަން އެމެރިކާގައި ނެތުމުންނާއި އެމެރިކާގެ ވޯކް ފޯސް ކުޑަވެފައި އަށްވުރެ ޗައިނާގެ ވޯކް ފޯސް އެތަށް ގުނައެއް ބޮޑުކަމުން ދުނިޔޭގެ ބާޒާރުތަކުގައި ޗައިނާއާ ސިނާއީ ގޮތުން ވާދަކުރުމުގައި އެމެރިކާ ވަނީ ނާކާމިޔާބުވެފައެވެ.

އެމެރިކާގެ ވޯކްފޯސްގައި 150 މިލިޔަން މީހުން ހިމެނޭއިރު ޗައިނާގެ ވޯކްފޯސް ގައި 800 މިލިޔަން މީހުން ހިމެނެއެވެ. ކައިރި މުސްތަގްބަލެއްގައި އެމެރިކާގެ އިގްތިސާދު ފަހަތަށް ޖައްސާލުމަށްފަހު ޗައިނާއިން ދުނިޔޭގެ އެއްވަނަ އިގްތިސާދީ ބާރުގެ މަގާމު ހޯދާނެކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ. މިއާއެކު އެމެރިކާ ދުނިޔޭގެ އިގްތިސާދީ ދެވަނަ ބާރުގެ ގޮތުގައި ޗައިނާއަށްވުރެ ފަހަތަށް ވެއްޓިގެން ދާނެއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް