މަޖިލިސް ތަޅުން، މުއިއްޒުގެ އެންޓި ކެމްޕެއިނަށް

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޮތީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫއުގެ ފްލެޓުތައް ދިނުމާ ގުޅޭ ގޮތުން، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުމެވެ.

ރިޕޯޓުގެ ބަހުސް ކުރައްވަމުން އެމްޑީޕީ މެމްބަރުން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ، ކުރީގެ ހައުސިން މިނިސްޓަރު އަދި އިދިކޮޅުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށެވެ.

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ކޮމިޓީ ރިޕޯޓު ބަލައިލުމުން ކުރީގެ ހައުސިންގެ މިނިސްޓަރު މާލޭގެ ރައްޔިތުންނަށް ބޭވަފާތެރިވެފައިވާ ވަރު ވަރަށް ބޮޑަށް ސިފެވެގެންދާ ކަމަށެވެ. އަދި މާލޭގެ ރައްޔިތުން ނިކަމެތިކުރިވަރާއި މާލޭގެ ރައްޔިތުންނާ ދޭތެރޭ ކަންކޮށްފައި އޮތް ގޮތް ފެންނާނެ ކަމަށެވެ.

އެހެންކަމުން މާލޭގެ ހުރިހާ ރައްޔިތުން ވެސް އެ ރިޕޯޓު ރަނގަޅަށް ބެލުމަށް އާޒިމް އެދިވަޑައިގަތެވެ.

"މާލޭގެ ރައްޔިތުން ބަލައިލީމާ ދެން އެނގޭނެ، ދެން ކުރިއަށް އަޅުގަނޑުމެން ފިޔަވަޅު އަޅަންޖެހޭ ގޮތް. ކަން ކުރަންޖެހޭ ގޮތް،" އާޒިމް ވިދާޅުވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓުތައް ދިނުމުގައި މުއިއްޒު ފާޅުގައި "ޖަރީމާ" ހިންގާފައިވާ ކަމަށެވެ.

މުއިއްޒަށް ތުހުމަތުގެ އިނގިލި ދިއްކުރައްވައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވީ 2018 ވަނަ އަހަރު ހިޔާ މަޝްރޫއު އިއުލާނު ކުރުމާއެކު މާލޭގެ ދަފްތަރަށް މީހުން އިތުރުކުރީ "މުއިއްޒު ބިއުރޯ" އިން ކަމަށެވެެ.

"ދެން މާލޭގެ ރައްޔިތުން ވިސްނަވަންވީ، ގޭގެއަށް ވަޑައިގަންނަވާ މުއިއްޒާ ދޭތެރޭ ކަންތައް ކުރަންވީ ކިހިނެއްތޯ. އަޅުގަނޑުމެން ފިލްމުތަކުން ޔޫސޭ އެބަފެނޭ، ބައެއް ކަހަލަ މަންޒަރުތަކުގައި މީހުން މިކަހަލަ ކަންކަން ދިމާވީމަ ކަންކުރާ ގޮތް. އަޅުގަނޑު ތަފްސީލަށް ދާކަށް ނެތިން،" މެމްބަރު ވިދާޅުވި އެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް

މެމްބަރު ވިދާޅުވީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދޭން އަންނަ ސަރުކާރަކުން ބޭއިންސާފުން ކަންކުރުމަށް ފަހު، އެނބުރި އައިސް މާލޭގެ މޭޔަރު ކަމަށް ވާން ބޭނުމޭ ވިދާޅުވުމުން އެނގެނީ މާލޭ މީހުންގެ ހާލަތާއި މާލޭ މީހުންނަށް ކުރާނެ އަސަރާއި ދިރިއުޅުމުގެ ހާލަތު މުއިއްޒަށް އެނގިވަޑައިނުގަންނަވާ ކަމެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ ބޯޯހިޔާވަހިކަމަކީ އިންސާނީ ހައްގެކޭ ކިޔައިގެން ނުކުމެ އުޅެނީ "މާލޭގެ އުޅުނުހާ ކޮތަރެއް މަރާލަން އުޅުނު މީހާ" ކަމަށެވެ. އަދި "މާލޭގައި ޖަހާފައި ހުރިއްޔާ ހުރި ގަހެއް ކަނޑައި ތިރިކުރި މީހާ،" ކަމަށެވެ.

