މާޒިޔާއިން ފަރަގު ބޮޑު ކުރި އިރު، މޯހަންއަށް ސަސްއާއެކު ފުރަތަމަ މޮޅު

މާޗް 30، 2021: ދިވެހި ޕްރިމިއަ ލީގްގައި މާޒިޔާ އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް މާޒިޔާއިން އެއްވަނާގައި ފަރަގު ބޮޑު ކުރި އިރު، އީގަލްސްއާ އެކު ސީޒަން ފަށައިގެން ވަކި ހިސާބަކުން ސަސްއަށް ބަދަލުވުމަށް ފަހު މުހައްމަދު ޝިޔާޒް (މޯހަން) އެކުލަބާ އެކު ފުރަތަމަ މޮޅު ހޯދައިފި އެވެ.

އިއްޔެ ހަވީރު ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ އަތުން މާޒިޔާ ކުރި ހޯދީ 0-1ގެ ނަތީޖާއަކުންނެވެ. އެ މެޗަށް ނުކުން އިރު ތިން ޕޮއިންޓްގެ ފަރަގެއްގައި އޮތް މާޒިޔާއަށް މެޗުން ލިބުނު ތިން ޕޮއިންޓާ އެކު އެ ޓީމުން ވަނީ 10 މެޗުން 24 ޕޮއިންޓް ހަމަކޮށްފަ އެވެ. ދެ ވަނާގައި އޮތް ވެެލެންސިއާގެ އޮތީ 10 މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ.

ގާތްގަނޑަކަށް ދެމަސްދުވަހުގެ ބްރޭކަކަށް ފަހު މާޒިޔާ އިން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ކުރިން ފުރަތަމަ އެގާރައިގައި ހިމެނުނު ބައެއް ކުޅުންތެރިން ޓީމުގައި ހިމަނާފައެއް ނުވެ އެވެ. މާޒިޔާގެ ޖަޕާނު މިޑްފީލްޑަރު ޓަކާޝީ އޮޑަވާރާ އާއި ސްޕެއިންގެ ޑިފެންޑަރު ޕޯޒޯ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިފަ އެވެ. ސެއިން ވިންސެންޓް ގައުމީ ޓީމަށް ރިލީސްކޮށްފައިވާތީ މާޒިޔާގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަދި ޓީމާ ނުގުޅެ އެވެ.

އިއްޔެގެ މެޗު ފަށައިގެން މާޒިޔާ އިން މޮޅަށް ކުޅުނު ނަމަވެސް އެ ޓީމުގެ ގިނަ ހަމަލާތަކެއް އިދިކޮޅު ޓީމުގެ ކީޕަރު އަލީ ނާޖިހު ވަނީ ދިފާއުކޮށްފަ އެވެ. މާޒިޔާގެ ގޯލު ޖެހީ މެޗުގެ 73 ވަނަ މިނިޓްގައި ހަމްޒާ މުހައްމަދު ހަމްޕު އެވެ. ޔުނައިޓެޑް ވިކްޓްރީގެ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު އޭރިއާތެރެއަށް ވަދެ ހަމްޕު ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަަނަށެވެ.

މީގެ އިތުރުން ކުރިން މެޗުގައި އީގަލްސް އަތުން ބަލިވުމަށް ފަހު ރޭ ސަސްއިން ކުޅުނު މެޗުގައި އެ ޓީމުން ވަނީ ޓީސީގެ މައްޗަށް 0-1 އިން ކުރި ހޯދައި ތާވަލުގެ ކުރިއަށް ޖެހިލައިފަ އެވެ.

މިއީ ސަސްގެ ކޯޗުކަމާ މިދިޔަ ޖެނުއަރީ މަހު މުހައްމަދު ޝިޔާޒް (މޯހަން) ހަވާލުވި ފަހުން އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ. މޯހަން ހަވާލުވެ ސަސް ކުޅުނު ފުރަތަމަ ތިން މެޗުން މޮޅެއް ނުލިބެ އެވެ. އެ މެޗުން ލިބުނު މޮޅާ އެކު ސަސް ހަ ވަނަ އަށް އެރީ 10 މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ.

މެޗުގައި ސަސްގެ ލަނޑު 75 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަހްމަދު އައިހަމް އެވެ. ޓީސީގެ ހާފުގެ ތެރެއިން ސަސްގެ ކުޅުންތެރިން ނަގައިދިން ބޯޅަ އައިހަމް ހޯދީ ޓީސީގެ އޭރިއާގެ ތެރެއިންނެވެ. އޭރިއާގެ އަރިމަތިން އަރައި އޭނާ ވަނީ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލާފަ އެވެ.

މި މެޗަށް ފަހު ވާހަކަ ދައްކަމުން ސަސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނީ މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި އެހެންނަމަވެސް ފުރަތަމަ ހާފުގައި ލިބުނު ފުރުޞަތުތަކުގެ ބޭނުން ހިފުނު ނަމަ، އެއަށްވުރެ ފަސޭހަ މޮޅެއް ލިބޭނެ ކަމަށެވެ. އެކަމަކު މި މެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދުމަށް ކަމަށާއި ކުޅުންތެރިންގެ ފަރާތުން މޮޅެއް ހޯދުމަށް ބޭނުންވެފައި ތިބި މިންވަރު މި މެޗުން ފެނިގެންދިޔަ ކަމަށް ވެސް މޯހަން ބުންޏެވެ.

comment ކޮމެންޓް