އިންކަމް ސަޕޯޓަށް ޝަރުތު ހަމަވާ 99 ޕަސެންޓަށް އެލަވެންސް ދީފި

ސިނަމާލެ ބްރިޖް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19ގެ ސަބަބުން ވަޒީފާ އަށް އަސަރުކުރި މީހުންނަށާއި އާމްދަނީ އަށް އަސަރު ކުރި މީހުންނަށް ދޭ އިންކަމް ސަޕޯޓް އެލަވެންސަށް އެދުމަށް ހުލުވާލި މުއްދަތުގައި އެލަވެންސް ހޯދުމަށްއެދި ހުށަހެޅި މީހުންގެ ތެރެއިން ބޮޑު އިންސައްތައަކަށް އެލަވެންސް ދީ ނިމިފައިވާ ކަމަށް ޖޮބް ސެންޓަރުން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު މި މާޗު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް 21،258 މީހަކަށް އިންކަމް ސަޕޯޓުގެ ގޮތުގައި ޖުމްލަ 377.4 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދެނީ ވަޒީފާ ގެއްލުނު ކޮންމެ މީހަކަށް 5،000 ރުފިޔާ އަދި މުސާރަ އަށް މަދުވެގެން 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެއަދަދަށް ހަމަވާ ވަރުގެ އަދަދެކެވެ. އެ ފައިސާ ދޫކުރަނީ އެންސްޕާ މެދުވެރިކޮށެވެ.

އިންކަމް ސަޕޯޓް އެލަވެންސްގެ ފުރަތަމަ ބުރުގައި މިދިޔަ އަހަރުގެ މާޗު މަހުގެ އެކަކުން ފެށިގެން، ކޮވިޑް-19ގެ ސަބަބުން ވަޒީފާ އިން ވަކިކުރެވިފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކުރެވިފައިވާ ފަރާތްތަކަށާއި އަދި މުސާރަ ނުލިބޭ ގޮތަށް ނޯ ޕޭ ލީވްއަށް ފޮނުވާ ލެވިފައިވާ މީހުންނަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބައެއް އުނިކުރެވިފައިވާ ފަރާތްތަކަށް އެލަވެންސް ދީފައިވެ އެވެ.

އިންކަމް ސަޕޯޓު އެލަވެންސްގެ ދެ ވަނަ ބުރު ތައާރަފުކޮށް ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް އިންކަމް ސަޕޯޓު އެލަވެންސްގެ ދެވަނަ ބުރު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ވީހާ ވެސް ގިނަ ބަޔަކަށް އެލަވެންސް ދިނުމަށްޓަކާ ފަހުން ނިންމާފައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑް19 އާ ގުޅިގެން އެބަޔެއްގެ ވަޒީފާއަށް 2019 ޑިސެމްބަރު މަހުގެ ފަހުން އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެލަވެންސަށް ޝަރުތު ހަމަވާ މީހުންނަށް އެލަވެންސް ދިނުމަށެވެ.

މި އެލަވެންސްގެ ތިންވަނަ ބުރެއް ތައާރަފު ކޮށް މިދިޔަ އަހަރުގެ އޮކްޓޯބަރުން ޑިސެމްބަރާއި ހަމައަށް އެލަވެންސަށް އެދުމަށް ހުޅުވާލި އެވެ.

މި އެލަވެންސް ދެނީ އެންސްޕާ މެދުވެރިކޮށެވެ.

ޖޮބް ސެންޓާރުން މިއަދު ބުނީ އިންކަމް ސަޕޯޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން އެލަވެންސަށް ޝަރުތު ހަމަވާ މީހުންގެ 99 ޕަސެންޓަށް އެލަވެންސް ދީ ނިންމާލެވިފައިވާ ކަމަށެވެ. އަދި ބާކީ ހުރި މީހުންގެ ޕޭމެންޓު ޕްރޮސެސް ކުރުމަށް އެންސްޕާ އަށް މިހާރު ފޮނުވާފައިވާ ކަމަށާއި މާ ގިނަ ދުވަހެއް ނުވެ އެ ފަރާތްތަކަށް އެލަވެންސް ދީ ނިންމާލެވޭނެ ކަމަށެވެ.

އިންކަމް ސަޕޯޓް އެލަވެންސް ދޭ ފަރާތްތަކާއި އެކި ސަބަބުތަކާ ހުރެ އެޕްލިކޭޝަން ރިޖެކްޓު ކުރާ މީހުންގެ މައުލޫމާތު ޖޮބް ސެންޓަރުގެ ވެބްސައިޓުން ފެންނާނެ އެވެ.

comment ކޮމެންޓް