މެމްބަރު ވިދާޅުވީ ހައުސިން މިނިސްޓަރު ކަމުގައި މުއިއްޒު ހުންނެވި ހަތް އަހަރު ހިންގީ ހުސް ޖަރީމާ ކަމަށެވެ. އަދި އަލުން ކުރަން ނުޖެހޭ ގޮތަށް މުއިއްޒުގެ މިނިސްޓަރުކަމުގައި އެއްވެސް ކަމެއް ކޮށްފައި ނެތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

މެމްބަރު ވިދާޅުވީ ހިޔާ މަޝްރޫއަށް ވެސް އަދި މާލޭގެ ބޯހިޔާވަހިކަމަށް ވެސް ރަނގަޅު އިންސާފުވެރި ހައްލެއް ހޯދައިދޭނީ އެމްޑީޕީ ކަމަށެވެ.

މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ވިދާޅުވީ މޭޔަރު ކަމަށް ހޮވާދޭށެ ކިޔާފައި ނުކުމެ ހުންނެވި މުއިއްޒަކީ މާލޭގެ ރައްޔިތުން ހާލުގައި ޖައްސައި ނިކަމެތި ކުރި ވަޒީރު ކަމަށެވެ. އަދި މިއަދުގެ ސަރުކާރުން މަސައްކަތް ކުރަން ޖެހިފައި ވަނީ މުއިއްޒު ކަންތައް ކުރިގޮތުން ކުރިމަތިވެފައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރަން ކަމަށެވެ.

"ދެން ކޮން ވާހަކައެއްތޯ އަޅުގަނޑުމެން މާލޭގެ ރައްޔިތުން ކައިރީގައި ނިކުމެ މި ދައްކަނީ؟ ތިމަންނަ މޭޔަރުކަމަށް ހޮވައިދީފިއްޔާ ރައްޔިތުންގެ ބޯހިޔާވަހިކަން ހޯދައިދޭނަމޭ. ހޮވާ ދުވަހު ނޫން އަނެއް ދުވަހު ތިމަންނަ ގޯތި ބަހައިދޭނަމޭ. ކޮން ވާހަކައެއްތޯ މި ދައްކަނީ،" މެމްބަރު ވިދާޅުވި އެވެ.

"އަދި ގޭގެއަށް ވަދެ އެބަ ބުނެއޭ، ތިމަންނައަށް ވޯޓު ދޭށޭ. ތިމަންނަ މިހުރީ މާލޭގެ ރައްޔިތުން އެދޭ ގޮތަށް ކަންކުރަހަރޭ. މާލޭގެ ރައްޔިތުންނަށް ވިސްނޭނެ. މާލޭގެ ރައްޔިތުންނެއް އެހާ މޮޔައެއް ނުވާނެ. މާލޭގެ ރައްޔިތުންނަށް އެނގޭނެ، މާލޭގެ ރައްޔިތުންނަށް ކަންކުރި ގޮތުގެ ވާހަކަ. ކޮންމެ ދުވަހަކު ހަވީރު، ކޮންމެ ދުވަހަކު ދެ ފަހަރު، މަގޭ ފްލެޓޭ، މަގޭ ފްލެޓޭ. ލަދެއްނުގަނޭ ބާވައޭ އަޅުގަނޑު ހިތަށްއަރާ މި މީހުން، ކޮންމެ ދުވަހަކު ހަވީރު ނިކުމެ ފާޑުފާޑުގެ ވައްތަރު ޖައްސާކަށް،" މެމްބަރު ވިދާޅުވި އެވެ.

މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ވިދާޅުވީ މުއިއްޒުގެ ވަޒީރުކަމުގެ ހަތް އަހަރު ވެސް ބޯހިޔާވަހިކަމަށް ރަނގަޅު އުސޫލުތަކެއް ހެދިފައި ނެތް ކަމަށާއި އެކަމާ މިއަދު މުއިއްޒު ލަދުގަންނަން ޖެހޭނެ ކަމަށެވެ.

ހައިތަމް ވިދާޅުވީ މާލޭގެ ރައްޔިތުން މިއަދު ހާލުގައި ޖެހިފައި ވަނީ މުއިއްޒުގެ ފަރުވާކުޑަކަމާއި އިހުމާލުގެ ސަބަބުން ކަމަށެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 33 ވަނަ ޖަލްސާގެ ތެރެއިން -- ފޮޓޯ، މަޖިލިސް

"އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް އަޅުގަނޑުމެން ނުބުނާނަން. މުއިއްޒަށް ވޯޓު ދޭށެކޭ ވެސް. ވޯޓު ދޭނެ އެއްވެސް ސަބަބެއް އަޅުގަނޑުމެންނަކަށް ނުފެނޭ. އެއީ މާލޭގެ ރައްޔިތުން ހާލުގައި ޖައްސާފައި އޮތީމަ،" މެމްބަރު ވިދާޅުވި އެވެ.

މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ މުއިއްޒުގެ ވަޒީރުކަމުގައި އުސޫލުތައް ބަދަލުކޮށް މަސައްކަތް ކޮށްފައި ވަނީ މުޅިން ވެސް އަމިއްލަ ފައިދާއަށް ކަމަށެވެ.

"މިވަރުގެ މީހަކު ނެރެގެން މާލޭގެ މޭޔަރުކަން ކުރާނެ ގޮތެއް ކިޔައިދީބަލަ! ހަމަހޭ ހުރި، ބުއްދި ހުރި މީހަކު ނުދޭނެ ވޯޓެއް. އެހެންވީމަ، މިވަރު ކަމެއް ކުރާކަށް އަޅުގަނޑުމެން އެއްވެސް ވަރަކަށް ބޭނުމެއް ނުވޭ،" މެމްބަރު ވިދާޅުވި އެވެ.

މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު

މެމްބަރު ވިދާޅުވީ މުއިއްޒަކީ މާލޭގެ ނިކަމެތިން އެއް ކޮޓަރީގައި އެކަކު ގައިމަތިން ނިދަން މަޖުބޫރު ކުރުވާފައި ހުރި "ހަޔާތްކުޑަ"ކޮށް ކަންކުރާ މީހެއް ކަމަށެވެ. މުއިއްޒުގެ އިތުރުން ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް ޝުޖާއު އަށް ވެސް މެމްބަރު ފާޑުވިދާޅުވި އެވެ. މެމްބަރު ވިދާޅުވީ މުއިއްޒު އާއި ޝުޖާއު އަކީ މުޅި ނިޒާމު ފުނޑާލާފައި ތިބެ ދެ މީހުން ކަމަށެވެ.

"އަޅުގަނޑު ހަމަ މި ވަގުތު ހަމަ ދިވެހި ރައްޔިތުންނަށާއި ހާއްސަކޮޮށް މާލޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ހަމަ އާދޭހާއެކު ދަންނަވަން؛ ގޯހެއް ނުހައްދަވައްޗޭ! އެއްވެސް ވަރަކަށް ގޯހެއް ނުހައްދަވައްޗޭ،" މެމްބަރު ވިދާޅުވި އެވެ.

ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް ވިދާޅުވީ، ސިޓީ ކައުންސިލަށް މީގެކުރިން މަސައްކަތް ނުކުރެވުނީ މުއިއްޒުގެ ސަބަބުން ކަމަށެވެ.

"އެ ދިޔަ ހަތް އަހަރު ސިޓީ ކައުންސިލް އޮތީ، އެ ވިދާޅުވާ މިހާރު މޭޔަރަކަށް ލައްވައިގެން އުޅޭ މުއިއްޒުގެ ކޮޓަރީގައި އޮންނަ މޭޒުގައި ހުންނަ ވަތްގަނޑެއްގެ ޕިންއަޅާ ތަނަށް ވައްޓާލާފައި އޮތީ އަޅުގަނޑުމެންގެ ސިޓީ ކައުންސިލް ގުޅައަކަށް. އެއް ކަމެއް ވެސް ނެތް. ސިޓީ ކައުންސިލުގައި ގޮނޑިމޭޒެއް ނެތް. މޭޔަރު އޮފީހަށް ވަޑައިގެން ހުންނަވަނީ ކޮޅަށް. އެހެންވީވާ، އަޅުގަނޑުމެންނަށް ސިޓީ ކައުންސިލު ނުހިންގުނީ. އަޅުގަނޑުމެން ބޭނުންވާ ވަރަށް އެކަންކަން ނުކުރެވުނީ. އަޅުގަނޑުމެންނަށް އެ ފުރުސަތެއް ނުދިން،" މެމްބަރު ވިދާޅުވި އެވެ.

2019 ވަނަ ރައްޔިރުން މަޖިލީހުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

މެމްބަރު ވިދާޅުވީ ރައްޔިތުން އެދޭ އަމާޒަށް ގެންގޮސްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވުމަކީ ބޮޑު ޖޯކެއް ކަމަށެވެ. ލާމަރުކަޒުކޮށް ހިންގޭނީ ވެސް އެމްޑީޕީއަށް ކަމަށާއި އަދި ބޯހިޔާވަހިކަން ހޯދައިދެވޭނީ ވެސް އެމްޑީޕީއަށް ކަމަށް މެމްބަރު ވިދާޅުވި އެވެ.

