ޔޫރަޕްގައި ކޮވިޑް ވެކްސިންދޭ ސްޕީޑް މާ ލަސް: ޑަބްލިޔުއެޗްއޯ

ޔޫރަޕް ސަރަހައްދުގައި ކޮވިޑުން މަރުވި މީހުންގެ އަދަދު ވަނީ އެއް މިލިއަނާ ގާތްވެފަ -- ފޮޓޯ: އޭޕީ

ޖެނީވާ (އޭޕްރިލް 1): ޔޫރަޕްގައި ކޮވިޑް-19 ވެކްސިން ޕްރޮގްރާމް ކުރިއަށްގެންދާ ސްޕީޑު މާ ލަސް ކަމަށް ބުނެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން އެ ސަރަހައްދުގެ ގައުމުތަކަށް ފާޑު ކިޔައިފި އެވެ.

ޑަބްލިޔުއެޗްއޯއިން ޔޫރަޕަށް ކަނޑައަޅާފައި ހުންނަ ޑިރެކްޓަރު ހާންސް ކްލޫގަ ވިދާޅުވި ގޮތުގައި ބަލިމަޑުކަމުން އަރައިގަނެވެނޭ އެންމެ ރަނގަޅު ގޮތަކީ ވެކްސިން ދިނުން ކަމަށްވާ އިރު، ޔޫރަޕުން ވެކްސިން ޖަހަމުންދާ ސްޕީޑު މާ ލަހެވެ.

"ބަލިމަޑުކަމުން އަރައިގަނެވޭނެ އެންމެ ރަނގަޅު ގޮތަކީ ވެކްސިން ޖެހުން... ނަމަވެސް [ޔޫރަޕްގައި] ވެކްސިން ޖަހާ މިންވަރު ބަލައިގަނެވޭ ވަރަށް ވުރެ ލަސް އަދި އޭގެ ސަބަބުން ޔޫރަޕްގައި ބަލިމަޑުކަން ދެމިގެން ދަނީ،" ކްލޫގަ ވިދާޅުވި އެވެ.

މީގެ އިތުރުން ޔޫރަޕްގައި ވެކްސިން އުފައްދާ މިންވަރު އިތުރުކޮށް، ވެކްސިން ޖެހުމަށް އޮތް ހުރަސްތައް ކުޑަކޮށް، މިހާރު ސްޓޮކްގައި ހުރި ހުރިހާ ވެކްސިން ޑޯޒްތައް ޖަހަން ޖެހޭ ކަމަށް ކްލޫގަ ވިދާޅުވި އެވެ.

ޑަބްލިޔުއެޗްއޯއިން ބުނި ގޮތުގައި އެ ޖަމިއްޔާއިން ޔޫރަޕް ރީޖަންގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުގެ ގިނަ ގައުމުތަކުގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައިވާކަން މިދިޔަ ހަފްތާގައި ވަނީ ފާހަގަވެފަ އެވެ. އެގޮތުން 50އަށް ވުރެ ގިނަ ގައުމު ހިމެނޭ އެ ސަރަހައްދުން މިދިޔަ ހަފްތާގައި 1.6 މިލިއަން ކޭސް ފެނި، 24،000 މީހުން މަރުވެފައިވާ ކަމަށް ޑަބްލިޔުއެޗްއޯއިން ބުންޏެވެ. އަދި އެ ސަރަހައްދުގެ 900 މިލިއަން މީހުންގެ އާބާދީގެ ތެރެއިން ވެކްސިންގެ އެއް ޑޯޒް ޖަހާފައި ވަނީ އެންމެ 10 ޕަސެންޓް މީހުންކަން އެ ޖަމިއްޔާއިން ފާހަގަ ކުރި އެވެ.

ޔޫރަޕް ސަރަހައްދުގައި ކޮވިޑުން މަރުވި މީހުންގެ އަދަދު އެއް މިލިއަނާ ގާތްވެ، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 45 މިލިއަނާ ގާތްވެފަ އެވެ.

comment ކޮމެންޓް