ރެފްރީންގެ ނިންމުންތަކުން ރުޅިގަދަވެފައި، އެކަމަކު "ހައްޕު"!

ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އަދި ދަ ގްރާންޑޭ ކުޅުނު މެޗުގެ ކުރިން ދެ ޓީމުގެ ކެޕްޓަނުން މެޗު އޮފިޝަލުންނާ އެކު އެތުރިލައިގެން --- ފޮޓޯ//އެފްއޭއެމް

ދިވެހި ރާއްޖޭގެ ގައުމީ ލީގުގެ ފެންވަރު އަހަރަކަށް ވުރެން އަހަރެއް ކުރިއަށް ޖައްސަމުން އައި ނަމަވެސް ބަދަލުނުވެ އޮތް އެއްކަމަކީ ރެފްރީންގެ ނިންމުންތަކާ މެދު އިންތިހާއަށް ރުޅިގަދަވެގެން ކުލަބުތަކުން ކުރަމުން އަންނަ ޝަކުވާތަކެވެ. އެކަމަށް ހައްލެއް ނުލިބި އޮތް ނަމަވެސް އެކަން ފާހަގަވިޔަ ނުދިނުމަށް ޓަކައި އެފްއޭއެމުން މި ފަހަރުގެ ސީޒަނުގައި ވަނީ ޕްރިމިއާ ލީގުގެ ޕްރި މެޗު އަދި ޕޯސްޓް މެޗު ނޫސްވެރިންގެ ކޮންފަރެންސްތަކުގައި ރެފްރީންގެ ވާހަކަ ދެއްކުން ކޯޗުންނާއި ނޫސްވެރިންނަށް މަނާކޮށްފަ އެވެ.

ކުލަބުތަކުން ބޮޑެތި އަދަދުތަކުން ޙަރަދުކޮށްގެން މެޗުތަކަށް ނިކުންނަ އިރު، އެންމެ ބޮޑު ހިތްހަމަ ނުޖެހުމެއްގެ ގޮތުގައި ޒަމާނުއްސުރެން ރާއްޖޭގެ ލީގުގައި އިންސާފު ކުރާ ރެފްރީންގެ މައްސަލަ ފާހަގަ ކުރެއެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެކަމެއްގެ ސަބަބުން އެތައް މެޗެއް އިންސާފުވެރި ނޫން ގޮތްގޮތަށް ނިމި ގޮސްފައި އެބަހުއްޓެވެ. އެކަމަކު މިއީކީ ރާއްޖޭގައި އެކަނި ހިނގާ ވެސް ކަމެއް ނޫނެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެ މައްސަލަ ކޮންމެވެސް ވަރަކަށް އޮވެ އެވެ. އެކަމަކު ރާއްޖޭގެ ކުޅުންތެރިންނާއި ކޯޗުން ކޮންމެ މެޗަކަށްފަހު އެވާހަކައަކައިގެން އަންނަން ޖެހޭ ސަބަބެއް ވެސް އޮންނާނެތާ އެވެ.

އެފްއޭއެމުގެ އޮފިޝަލަކު މީގެ ކުރިން ބުނީ ލީގު ފެށުމުގެ ކުރިން ކުލަބުތަކާއި އެފްއޭއެމްއާ ދެމެދު ކޯޑް އޮފް ކޮންޑަކްޓްގެ އެއްބަސްވުމެެއްގައި ސޮއި ކުރި ކަމަށާއި އެ ގަވާއިދުގައި ބުނާ ގޮތުން އެއްވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރެފްރީންގެ ނިންމުންތަކުގެ ވާހަކަ ނުދެއްކޭނެ ކަމަށެވެ. އަދި ރެފްރީންގެ ނިންމުންތަކަށް ހިތްހަމަ ނުޖެހިއްޖެ ނަމަ އެކަން ހުށައަޅަން ޖެހޭނީ ލީގުގެ އިންތިޒާމީ ކޮމިޓީއަށް ކަމަށާއި އެ ނޫން ގޮތަކަށް ކްލަބްތަކާއި ކޯޗުން ރެފްރީންގެ ވާހަކަ ނުދެއްކޭނެ ކަމަށެވެ.