"މި ދަނޑިވަޅުގައި އަޅުގަނޑު ރައްޔިތުން ކައިރީގައި ދަންނަވާލަން ބޭނުންވަނީ، ހުރިހާ ބޭފުޅުން އެއްކޮށް ނުކުންނަވައި ތިލަފަތަށް ވޯޓު ޖައްސަވާށޭ!" މެމްބަރު ވިދާޅުވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ފްލެޓުތަކުގެ ކެޓަގަރީތައް ކަނޑައަޅާފައިވާ ގޮތުން، ސޯޝަލް ހައުސިން އަކީ ކޯއްޗެއްކަން މުއިއްޒަށް ނޭނގޭކަން ސާފުވާ ކަމަށެވެ.

"މިއަދު ނިކުމެ މާލޭ ރައްޔިތުންގެ ކައިރީގައި ތިމަންނައަށް ވޯޓު ދޭށޭ ބުނަން ލަދުގަންނަންޖެހޭނެ. ނުކުންނަން ލަދު ގަންނަންޖެހޭނެ،" ރޮޒައިނާ ވިދާޅުވި އެވެ.

މެމްބަރު ރޮޒައިނާ -- ފޮޓޯ/ މަޖިލިސް

އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު ވިދާޅުވީ ވަކި މީހެއް ބަލަން ނުޖެހޭ ކަމަށާއި، އެމްޑީޕީގެ ލޯގޯއާ ދިމާލުގައި ރަނގަޅު ފާހަގަ ޖެހުމުން ރައްޔިތުންނަށް ބާރުވެރިކަން ލިބޭނެ ކަމަށެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ މުއިއްޒުގެ ވަޒީރުކަމުގައި ހައުސިން މިނިސްޓްރީ ތެރެއިން ވަރަށް ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށާއި މުއިއްޒަކީ މާލޭގެ މޭޔަރު ކަމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި ޕީޕީއެމް އަކީ އެއް ގޮތަކަށް ވެސް އިންސާފުން މަސައްކަތް ކުރާ ބައެއް ނޫން ކަމަށެވެ. އެހެންކަމުން މުއިއްޒަށް ވޯޓު ނުދޭން މެމްބަރު ވަނީ ގޮވާލައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން --- ފޮޓޯ/ މަޖިލިސް

"އަޅުގަނޑަކީ ދިއްގަރު ދާއިރާގެ މެމްބަރުކަމުގައި ވިޔަސް، ސީދާ ހަމަ މާލެއަށް ނިސްބަތްވާ މީހެއް އަޅުގަނޑަކީ. ވިހެއީ ވެސް މާލޭގައި، ދިރިއުޅެނީ ވެސް މާލޭގައި. އެހެންވީމަ އަޅުގަނޑު ހަމަގައިމު ވެސް ނުދޭނަން މުއިއްޒަކަށް ވޯޓެއް. އަޅުގަނޑަށް އެނގޭ ވަރަށް ސާފުކޮށް. އަޅުގަނޑަކީ މާލެއަށް ވޯޓުލާ މީހެއް. މުއިއްޒަކަށް ނުދޭނަން އަޅުގަނޑު ވޯޓެއް. އެއީ ކަންކަން ކޮށްފައި ހުރި ގޮތް އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭ. އަޅުގަނޑު ހަމަ ހުރިހާ މާލޭ ރައްޔިތުން އަރިހުން އެދެން، މުއިއްޒަށް ވޯޓު ނުދޭން،" މެމްބަރު ވިދާޅުވި އެވެ.

އެންޓިކޮރަޕްޝަން ކޮމިޝަނަށް، އެމްޑީޕީން ސިޔާސީ ނުފޫޒު ފޯރުވައިގެން މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ އިންތިހާބީ ހައްގަށް އަރައިގަނެ އެންޓި ކެމްޕެއިން ކުރާ ކަމަށް ބުނެ، ޕީޕީއެމް އިން ވަނީ މީގެކުރިން އެކަން ކުށްވެރިކޮށްފަ އެވެ.

އަދި އެންޓި ކެމްޕެއިންގެ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލުމަށާއި ކަމާބެހޭ މުއައްސަސާތަކުން އެމައްސަލަތައް ބަލައި ފިޔަވަޅު އެޅުއްވުމަށް ޕީޕީއެމް އިން ވަނީ ގޮވާލައިފަ އެވެ.

comment ކޮމެންޓް