ހިޔާ ތަކުގައި ތިބޭ ކުދިން ނިދާނީ އެނދާއި ގޮދަޑީގައި: މިނިސްޓްރީ

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ --- ފޮޓޯ: އެންއީއޯސީ -- ފޮޓޯ/ އެންއީއޯސީ

ދައުލަތުގެ ބެލުމުގެ ދަށުގައި އެކި ހިޔާ ތަކުގައި ތިބޭ ކުދިން ނިމުމަށް އެނދާއި ގޮދަޑި ފޯރުކޮށްދީފައި ހުންނާނެ ކަމަށާއި ހުރިހާ ހިޔާތަކެއްގައިވެސް ކުދިން ނިދާނީ އެނދާއި ގޮދަޑީގައި ކަމަށް ޖެންޑާ މިނިސްޓްރީ އިން ބުނެފި އެވެ.

ގދ. ތިނަދޫ އަމާންވެށީގައި ތިބޭ ކުދިިން ނިދަނީ ބިންމަތީގައި ކަމަށް ބުނެ މީޑިއައަކުން ރިޕޯޓުކޮށްފައިވާތީ، އެކަމާ ގުޅިގެން "ސަން" އިން ސުވާލު ކުރުމުން ޖެންޑާ މިނިސްޓްރީގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު އިބްރާހިމް މުހައްމަދު ވިދާޅުވީ ކުއްޖަކު އަމިއްލައަށް ފޮތިގަނޑު އަޅައިގެން ބިންމަތީގައި އޮތީ ކީއްވެގެންކަން މިނިސްޓްރީއިން ބަލާނެ ކަމަށެވެ.

ވިލިިލާމޭގައި ހުންނަ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލޭގައި ހުންނަ ފިޔަވަތިން ބަލަހައްޓާ ކުދިން ރަށްރަށުގެ އަމާންވެއްޓަށް ބަދަލުކުރަނީ، އެކުދިން އާއިލީ އަދި އިޖުތިމާއީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ.

އަމާންވެށިތަކުގައި ދިރިއުޅޭނީ ކަނޑައެޅޭ ވަކި އަދަދެއްގެ ކުދިންނެވެ. އެކަމުގެ ސަބަބުން އެ ކުދިންނަށް ބޭނުންވާ ހާއްސަ އަޅައިލުމާއި، ބޭނުންވާ ތަރުބިއްޔަތު ފުރިހަމަ ގޮތުގައި ދިނުމަށް އެހީތެރިވެދިނުމުގެ އިތުރުން ކޮންމެ ކުއްޖެއްގެ ވެސް ބޭނުންތައް ފުރިހަމައަށް ދެނެގަނެވިގެންދާނެކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ. އަދި މުޖުތަމައުގެ ތެރޭގައި އެ ކުދިން ބޮޑެތިވުމުގެ ފުރުސަތު ލިބިގެން ދިޔުމުން، މުސްތަގުބަލުގައި އެކި ޕްރޮގްރާމްތަކާއި ހުނަރުތަކުގެ އެހީގައި އެ ކުދިން ވަޒީފާގެ މާހައުލަށާއި އާންމު ދިރިއުޅުމަށް ނުކުތުމަށް މަގުފަހިވެގެންދާކެމަށްވެސް މިނިސްޓްރީން ބުންޏެވެ.

ތިނަދޫގެ އިތުރުން ބ. އޭދަފުއްޓާއި، ފުވައްމުލައް ސިޓީ އަދި ށ. ފުނަދޫ އާއި ހއ. ދިއްދޫގައި ވަަނީ އަމާންވެށި ގާއިމު ކޮށްފައެވެ.

comment ކޮމެންޓް