ސްޓެލްކޯއިން އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކާ ދުރަށް

ސްޓެލްކޯ އިން ސިންގަލް ޔޫސް ޕްލާސްޓިކާ ދުރަށް-- ފޮޓޯ ސްޓެލްކޯ

ސްޓެލްކޯ އިން ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލައިފި އެވެ.

ސްޓެލްކޯ އިން މިއަދު ބުނީ އެކުންފުނީގައި ބޭނުންކުރާ ކަރުދާސް މަދުކުރުމަށް، ޕޭޕާލެސް ޓްރާންސެކްޝަންއަށް މިއަދުން ފެށިގެން ބަދަލުވެފައިވާ ކަމަށެވެ. އަދި ސްޓެލްކޯއިން ހިންގާ 35 އިންޖީނުގެއަކީ ވެސް ސިންގަލް ޔޫސް ޕްލާސްޓިކް ވެއްދުން މަނާ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

އެ ކުންފުނީގެ ގްރީން ލައިފް އިނިޝިއޭޓިވްގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ކުރާ މަސައްކަތުގައި މުވައްޒަފުން ބައިވެރިކުރުމަށް ކޮންމެ މުވައްޒަފަކަށް ވެސް ރީ-ޔޫސަބަލް ފެންފުޅި އާއި ފޮތި ދަބަސް ދީފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯ އިން ސިންގަލް ޔޫސް ޕްލާސްޓިކާ ދުރަށް-- ފޮޓޯ ސްޓެލްކޯ

ސްޓެލްކޯއިން އަދި ބުނީ މަސައްކަތުގެ މާހައުލުގައި ފެން ބުއިމުގެ އާދަ އަށަގަންނަވައި ދުޅަހެޔޮ ސިއްހަތެއްގައި މުވައްޒަފުން ތިބުމަށް ބާރުއެޅުމަށް، މިއަދު ގާއިމް ކުރި ނިޒާމްގެ ތެރެއިން ކުންފުނީގެ ހެޑް އޮފީހުގެ ވަކިވަކި ޑިޕާޓްމަންޓްތަކާއި ހުރިހާ ފުލޯތަކެއްގައި ވޯޓާ ޑިސްޕެންސާ މިހާރު ބަހައްޓާފައިވާ ކަމަށެވެ.

ކުންފުނީގެ ވިޔަފާރި ހިދުމަތްތަކުގައި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ކަރުދާސް ކޮތަޅު ފޯރުކޮށްދޭނެ އެވެ. އަދި ހިދުމަތް ހޯދަން އަންނަ ކަސްޓަމަރުން ގެންނަ އެއް ފަހަރު ބޭނުންކޮށް އުކާލާ ބާވަތްތަކުގެ ޕްލާސްޓިކް އިމާރާތަށް ވަނުމުގެ ކުރިން ބޭރުގައި ބެހެއްޓޭނެ އިންތިޒާމް ވެސް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

މި ބަދަލާ ގުޅޭ ގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވީ، މިއަދު މި ފެށި "ފެހި ދިރިއުޅުން" ޕްރޮގްރާމް ގެ ތެރެއިން ތިމާވެއްޓާ ރައްޓެހި ގޮތެއް ހޯދުމާއި ތިމާވެއްޓަށް ގެއްލުންދެނިވި ތަކެއްޗަށް ނޫނެކޭ ބުނުން ވެގެންދާނީ ސްޓެލްކޯގެ ހިދުމަތުގެ ދިގު ތާރީހުގައި އެޅޭނެ މުހިއްމު ހަރުފަތަކަށް ކަމަށެވެ.

"ހިސާބުތައް ދައްކާގޮތުން މަހެއްގެ މައްޗަށް މިކުންފުނީގެ ބޭނުންތަކަށް 2800 ސިންގަލް ޔޫސް ޕްލާސްޓިކް ފެންފުޅި ގަނެ ބޭނުން ކުރޭ. މިއީ އަހަރަކަށް ބަލާނަމަ، 33 ހާސް ފުޅި ފެން ތިމާވެއްޓަށް ގެންލުންދޭ ގޮތުގައި ނައްތާލާ. މިކަން ތަކުރާރުކޮށް ކޮށް ތިބެން އެހާ ފަސޭހައެއްނޫން" މުގުނީ ވިދާޅުވި އެވެ.

ސްޓެލްކޯ އިން ސިންގަލް ޔޫސް ޕްލާސްޓިކާ ދުރަށް-- ފޮޓޯ ސްޓެލްކޯ

މީގެ އިތުރުން ޒަމާނުއްސުރެ ތިމާވެއްޓާ އެހާ ރައްޓެހި ނޫން ގޮތަކަށް ކަންކަން ރޭވި ހިނގަމުންދާ ގޮތަކަށް އޮންނަ ކުންފުނި މިއަދުގެ ފަހުން ތިމާވެއްޓާ ރައްޓެހި ނަމޫނާ ކުންފުންޏެއްގެ ގޮތުގައި މުޖުތަމައު ދެ ބަލައިގަންނާނެ ކަމަށާއި މިކަން ތައާރަފް މިކުރެވެނީ "ފެހި ދިރިއުޅުން" ޕްރޮގްރާމްގެ ތެރޭން ކަމަށްވެސް މުގުނީ ވިދާޅުވި އެވެ.

މުގުނީ ވިދާޅުވީ ޒަމާނުއްސުރެއް ކަރުދާސް ޕްރިންޓްކޮށްގެން ބޭނުން ކުރަމުން ދިޔަ ދިޔުން، މިއަދު އިފްތިތާހު ކުރި ޕްރޮގްރާމްގެ ދަށުން ކުންފުނީގައި މިހާރު ބޭނުންކުރާ ކަރުދާހުގެ ނިސްބަތް 52 ޕަސެންޓަށް ކުޑަކުރެވިގެންދާނެ ކަމަށެވެ. މީގެ އިތުރުން، މިނިޒާމުގެ ސަބަބުން މަސައްކަތަށް އަވަސްކަން ލިބި ވަގުތު ސަލާމަތްވާނެ ކަން ފާހަގަ ކުރެއްވި އެވެ.

މިރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ނޭޝަނަލް އިންޓަގްރިޓްރީ ކޮމިޝަންގެ ރައީސް ގާސިމް އަބްދުލް ކަރީމް ވިދާޅުވީ ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް މިހާރު ޕްލާސްޓިކް ބޭނުންކުރަމުންދާ ކަމަށާއި، އެމައްސަލަ ހައްލު ކުރުމަށް ސްޓެލްކޯ ފަދަ ބޮޑެތި ކުންފުނިތަކުން އިސްނެގުމަކީ ހެޔޮ ފާލެއް ކަމަށެވެ. އަދި އެހެން އިދާރާތަކާއި، ކުންފުނިތަކުންވެސް ސްޓެލްކޯއިން މި ދެއްކި ނަމޫނާ އާއި އެއްގޮތައް ސިންގަލް ޔޫސް ޕޮލާސްޓިކާއި ދުރުވެ، ކަރުދާސް މަދުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ގާސިމް އެދިވަޑައިގެންނެވި އެވެ.

comment ކޮމެންޓް