އިރާގުގެ ބޮޑުވަޒީރު ސައޫދީގައި، ދެގައުމުން 5 އެއްބަސްވުމެއްގައި ސޮއިކޮށްފި

އިރާގުގެ ބޮޑުވަޒީރު ކާޟިމީ ސައޫދީ ރަސްގެފާނު ސަލްމާން އާ ބައްދަލުކުރައްވަނީ

ރިޔާޒް (އެޕްރީލް1) : އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޟިމީ ސައޫދީ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެދެގައުމުގެ މަސްއޫލުވެރިން ފަސް އެއްބަސްވުމެއްގައި ސޮއިކުރައްވައިފި އެވެ.

މިއި އިގްތިސާދާއި އަމަނާ ބެހޭ އެއްބަސްވުންތަކެކެވެ. މިއެއްބަސްވުންތަކުގެ ތެރޭގައި ސައޫދީއާއި އިރާގާ ދެމެދު އެއްގަމުމަގުން ކުރާ ދަތުރުތަކާއި އެއްގަމުމަގުން ކުރާ ވިޔަފަރީގެ މުއާމަލާތްތައް އިތުރުކުރުމާ ބެހޭ އެއްބަސްވުމަކާއި ސައޫދީން އިރާގުގެ ކަރަންޓާއި ދަނޑުވެރިކަމުގެ ދާއިރާތަކުގައި އިންވެސްޓް ކުރުމުގެ އެއްބަސްވުންތައް ހިމެނެ އެވެ. އަމަނާބެހޭ އެއްބަސްވުމުގައި ބޮޑަށް ބާރުއަޅާފައި ވަނީ ޓެރަރިޒަމާއި ހަނގުރާމަ ކުރުމަށްޓަކައި ދެގައުމުން މައުލޫމާތު ބަދަލުކުރުމާއި ވިލަރެސް ކުރުމެވެ.

މިއީ އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޟިމީ ސައޫދީ އަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅަކީ ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ނަމަވެސް އިރާގުގެ ބޮޑުވަޒީރާއެކު ސައޫދީ ސަރުކާރުން ކުރާ މަޝްވަރާތަކާއި މުއާމަލާތްތަކުގައި މުޅިން ވެސް އުޅުއްވަނީ އެގައުމުގެ ބާރުގަދަ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އެވެ.

އިރާގަކީ އަރަބި ގައުމެއް ކަމަށްވިޔަސް އިރާގާއި ސައޫދީގެ ގުޅުންތައްވަނީ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ދުވަސްވަރުން ފެށިގެން ގޯސްވުމާއެކު ސައްދާމުގެ ވެރިކަމުގެ ދުވަސްވަރު އެގުޅުންތައް ކަނޑާލައިފަ އެވެ. ގުޅުންތައް ކަނޑާލީ ސައްދާމުގެ ވެރިކަމުގައި އިރާގުން ކުއްލިގޮތަކަށް ކުވައިތަށް އަރައި ކުވައިތު ހިފުމާގުޅިގެންނެވެ.

ކުވައިތުން އިރާގުގެ ސިފައިން ބޭލުމަށް ކުރި ހަނގުރާމައަކީ ސައޫދީ އިސްވެއޮވެގެން އެމެރިކާ ލައްވައި ކުރި ހަނގުރާމައެއްކަމަށް އިރާގުން ދެކެ އެވެ. އަދި އެ ހަނގުރާމައަކީ ކުވައިތުން އިރާގު ސިފައިން ބޭލުމުގެ މަގްސަދަށްވުރެ ބޮޑަށް އެދުވަސްވަރު އިރާގުގައި އޮތް ބާރުފަދަ އަސްކަރީ ލަޝްކަރު ހަލާކުކޮށްލުމުގެ ނުބައި ރޭވުމުގެ ދަށުން ކުރި ހަނގުރާމައެއްކަމަށް ވެސް އިރާގުން ދެކެ އެވެ.

އެ ހަނގުރާމައަށް ފަހު އިރާގާ ދެކޮޅަށް އެޅި އަނިޔާވެރި ދަތިކުރުމުގެ ފިޔަވަޅުތަކުގައި ވެސް ސައޫދީގެ ބައިވެރިވުން ވަރަށް ބޮޑެވެ. އެއަށް ފަހު 2003ގައި ބައިނަލްއަގްވާމީ ގާނޫނާއި އދ. އަށް ގޮންޖެހުމަށް ފަހު އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރި ކަމަށް ބުނެ ދޮގުހަދައިގެން އެމެރިކާއިން އިރާގަށް އަރައި އިރާގު ގެ ސަރުކާރު ވައްޓާލައި އިރާގު އިސްތިއްމާރުކޮށް އިރާގުގައި އެމެރިކާ ހިންގި ލާއިންސާނީ ޖަރީމާތައް އެމެރިކާ ހިންގީވެސް ސައޫދީގެ ވަރަށް ބޮޑު ބައިވެރިވުމަކާއެކުގައިކަން އިރާގު ދަނެއެވެ.

އެމެރިކާގެ އިސްތިއުމާރުން އިރާގު މިނިވަންވުމަށް ފަހު އިރާގުގައި އައިއެސް ފަދަ ޓެރަރިސްޓް ޖަމާއަތްތައް އުފެދި ވަރުގަދަ ވުމުގައި ވެސް ސައޫދީގެ ދައުރު ބޮޑުކަމަށް އިރާގުން ދެކެ އެވެ. ސައޫދީގައި އޮންނަ ސަލަފީ ފިކުރު ގެންގުޅޭ އިރާގުގެ ޓެރަރިސްޓް ޖަމާއަތްތަކަށް ސައޫދީން ސިއްރިޔާތުގައި އެހީތެރިވުމާއި ސައޫދީ ޒުވާނުން ޖިހާދުގެ ނަމުގައި އެޖަމާއަތްތަކުގައި ބައިވެރިވެފައި ވަނީ ސައޫދީ ސަރުކާރުގެ ނުސީދާ ރުހުމުގައި ކަމަށް އިރާގުން ތުހުމަތު ވެސް ކޮށްފައިވެ އެވެ.

މިހުރިހާ ސަބަބުތަކާ އެކު އިރާގާއި ސައޫދީގެ ގުޅުންތައްވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. މީގެ ބަދަލުގައި އިރާގުން ގުޅުންތައް ބަދަހިކޮށްފައި ވަނީ ސައޫދީގެ ދުޝްމަން އީރާނާއެވެ. ސައޫދީ އާއި އިރާގުން ޑިޕްލޮމެޓިކް ގުޅުންތައް ގާއިމްކުރީ މީގެ އަށެއްކަ އަހަރު ކުރިންނެވެ. އެއަށް ފަހު މިހާރު ދެގައުމުގެ ގުޅުންތައް އަންނަނީ ރަނގަނޅުވަމުންނެވެ. އިރާގު، އީރާނާ ދުރުކުރުމަކީ ސައޫދީގެ ވަރަށް ބޮޑު މަގްސަދެކެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް