އިބްރާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން އަމުރުކޮށްފި

އިބްރާހިމް އިސްމާއިލް (އިބްރާ) "ސަން"އަށް އިންޓަވިއު ދެއްވަނީ --- ސަން ފޮޓޯ

މަންދު ކޮލެޖުގެެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން، ސިވިލް ކޯޓުން ފުލުހުންނަށް އަމުރުކޮށްފި އެވެ.

ސިވިލް ކޯޓުން ފުލުހުންނަށް ކުރި އަމުރުގައި ބުނެފައި ވަނީ އޭނާއަކީ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ކޯޓު އަމުރާ ހަވާލުވެފައި ނުވާތީ ކޯޓަށް ހާޒިރުކުރެވިފައި ނުވާ މީހެއް ކަމަށެވެ.

އެހެންކަމުން އޭނާ ބަންދުގައި ބަހައްޓައިގެން 04 އޭޕްރީލް 2021 ދުވަހުގެ މެންދުރު 1:45 އަށް ސިވިލް ކޯޓަށް ހާޒިރުކުރުމަށް އަމުރު ކުރާ ކަމަށެވެ.

އެ ގަޑިއަށް ހާޒިރުނުކުރެވޭ ނަމަ، ހާޒިރުކުރުމަށް އަންގާފައިވާ ގަޑީގެ އެއް ގަޑިއިރު ކުރިން ލިޔުމަކުން ކޯޓަށް އެންގުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.

އޭނާ ކޯޓަށް ހާޒިރުކުރާއިރު، އެޗްޕީއޭގެ ގައިޑްލައިންގައިވާ ކަންތައްތައް ކަށަވަރުކޮށް، އެ މިންގަނޑަށް ފެތޭގޮތަށް ހާޒިރުކުރަން ވެސް އަމުރުގައިވެ އެވެ. އިބްރާ ކޯޓަށް ހާޒިރުކުރަނީ ސާބިތު ދަރަނީގެ މައްސަލައެއްގަ އެވެ.

އިބްރާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯޓަށް ހާޒިރުވާން ޗިޓު ނުލިބޭ ކަމަށެވެ.

"ކީއްކުރާނީ. ޗިޓެއް ހިފައިގެން މިގެއަކަށް ނާދޭ. މިދިޔަ މަސް ދުވަހު އެހެން މައްސަލަތަކުގައި އެތައް ފަހަރަކު ކޯޓަށް ދިޔައިން. ކޯޓުން އެތައް ޗިޓެއް މެއިލް އާއި ވައިބާއިން މަށަށް ފޮނުވާ. ދެ ރޭ ކުރިން ވެސް ފޮނުވި،" އިބްރާ ވިދާޅުވި އެވެ.

ގާނޫނުއަސާސީ ވިއްކާލީ ކަމަށާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ބާރު އެނގޭ ކަމަށް ވެސް ޓުވީޓުގައި ވިދާޅުވި އެވެ.

comment ކޮމެންޓް