މިޔަންމާގައި ތިއްބަވާ އެމެރިކާގެ ޑިޕްލޮމޭޓުންނާއި މުވައްޒަފުން އެގައުމުން ބާލަނީ

މިޔަންމާގައި ހުންނަ އެމެރިކާގެ އެންބަސީ

ނެޕިޓާއޮ (މާޗް 31) : މިޔަންމާގައި މުޒާހަރާތައް އިތުރުވެ ސިޔާސީ މަސްރަހު އާދަޔާ ޚިލާފަށް ގޯސްވަމުންދާތީ އެގައުމުގައި ތިއްބަވާ އެމެރިކާގެ ޑިޕްލޮމޭޓުންގެ ގިނަ ބަޔަކު އަނބުރައި ގައުމަށް ގެންދިޔުމަށް އެމެރިކާ ސަރުކާރުން ނިންމައިފި އެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާ އިން ބުނީ މިޔަންމާގައި ހުންނަ އެމެރިކާ އެންބަސީގައި މަސައްކަތްކުރާ އެމެރިކާގެ މުވައްޒަފުންނާއި ޑިޕްލޮމެޓުންގެ ތެރެއިން ގިނަބަޔަކާއި އެމީހުންގެ އާއިލާތައް އިއްޔެ އިން ފެށިގެން ފަސް ދުވަހުގެ ތެރޭގައި އެގައުމުން ބޭރުވާނެ ކަމަށާއި އެއަށް ފަހު އެންބަސީގައި ތިބޭނީ އެންބަސީން ދޭ އެންމެ އަސާސީ ޚިދުމަތްތައް ކަމަށްވާ ވިސާގެ ޚިދުމަތަށް ބޭނުންވާ މުވައްޒަފުންނާއި މަދުއަދެއްގެ ޑިޕްލޮމެޓުން ކަމުގަ އެވެ.

މިދިޔަ ފެބްރުއަރީމަހުގެ އެއްވަނަ ދުވަހު މިޔަންމާގެ ސިފައިން ނުކުމެ އެގައުމުގެ އިންތިޚާބީ ސަރުކާރު ވައްޓާލައި ވަގުތީ އަސްކަރީ ސަރުކާރެއް ގާއިމްކުރި ފަހުން އިދިކޮޅު ފަރާތްތައް (ކުރީގެ ސަރުކާރަށް ނިސްބަތްވާ ފަރާތްތައް) އިސްކޮށް ތިބެގެން އަސްކަރީ ސަރުކާރާ ދެކޮޅަށް ގެންދަނީ ވަރުގަދަ އިޙްތިޖާޖުތަކަކާއި މުޒާހަރާތަކެއް ކުރަމުންނެވެ. އެ މުޒާހަރާތައް ހޫނުވެ މުޒާހަރާވެރިން ވަނީ ހަރުކަށި އަމަލުތައް ހިންގައި ތަންތަނުގައި ހުޅުޖަހައި ފިހާރަތައް ލޫޓުވައި އާންމުތަންތަނާއި ކާރުޚާނާތައް ވެސް ހަލާކުކޮށްފަ އެވެ.

މިޔަންމާގައި ހުންނަ އެމެރިކާ ގެ އެންބަސީގައި މަސައްކަތްކުރާ މިޔަންމާގެ މުވައްޒަފުންނާއެކު އެމެރިކާގެ ސަފީރު

