ވައިރަސް ދޫވީ ލެބަކުން ނޫންކަން ޔަގީން ކުރަން އިތުރަށް ތަހުގީގު ކުރަން ޖެހޭ: ޑަބްލިޔުއެޗްއޯ

ޗައިނާއިން ވަނީ ކޮރޯނާވައިރަސް އެގައުމުގެ ލެބަކުން ލީކުވި ކަމަށް ބުނާ ތުހުމަތުތައް ދޮގުކޮށްފަ -- ފޮޓޯ: ރޮއިޓާސް

ޖެނީވާ (މާޗް 31): ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް ފެތުރެން ފެށީ ޗައިނާގެ ލެބަކުން އެ ވައިރަސް ދޫވުމުން ކަމަށް ކުރެވޭ ތުހުމަތުތައް އިތުރަށް ތަހުގީގު ކުރަން ޖެހޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެޔަސަސް ވިދާޅުވެއްޖެ އެވެ.

ޓެޑްރޮސް އިއްޔެ ވިދާޅުވި ގޮތުގައި ކޮރޯނާވައިރަހަކީ ލެބަކުން ލީކުވި އެއްޗެއް ކަމަށްވުން ނާދިރު ނަމަވެސް، "ކަމާ ގުޅުން ހުރި މާހިރުންނާ އެކު އެ ތުހުމަތު އިތުރަަށް ދިރާސާ ކުރަން ޖެހެ" އެވެ. އަދި އެ ވައިރަހުގެ އަސްލާ މެދު ޑަބްލިޔުއެޗްއޯއިން އަދި ކަށަވަރުކޮށް ވަކިގޮތެއް ނުނިންމާ ކަންވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ޗައިނާގައި ކޮވިޑް-19 ފެތުރެން ފެށި ގޮތް ތަހުގީގު ކުރުމަށް މިދިޔަ ޖެނުއަރީ މަހު އެގައުމަށް ދިޔަ ޑަބްލިޔުއެޗްއޯގެ ޓީމަކުން އެކުލަވާލި ރިޕޯޓުގައިވާ ގޮތުން ވައިރަސް އިންސާނުންގެ ހަށިގަނޑަށް އެރި ކަމަށް އެންމެ ބޮޑަށް ބެލެވެނީ ވާލެއްގެ ފަރާތުން އެހެން ޖަނަވާރަކަށް އެރުމަށް ފަހު އެވެ. އަދި އެއީ ލެބަކުން ދޫވި ވައިރަހަކަށް ވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށްވެސް އެ ރިޕޯޓުގައިވެ އެވެ.

އެ ރިޕޯޓާ ގުޅިގެން އެމެރިކާ އާއި ކެނެޑާ އާއި އޮސްޓްރޭލިއާ ހިމެނޭ ގޮތަށް 13 ގައުމަކުން ވަނީ ޗައިނާއިން ޑަބްލިޔުއެޗްއޯގެ ޓީމަށް އެކަށީގެންވާ ވަރަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ ޓީމަށް އެގައުމުން ފުރިހަމަ މައުލޫމާތާއި ސާމްޕަލްތައް ނުދޭ ކަމަށްވެސް ބުނެފަ އެވެ.

ކޮރޯނާވައިރަސް ޗައިނާގެ ވޫހާންގައި ހުންނަ އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީން ލީކުވި ކަމަށް ބުނެ ކުރާ ތުހުމަތުތައް އެގައުމުން ވަނީ ތަކުރާރުކޮށް ދޮގުކޮށްފަ އެވެ. އަދި ކޮވިޑް-19އިގެ ފުރަތަމަ ކްލަސްޓާ ފާހަގަ ކުރެވުނީ ވޫހާންއިން ކަމަށްވީ ނަމަވެސް ވައިރަސް ފުރަތަމަ ފެތުރެން ފެށީ އެ ސިޓީގައި ކަމަށް ކަނޑަނޭޅޭނެ ކަމަށް ބުނެފަ އެވެ.

ދުނިޔޭގައި މިހާތަނަށް 127 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 2.7 މިލިއަން މީހުން މަރުވެފައިވެ އެވެ.

comment ކޮމެންޓް