ޑޮކްޓަރުންނާ ނަރުހުން ހިޔާ ފްލެޓް ދޫކޮށްލަން ބޭނުންނަމަ އެހެން ފްލެޓް ހަމަޖައްސަނީ

ޖޫން 24، 2020: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތައް. -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ މަޝްރޫއުގެ ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީއިން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، ފްލެޓް ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް އެހެން މަޝްރޫއަކުން ބޯހިޔާވަހިކަން ހަމަޖައްސައިދޭނެކަމުގެ ޔަގީން ސަރުކާރުން ދޭގޮތަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފި އެވެ.

އެގޮތަށް ފާސްކުރީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް އިސްލާހު ހުށަހަޅައިގެންނެވެ.

އެ އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހްމަދު ނަސީމެވެ.

އެ ރިޕޯޓަށް ބަހުސްކުރައްވަމުން މީކާއީލް ވިދާޅުވީ ބޯހިޔާވަހިކަމެއް މީހަކަށް ލިބެންޖެހޭނީ އޭނާ ކިޔެވި އެއްޗަކާއި، ކިޔެވި މިންވަރެއް ބަލާފައި ނޫން ކަމަށެވެ.

މެމްބަރު މީކާއީލް -- ފޮޓޯ/ މަޖިލިސް

"މިއީ ނިޒާމީ ބޭއިންސާފެއް. މިއީ ސިސްޓަމެޓިކް އިންޖަސްޓިސް. ނުކިޔެވި ހުންނަ މީހާ، ފަގީރުކަންމަތީ، ނިކަމެތިކަންމަތީ ހުންނަ މީހާ އަނެއްކާވެސް އަޅުގަނޑުމެން މި ހުށަހަޅަނީ، އިތުރު ފަގީރުކަމަކަށް، އިތުރު ނިކަމެތިކަމަކަށް. އޭނާއަށް ނުކިޔެވުނީތީ، އޭނާއަށް ފްލެޓް ހައްގު ނޫން ކަމަށް އަޅުގަނޑުމެން ނިޒާމެއްގެ ސިފައިގައި މި ބުނަނީ މި ކްރައިޓީރިއާގައި އޭނާ ކިޔެވީ ކޯއްޗެއްތޯ އަޅުގަނޑުމެން ސާފުކުރަން ޖެހީމާ. އެއީ ނިޒާމީ ބޭއިންސާފެއް. އެކަންކަން އެބަ ހައްލުވާންޖެހޭ،" މެމްބަރު ވިދާޅުވި އެވެ.

މީކާއީލް ވިދާޅުވީ ބޮޑެތި އާމްދަނީ ލިބޭ ބައެއް ފަރާތްތަކަށް ވެސް މިހާރުގެ ޕޮއިންޓް ސިސްޓަމް އޮތް ގޮތުން ފްލެޓް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް، އެ ފަރާތްތަކަކީ ކޮންމެހެން ހިޔާ ފްލެޓްތަކަށް ދާން ބޭނުންވެފައި ތިބި ބައެއް ނޫންކަމަށް މެމްބަރު ވިދާޅުވި އެވެ.

ހިޔާ މަޝްރޫއަކީ އިޖްތިމާއީ ބޯހިޔާވަހިކަމަށް އަމާޒުކުރެވިފައިވާ މަޝްރޫއަކަށް ވާތީ، އެ މަޝްރޫއުގެ ދަށުން ފްލެޓްލިބޭ ފަރާތްތަކަކީ އިޖްތިމާއީ ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ފަރާތްތަކެއްކަން ކަށަވަރުކުރުން މުހިންމުކަން ވެސް މެމްބަރު ފާހަގަކުރެއްވި އެވެ.

އެހެންކަމުން މެމްބަރު ހުށަހެޅުވީ ޑޮކްޓަރުންނާ ނަރުހުންގެ ކެޓަގަރީން ޝަރުތުހަމަވެ، ފްލެޓް ލިބޭނެ ކަމަށް މިހާރު ކަނޑައަޅާފައިވާ ފަރާތްތަކާ ސަރުކާރުން މަޝްވަރާކުރުމަށްފަހު، މިހާރު ލިބިފައިވާ ފްލެޓް ދޫކޮށްލަން އެދޭ ފަރާތްތަކަށް ކުރިއަށް އޮތްތަނުގައި ސަރުކާރުން ދޫކުރުމަށް ރާވާފައިވާ އެކިއެކި ގިންތިތަކުގެ ގެދޮރުވެރިކުރުވުމުގެ މަޝްރޫއުތަކުގެ ތެރެއިން އެފަރާތްތަކަށް ލިބޭ އާމްދަނީ އާއި ދިރިއުޅުމުގެ ހާލަތަށް އެންމެ އެކަށޭނަ ގިންތިއަކުން ފްލެޓް ނުވަތަ ހައުސިންގ ޔުނިޓް ލިބޭނެކަމު ގެ ޔަޤީންކަން ސަރުކާރުން ދިނުމަށެވެ.

މެމްބަރު ހުށަހެޅުއްވި އިސްލާހާއެކު އިއްޔެގެ ޖަލްސާގައި ވަނީ އެ ރިޕޯޓު ފާސްކޮށްފަ އެވެ.

comment ކޮމެންޓް