މިއާއެކު މުޒާހަރާތަކާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން މިހާތަނަށް 521 މީހުން މަރުވެ، އެތައް ހަސްބަޔަކު ވަނީ ޒަޚަމްވެފަ އެވެ. މުޒާހަރާތަކާ ގުޅިގެން ގައުމުގެ ހަމަނުޖެހުން ގެއްލިފައިވާ އިރު ސަލާމަތީ ބާރުތަކުން މުޒާހަރާވެރިންނާ ދެކޮޅަށް ބާރުގެ ބޭނުންކުރުމުގެ ސަބަބުން ވެރިރަށް ނެޕިޓާއޮ އާއި އެންމެ ބޮޑު ސިޓީކަމަށްވާ ޔަންގޫން ފަދަ ސިޓީތަކުގައި އަމަން އަމާންކަންވަނީ ގެއްލިފަ އެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނާ ގޮތުން މިޔަންމާގައި ހުންނަ އެމެރިކާގެ އެންބަސީގެ މަސައްކަތްތައް މަދުކޮށް ގިނަ މުވައްޒަފުންނައި ޑިޕްލޮމޭޓުން އަނބުރައި ގައުމަށް ގެންދިޔަ ނަމަވެސް އެންބަސީ ބަންދުކޮށް މިޔަންމާގެ ސަރުކާރާ ގުޅުންތައް ކަނޑާލުމުގެ ވިސްނުމެއް އަދި ނެތެވެ.

މިޔަންމާގައި ރައްޔިތުން އިންތިޚާބުކޮށްފައިވާ ސަރުކާރުގެ ވެރިޔާ ސްޓޭޓް ކައުންސިލާ (ބޮޑުވަޒީރު) އަންގްސަން ސޫޗީގެ ސަރުކާރު ވައްޓާލީ މިދިޔަ ނޮވެމްބަރު މަހު އިންތިޚާބު އޮޅުވާލައިގެން ވެރިކަމަށް އައުމަށް އަންގްސަން ސޫޗީ މަސައްކަތް ކުރެއްވުމުން ކަމަށް އެގައުމުގެ ސިފައިންގެ ވެރިޔާ ޖެނެރަލް މިން އާންގް ލޭންގް ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ނަމަވެސް ސޫޗީގެ ޕާޓީންވަނީ މިކަން ދޮގުކޮށްފަ އެވެ.

އިންތިޚާބީ ސަރުކާރު ވައްޓާލުމަށް ފަހު އަންގްސަން ސޫޗީ އާއި އޭނާގެ ޕާޓީގެ އިސް ބޭފުޅުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. މުޒާހަރާވެރިން ގޮވާލަމުން ދަނީ ސޫޗީ އާއި އޭނާގެ ޕާޓީގެ އިސް ބޭފުޅުން މިނިވަންކޮށް ސޫޗީގެ ސަރުކާރު އަލުން އަނބުރައި ވެރިކަމަށް ގެނައުމަށެވެ. ނަމަވެސް އަސްކަރީ ވެރިޔާ ޖެނެރަލް މިން އާންގް ލޭންގް ވަނީ އަލުން އިންތިޚާބެއް ބާއްވައިގެން އިންތިޚާބު ކާމިޔާބުކުރާ ފަރާތަކާ ނޫނީ ވެރިކަން ހަވާލުނުކުރާނެކަމަށް ވިދާޅުވެފަ އެވެ.

މިނިވަން އިންތިޚާބެއް ބާއްވައިފި ނަމަ އިންތިޚާބު ކާމިޔާބުކުރާނީ ސޫޗީގެ ޕާޓީންކަމަށް ވަނީ ބެލެވިފަ އެވެ. އެއީ ސޫޗީ އާއި އޭނާގެ ޕާޓީއަށް މިޔަންމާގެ އާންމުންގެ މެދުގައި ތާއީދު ބޮޑުވުމުގެ އިތުރުން ސޫޗީ ހައްޔަރުކޮށްފައިވާތީ އޭނާއަށް ރައްޔިތުންގެ ގިނަބަޔެއްގެ ހަމްދަރުދީ ވެސް ލިބިފައިވާތީ އެވެ.

އަސްކަރީ ވެރިޔާ ޖެނެރަލް މިން އާންގް ލޭންގް ވަނީ ދާދިއަވަހަށް އިންތިޚާބެއް ބާއްވައި އިންތިޚާބީ ސަރުކާރަކާ ވެރިކަން ހަވާލުކުރާނެކަމަށް މިހަފްތާގައި ވެސް ވިދާޅުވެފަ އެވެ. ނަމަވެސް އިންތިޚާބު ބާއްވާނެ ތާރީޚެއް އަދި އިއުލާން ކޮށްފައެއް ނުވެ އެވެ. (އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު