ދިއްދޫގައި ޕޯސްޓު އޮފީހުގެ ގޮތްޕެއް ހުޅުވައިފި

މޯލްޑިވްސް ޕޯސްޓްގެ މައި އޮފީސް -- ފޮޓޯ: ޕޯސްޓް

ހއ. ދިއްދޫގައި މޯލްޑިވްސް ޕޯސްޓް އޮފީހުގެ ގޮތްޕެއް ހުޅުވައިފި އެވެ.

މޯލްޑިވްސް ޕޯސްޓުގެ ވިއުގަ ފުޅާކޮށް ހިދުމަތްތައް ތަރައްގީ ކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ދަށުން، ދިއްދޫގައި ގާއިމް ކުރި ޕޯސްޓު އޮފީސް ހުޅުވައި ދެއްވީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދެވެ.

މޯލްޑިވްސް ޕޯސްޓުން ބުނީ ޒަމާނަށް އަންނަ ބަދަލުތަކާ އެއް ހަމައެއްގައި، ޕޯސްޓުގެ ހިދުމަތްތައް ރާއްޖޭގެ ކަންކޮޅުތަކަށް ފޯރުކޮށްދިނުމަކީ، ސަރުކާރުގެ މުހިންމު އަމާޒު ކަމަށާއި އެ އަމާޒަށް ވާސިލްވުމަށް މޯލްޑިވްސް ޕޯސްޓުން މަސައްކަތްކުރަނީ ހިދުމަތްތަކާއި އޮޕަރޭޝަނާއި ނެޓްވޯކް ފުޅާކޮށް ތަރައްގީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނާ ހަމައަށް ޕޯސްޓުގެ
ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

ޕޯސްޓްގެ އީ-ޓުކުރި ޕްލެޓް ފޯމުގެ ތެރެއިންނާ އިންޓަނޭޝަނަލް ޕްލެޓްފޯމްތަކުގެ ތެރެއިން ހިނގާ ވިޔަފާރި މުއާމަލާތްތަކުން ރާއްޖޭގެ ޕޯސްޓުގެ ނިޒާމުގެ ތެރެއަށް ވަންނަ މެއިލްގެ 50 ޕަސެންޓަކީ އަތޮޅުތެރެއަށް އެޑްރެސްކޮށްފައި ހުންނަ މެއިލްކަމަށާއި އަތޮޅުތަކުގެ ޕޯސްޓު އޮފީސް ވިއުގަ ފުޅާވެގެން ދިއުމަކީ، އަތޮޅުތަކުގެ ރައްޔިތުންނަށް އޭގެ ފަސޭހަތައް ލިބި، ހިދުމަތުގެ އިތުބާރާ ޔަގީންކަން އިތުރުވެގެންދާނޭ ކަމެއް ކަމަށް ދެކޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރާއްޖޭގެ ހަތް އަތޮޅެއް ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ވެރިކަންކުރާ ރަށުގައި ޕޯސްޓު އޮފީސް ގާއިމްކުރެވިފައި ވާކަމަށް ޕޯސްޓުން ބުންޏެވެ.

އަތޮޅުތަކުގައި ކުރިއަށް އޮތްތަނުގައި ޕޯސްޓު އޮފީސްތައް ގާއިމްކުރުމަށް ޕްލޭން ކުރެވިފައިވިފައިވާ ކަމަށް މޯލްޑިވްސް ޕޯސްޓުން ބުންޏެވެ.

ޕޯސްޓުން ދަނީ މީހުން ދިރިއުޅޭ އެހެން ރަށްތަކުގައި އެޖެންސީ ޕޯސްޓު އޮފީސް މެދުވެރިކޮށް ޕޯސްޓުގެ ހިދުމަތްތައް ފޯރުކޮށްދެމުން ނެވެ.

comment ކޮމެންޓް