ފުރާވަރު ކުދިން ކޮވިޑުން ރައްކާތެރިކޮށް ދިނުމުގައި ވެކްސިން 100 ޕަސެންޓު ކާމިޔާބު: ފައިޒާ

ފައިޒާ ވެކްސިން ފުރާވަރުގެ ކުދިންނަށް ދިނުމުން ކޮވިޑުން ރައްކާތެރި ކޮށްދިނުމުގައި 100 ޕަސެންޓު ކާމިޔާބު ކަމަށް އެ ކުންފުނިން ބުނޭ -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (މާޗް 31): އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކްއިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ދީގެން ޓެސްޓު ކުރުމުން، އެ ހުރިހާ ކުދިންވެސް ބަލިން ރައްކާތެރިކޮށްދިން ކަަމަށް އެ ދެ ކުންފުނިން ބުނެފި އެވެ.

ފައިޒާ އާއި ބަޔޯއެންޓެކްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން ފުރާވަރުގެ 2،260 ކުދިން ބައިވެރިކޮށްގެން އެ ދެ ކުންފުނިން ކުރިއަށް ގެންދިޔަ ޓެސްޓުތަކުގައި ކޮވިޑް ވެކްސިން ޖެހި ކުދިންގެ ގުރޫޕަކާއި ވެކްސިން ނުޖަހާ ކުދިންގެ ގުރޫޕަކަށް ބަލި ޖެހުނު މިންވަރު ބެލި އެވެ. އަދި ވެކްސިން ނުދޭ ގުރޫޕުން 18 ކުދިންނަށް ކޮވިޑް ޖެހުނު ނަމަވެސް ވެކްސިން ޖެހި ގުރޫޕުގެ އެއްވެސް ކުއްޖަކަށް ބަލި ނުޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ވެކްސިން ޖެހި ކުދިންގެ ތަޖުރިބާ ރަނގަޅު ކަމަށާއި އެކުދިންގެ ފަރާތުންވެސް ފެނުނީ ބޮޑެތި މީހުންގެ ފަރާތުން ފެންނަ ސައިޑް އިފެކްޓްސް ކަމަށް ބަޔާނުގައިވެ އެވެ.

ފައިޒާއިން ބުނި ގޮތުގައި އެ ޓެސްޓުތަކުގެ ނަތީޖާ ދެން އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންއަށް ހުށަހަޅާނެ އެވެ. އަދި އެ ވެކްސިން ޖަހަން އެގައުމުން ހުއްދަ ދޭ އުމުރު 12އަށް ތިރި ކުރާނެ ކަމަށް އެ ކުންފުނިން އުއްމީދު ކުރެ އެވެ.

އެމެރިކާއިން މިހާރު ފައިޒާގެ ވެކްސިން ޖަހަން ހުއްދަ ދީފައި ވަނީ 16 އަހަރުން މަތީގެ މީހުންނަށެވެ.

ފައިޒާއިން މިހާރު ވަނީ ދުނިޔޭގެ އެކި ގައުމުތަކުން ހަ މަހާއި 11 އަހަރާ ދެމެދުގެ ކުދިން ބައިވެރިކޮށްގެން ކުރިއަށްގެންދަން ހަމަޖެހިފައިވާ ވެކްސިން ޓެސްޓުތަކެއް ފަށާފަ އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވާ، ހާޑް އިމިއުނިޓީ ހާސިލު ކުރުމަށްޓަކައި ކުޑަކުދިންނަށް ވެކްސިން ޖެހުން މުހިއްމު ކަމަށް ޕަބްލިކް ހެލްތު އޮފިޝަލުންނާއި ގައިންގަޔަށް އަރާ ބަލިތަކުގެ މާހިރުން ވިދާޅުވެ އެވެ.

ހާޑް އިމިއުނިޓީ އަކީ ވެކްސިން ޖެހުމުގެ ސަބަބުން ނުވަތަ ބައްޔަށް ކުރިން ހުށަހެޅިފައިވުމުގެ ސަބަބުން އެ ބަލި ޖައްސާ ވައިރަހަށް އާބާދީގެ ބޮޑު ޕަަސެންޓޭޖެއް ހޭނި، އެ ބައްޔަކުން ރައްކާތެރިކަން ލިބިފައިވުމެވެ.

comment ކޮމެންޓް