ހޮންކޮންގްގެ މުޒާހަރާތަކާ ގުޅިގެން ބިލިއަނަރު ޖިމީ ލައިގެ މައްޗަށް ކުރި ދައުވާ ސާބިތުވެއްޖެ

ހޮންކޮންގްގެ ބިލިއަނަރު ޖިމީ ލައިގެ މައްޗަށް ވަނީ ގަވާއިދާ ހިލާފު އެއްވުމެއް އިންތިޒާމު ކުރުމުގެ ދައުވާ ސާބިތުވެފަ --- ފޮޓޯ: ގެޓީ

ހޮންކޮންގް (އޭޕްރިލް 1): ހޮންކޮންގްގައި 2019 ވަނަ އަހަރު ބޭއްވި މުޒާހަރާތަކާ ގުޅިގެން ބިލިއަނަރު އަދި ޑިމޮކްރަސީ އެކްޓިވިސްޓު ޖިމީ ލައިގެ މައްޗަށް ކުރި ދައުވާ ސާބިތުވެއްޖެ އެވެ.

ޗައިނާގެ މައި ސަރުކާރަށް ފާޑު ކިޔާ އެޕަލް ޑެއިލީ ނޫހުގެ ވެރިޔާ ކަމަށްވާ ލައި އާއި އިތުރު ހަ މީހެއްގެ މައްޗަށް މިއަދު ހޮންކޮންގްގެ ކޯޓެއްގައި ސާބިތުވީ ގަވާއިދާ ހިލާފަށް ބޭއްވި އެއްވުމެއް އިންތިޒާމު ކުރުމުގެ ދައުވާ އެވެ.

"ދައުވާ ލިބޭ ފަރާތްތަކުން ގަވާއިދާ ހިލާފަށް ބޭއްވި އެއްވުމެއް އިންތިޒާމު ކުރިކަން ޕްރޮސެކިއުޝަނުން ވަނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށްދީފަ،" ކޯޓުގެ ނިންމުމުގައިވެ އެވެ.

އެ ދައުވާ ސާބިތުވި މީހުންގެ ތެރޭގައި، ހޮންކޮންގްގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ޑިމޮކްރެޓިކް ޕާޓީ 1990ގެ އަހަރުތަކުގައި ލޯންޗު ކުރުމުގައި އެހީތެރިވެދިން 82 އަހަރުގެ މާޓިން ލީ ހިމެނެ އެވެ. އަދި ބާކީ ފަސް މީހުންނަކީ ހޮންކޮންގްގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެމްބަރުންނެވެ.

އެ މައްސަލައިގައި ހުކުމް ކުރުން އޮންނާނީ ފަހުން ކަމަށާއި އެ ހަތް މީހުންގެ މައްޗަށް 12 އާއި 18 މަހާ ދެމެދުގެ ޖަލު ހުކުމެއް ކުރުން އެކަށީގެންވާ ކަމަށް މާހިރުން ވިދާޅުވެ އެވެ.

ހޮންކޮންގްގައި ޗައިނާގެ ނުފޫޒު އިތުރު ކުރުމާ ދެކޮޅަށް ގޮވާލާ ލައިގެ މައްޗަށް ވަނީ މިދިޔަ ޑިސެމްބަރު މަހު އަމަނާ ބެހޭ ގާނޫނުގެ ދަށުންވެސް ދައުވާކޮށްފަ އެވެ. އެއީ ބޭރުގެ ފަރާތްތަކާ ގުޅިގެން ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ކުރަން އުޅުމުގެ ދައުވާ އެވެ.

އަންނައުނުގެ ވިޔަފާރިން ފުރަތަމަ މުއްސަނދިވި ލައިގެ މިލްކިއްޔާތުގެ އަގު މިހާރު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ހޮންކޮންގްގައި 2019 ވަނަ އަހަރު މުޒާހަރާތައް ބޭއްވީ އެ ސިޓީގައި ތިބޭ ކުށުގެ ތުހުމަތު ކުރެވޭ މީހުން ޗައިނާއާ ހަވާލު ކުރުމަށް ފުރުސަތު ދޭނެ އެކްސްޓްރެޑިޝަން ބިލެއް ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމުންނެވެ.

އެ ބިލަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އޭގެ ސަބަބުން ހޮންކޮންގްގެ ޝަރުއީ މިނިވަންކަން ގެއްލި، އެ ސަރަހައްދުގެ ރައްޔިތުންނާއި އެސިޓީއަށްދާ އެހެން މީހުންވެސް ޗައިނާގެ މުށު ތެރެއަށް ގެންދިޔުމަށް މަގުފަހިވާނެ ކަމަށް ބުނެފަ އެވެ. އަދި ޗައިނާއަކީ އެގައުމުން ހައްޔަރުކުރާ މީހުންނަށް އަނިޔާކޮށް، ބިރުދައްކައިގެން ކުށަށް އިއުތިރާފު ކުރުވާކަމުގެ ރެކޯޑު އޮންނަ ގައުމެއް ކަމަށްވެސް ބުނެފަ އެވެ.

އެ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން ހޮންކޮންގްގެ ސަރުކާރުން އެކްސްޓްރެޑިޝަން ބިލް އަނބުރާ ގެންދިޔަ އެވެ. އަދި އޭގެ ފަހުންވެސް މުޒާހަރާތައް ބޭއްވި ނަމަވެސް ގިނަ އަދަދެއްގެ މީހުން ހައްޔަރު ކުރުމާއި ކޮރޯނާވައިރަސް ބަލިމަޑުކަމާ ގުޅިގެން އެ މުޒާރަހާތައް ފަހުން ހުއްޓުނީ އެވެ.

comment ކޮމެންޓް