ކޭސްތައް ގިނަވެ ނައިފަރުގައި ރައްޔިތުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފި

ޅ. ނައިފަރު: އެ ރަށް ލޮކްޑައުން ކުރަން އެޗްޕީއޭއިން ވަނީ ނިންމާފައި

ކޮވިޑް-19ގެ ކޭސްތައް ގިނަވެ، ޅ. ނައިފަރުގައި ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުމަށް ދާ ދިޔުން ފިޔަވައި އެހެނިހެން ބޭނުންތަކަށް، މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މަނާކޮށްފި އެވެ.

ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ރަށުގެ ކޮވިޑް ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 72އަށް އަރާފަ އެވެ.

ނައިފަރުގެ ކޭސްތައް ގިނަވެފައިވާއިރު، މިއަދު އެޗްޕީއޭއިން ވަނީ ހަތް ދުވަހުގެ މުއްދަތަކަށް އެ ރަށުގައި ހާއްސަ ފިޔަވަޅުތައް އަޅަން އަންގައިފަަ އެވެ.

އެ ފިޔަވަޅުތަކަކީ:

  • ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުމަށް ދާ ދިޔުން ފިޔަވައި އެހެނިހެން ބޭނުންތަކަށް، މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން ހުއްޓާލުން.
  • އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތަނުގައި އެއްވެ އުޅުން ހުއްޓައިލުން.
  • އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން.
  • ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުން.
  • ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓާލުން. އޭގެ ތެރޭގައި ޑެލިވަރީ ހިދުމަތް ނުހިމެނެ އެވެ.
  • ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.
  • ކުޅިވަރު ގެހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުން.
  • ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ހިދުމަތް ދިނުން.
  • ފިރާތަކާއި ބޭންކުތައް ފަދަ އާންމު ހިދުމަތްދޭ ތަންތަނުގައި ހިދުމަތް ދޭއިރު، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ހިދުމަތް ދިނުން.
  • ޔުނިވާސިޓީތަކާއި، ކޮލެޖްތަކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ބޭއްވުން ހުއްޓާލުން.

އެ ފިޔަވަޅުތަކުން އިސްތިސްނާ ވާނީ ހަމައެކަނި ސިފައިންނާއި ފުލުހުންނާއި ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި، އެމްބިއުލާންސާއި، ޓާސްކްފޯހުގެ ފާސް ލިބިފައިވާ ފަރާތްތަކާއި، އިމަޖެންސީކޮށް ސިއްހީ ހިދުމަތް ހޯދަން ދާ ފަރާތްތަށް ކަމަށް އެޗްޕީއޭގެ އެންގުމުގައިވެ އެވެ.

"މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކު ރާންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށްވެސް އެންމެހައި ފަރާތްތަކަށް އަންގަމެވެ،" އެޗްޕީއޭގެ އެންގުމުގައިވެ އެވެ.

comment ކޮމެންޓް