ވޯލްޑްކަޕް: މިފަހަރު ވެސް ޖާމަނީއަށް ތިން ވަނަ

10:00


މެޗު ނިމެން ދަނިކޮށް ޖާމަނީގެ ސާމީ ކެދީރާ ޖެހި ލަނޑާއެކު މިފަހަރުވެސް ވޯލްޑްކަޕްގެ ތިން ވަނަ މަޤާމް ޖާމަނީއަށް ލިބިއްޖެ އެވެ.


ޕޯޓް އެލިޒަބަތުގެ ނެލްސަން މަންޑޭލާ ސްޓޭޑިއަމްގައި ކުޅުނު މިމެޗު ޖާމަނީ ކަމިޔާބުކުރީ ތިނެއް ދޭއްކުންނެވެ. ޖާމަނީގެ ފުރަތަމަ ލަނޑު ޖަހާފައި ވަނީ 19 ވަނަ މިނެޓްގައި މިފަހަރުގެ މުބާރާތުގެ ޒުވާން ކުޅުންތެރިޔާގެ މަޤާމަށް ވާދަކުރަމުންދާ ތޯމަސް މުލާ އެވެ. މިލަނޑާއެކު މުލާ ހިމެނިފައި ވަނީ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިންގެ ލިސްޓްގެ އެންމެ ކުރީގަ އެވެ. އެއީ 5 ލަނޑާއެކުގަ އެވެ. ޖާމަނީން ލީޑު ނެގި ނަމަވެސް 28 ވަނަ މިނެޓްގައި އުރުގުއާއީގެ ކަވާނީ ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފަ އެވެ. 51 ވަނަ މިނެޓްގައި އުރުގުއާއީގެ ހަލުވި ފޯވަޑް ޑިއޭގޯ ފޯލާން އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައި ވަނިކޮށް ޖާމަނީން ދެވަނަ ލަނޑު 56 ވަނަ މިނެޓްގައި ޔެންސެން ލަނޑެއް ޖަހާ އަނެއްކާވެސް ނަތީޖާ ހަމަހަމަކުރި އެވެ. އުރުގުއާއީގެ އުއްމީދުތައް ފުޑުފުޑުވީ މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައި ކެދީރާ ޖެހި ލަނޑުންނެވެ. ނަމަވެސް މުބާރާތުގެ އެޑިޑާސް ގޯލްޑަން ބޫޓަށް ވެސް ވާދަކުރާ އުރުގުއާއީގެ ޑިއޭގޯ ފޯލާން އަށް އިތުރު ވަގުތުގެ އެންމެ ފަހު މިނެޓްކޮޅުގެ ތެރޭގައި ލިބުނު ފުރުސަތު ވަނީ ބޭކާރުވެފަ އެވެ. ޑީ އޭރިޔާ ރޮގުމަތިން ލިބުނު ހިލޭ ޖެހުމެއްގައި ފޯލާން ފޮނުވާލި ބޯޅަ ޖެހުނީ ގޯލު ދަނޑީގަ އެވެ.


ރޭގެ މެޗަށް ޖާމަނީން ނެރުނު ފުރަތަމަ 11 ގައި އަނިޔާވެފައިވާ ފޯވަޑް ކްލޯސާ އާއި ކެޕްޓަން ލާމްގެ އިތުރުން ޕޮޑަލްސްކީ އާއި ޓީމުގެ އެއްވަނަ ކީޕަރު ނުއާ ނުހިމަނާ އެވެ. ކްލާސާ އަކީ ބްރެޒިލްގެ ރޮނާލްޑޯ 15 ލަނޑު ޖަހައިގެން ހަދާފައިވާ އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް މުގުރާލަން އެންމެ ދެ ލަނޑަށްވެފައިވާ ކުޅުންތެރިއެކެވެ. އުރުގުއާއީ ޓީމުން ސަސްޕެންޝަންގެ ސަބަބުން ނުކުޅެވުނު ފޯވަޑް ޝުއަރޭޒް އަދި ސެމީ ފައިނަލް މެޗުގައި އަނިޔާވެފައިވާ ކެޕްޓަން ލުގާނޯ ފުރަތަމަ 11 ގައި ނުހިމެނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު