ޗައިނާ އިން ހަދިޔާކުރި ވެކްސިނާއި ސިއްހީ އެހެން އާލާތްތައް ރާއްޖެ ގެނެސްފި

މާޗް 25، 2021: ޗައިނާ އިން ރާއްޖެއަށް ހަދިޔާ ކުރި ދެ ލައްކަ ވެކްސިން ޑޯޒްގެ ތެރެއިން އެއް ލައްކަ ޑޯޒް ރަމްޒީކޮށް ދިވެހި ސަރުކާރާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ޗައިނާއިން ރާއްޖެއަށް ހަދިޔާކުރީ ސައިނޯފާމް ވެކްސިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ސައިނޯފާމް ވެކްސިންގެ ދެވަނަ ބެޗާއި އެ ގައުމުން ހަދިޔާ ކުރި ސިއްހީ އާލާތްތައް ރާއްޖެ ގެނެސްފި އެވެ.

ޗައިނާ އިން ހަދިޔާ ކުރި ވެކްސިން ރާއްޖެ ގެނެސްފައި ވަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގަ އެވެ. ވެކްސިންގެ ފުރަތަމަ ބެޗު ބަލައި ވެސް މޯލްޑިވިއަންގެ ފްލައިޓެއް ޗައިނާ އަށް ހާއްސަ ދަތުރެއްް ކުރި އެވެ.

ރާއްޖޭގައި ސައިނޯފާމް ވެކްސިނަށް ހުއްދަ ދީފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެ ވެކްސިން ރާއްޖޭގައި ދޭން ފެށީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

މިހާރު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާ މީހުންނަށް ދެނީ ސައިނޯފާމް ވެކްސިން އެވެ.

ޗަައިނާ އިން ވަނީ ދެ ލައްކަ ވެކްސިން ޑޒް ހަދިޔާ ކޮށްފަ އެވެ.

ސަރުކާރުން ބުނެފައި ވަނީ ޗައިނާ އިން ހަދިޔާކުރި ދެ ލައްކަ ޑޯޒްގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު، އެ ވެކްސިން ޖަހާ މީހުންނަށް ދެވަނަ ޑޯޒް ޖެހުމަށް، އަނެއް އެއްލައްކަ ޑޯޒް ބަހައްޓާނެ ކަމަށެވެ.

ރާއްޖޭގައި ސައިނޯފާމް ވެކްސިން ދެނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ.

ވެކްސިންގެ އިތުރުން ސިރިންޖާއި ކަށި، ޕީސީއާރު ޓެސްޓު ހެދުމަށް ބޭނުންކުރާ ކިޓާއި މާސްކު އަދި ޕީޕީއީ ސޫޓް ފަދަ ތަކެތި ޗައިނާ އިން ވަނީ ހަދިޔާ ކޮށްފަ އެވެ.

މީގެ ކުރިން ވެސް ޗައިނާ އިން ވަނި ކޮވިޑާ ގުޅިގެން ބޭނުންވާ ސިއްހީ އާލާތްތައް ހަދިޔާ ކޮށްފަ އެވެ.

އިއްޔެގެ ނިޔަލަށް ރާއްޖެ އިން 235،682 މީހުން ވަނީ ވެކްސިން ޖަހައިފަ އެވެ.

comment ކޮމެންޓް