ބްރޯޑްކޮމް އަށް ކުރިމަތިލި ތިން ނަމެއް މަޖިލީހަށް

-- ފޮޓޯ/ މަޖިލިސް އިދާރާ

ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލި ތިން ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 14 ވަނަ ދުވަހު އެވެ. ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލީ ކޮމިޝަންގެ މެމްބަރު އާމިނަތު ސަރާހަތު އިއްޒަތުގެ މަގާމުގެ މުއްދަތު އޭޕްރީލް ހަތަރު ވަނަ ދުވަހަށް ހަމަވާތީ އެވެ.

އޭނާ ކޮމިޝަނު މެމްބަރުކަމަށް އައްޔަނުކުރީ 2016 އޭޕްރިލް 5 ވަނަ ދުވަހުއެވެ. އެހެންކަމުން މި އަހަރުގެ އޭޕްރިލް ފަހަކަށް އޭނާގެ މެމްބަރުކަމުގެ ފަސް އަހަރުގެ ދައުރު ހަމަވާނެއެވެ.

ބްރޯޑްކޮމްއަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް މަޖިލީހަށް ފޮނުއްވީ ތިން ބޭފުޅެއްގެ ނަމެވެ. އެއީ:

1. ފާތިމަތު ސައުސަން، މ. ވެންކޫވަރ

2. ޝިފްލާ އިބްރާހިމް، ގ. މަސްއޮޑިގެ

3. ޑރ. މުހައްމަދު އިބްރާހީމް، ޖަވާހިރުއައްސޭރި، އދ. މާމިގިލި

އެ ނަންތައް ދިރާސާ ކުރުމަށް މަޖިލީހުގެ ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފަ އެވެ.

ބްރޯޑްކޮމްގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ ރައީސާ މަރިޔަމް ވަހީދާ އާއި ނައިބު ރައީސް އަހުމަދު ގައިސްގެ އިތުރުން މެންބަރު އާމިނަތު ސަރާހަތު އިއްޒަތު، އަމްޖަދު ވަހީދު، މެންބަރު އަލީ ޔޫސުފް އާއި މެންބަރު އާމިނަތު އަމީނާ އަދި މުހައްމަދު ފަޒީން އެވެ.

comment ކޮމެންޓް