ލީގުގެ ފުރަތަމަ ދެ ހަފުތާ ކުޅުނު އިރު، މެޗުތަކަށް އިންސާފު ކޮށްފައި ވަނީ ދިވެހި ރެފްރީންނެވެ. އެކަމަކު ތިން ވަނަ މެޗު ވީކުގެ ކުރިން އެފްއޭއެމުން ވަނީ ބިދޭސީ ހަތަރު ރެފްރީން ގެނެސް، ލީގުގެ ބާކީ އޮތްބައިގައި އެ ރެފްރީން ބޭނުން ކުރާނެ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް ލީގުގެ މެދުކެނޑުމަށް ފަހު އަލުން ފަށައިގެން ކުޅުނު ހަ މެޗުގައި ވެސް އިންސާފު ކުރީ ދިވެހި ރެފްރީންނެވެ. މި މެޗުތަކުގައި ރެފްރީންގެ ގިނަ މައްސަލަތަކެއް މެޗުގެ ތެރެއިން ވެސް ގިނަ ކުޅުންތެރިންތަކެއް ފާހަގަކުރި އިރު، ގިނަ މެޗުތައް ވަނީ ވަރަށް ހޫނު ވެގެން ގޮސްފަ އެވެ.

އެގޮތުން ލީގުގައި މިދިޔަ ހޯމަ ދުވަހުގެ ހަވީރު އީގަލްސްއާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލު ކުރި މެޗު ނިމުނީ ދެ ޓީމުން ވެސް ރެފްރީގެ ނިންމުންތަކަށް ވަރަށް ބޮޑަށް ޝަކުވާކޮށްގެންނެވެ. ގަވާއިދުގައި ރެފްރީންގެ ވާހަކަތައް ނުދެއްކޭނެ ކަމަށް ބުނި ނަމަވެސް އެދުވަހުގެ މެޗަށް ފަހު އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ވަނީ ރެފްރީންގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

އެގޮތުން އެއް ކަމަކަށް ޝާޒް ފާހަގަކުރީ މެޗުގެ ފަހު ވަގުތު ކޯނަރެއްގައި އެ ޓީމުގެ ފޯވާޑް ކޮމިޝިންގެ ޓައިޓްގެ މައްސަލައެއް ޖެހިގެން އޭނާ އެ ބަދަލުކުރަން ދަނޑުން ފޮނުވައި ފަހުން ބަދަލުކޮށްގެން އައިސް ރެފްރީގެ ހުއްދަ ނުހޯދައި ދަނޑަށް އެރުމުން އޭނާ އަށް ރީނދޫ ކާޑު ދެއްކި މައްސަލަ އެވެ. އެ ކަންތައް ދިޔަ ގޮތަށް ބަލާ އިރު އެ އަށް ވުރެން އިންސާފުވެރިކޮށް އެ ކަންތައް ކުރެވެން ޖެހޭނެ ކަމަށް ޝާޒް ބުންޏެވެ.

"ފުޓްބޯޅަ ކުޅޭއިރު ވިސްނަން ޖެހޭނެ ހުރިހާ އެއްޗެއް ޗެކްކޮށްގެން މި އަރަނީ ދަނޑަށް. އަރާއިރުގައި ދަށުން ލާފައި ހުންނަ ޓައިޓަކީ އޭގެ ޒާތުގައި ވެސް އެ ދޫވުމާއި އެ ކަންކަން ވެސް އަންނާނެ ވަރަށް ފިނި ދުވަހެއްގައި މި ކުޅެނީ. ވާރޭވެސް ވެހިފައި މި އޮންނަނީ. އެހެންވީމަ 80 ވަނަ މިނިޓްގައި ޓައިޓް ތިރިން ފެންނަން އިނދެގެން ކޯނަރެއްގައި އެޓޭކަރެއް ބާލާއިރުގައި ބާލާފައި އޭނަ އަކީ އިނގިރޭސި އިނގޭ ޕްލޭޔަރެއް ވެސް ނޫން. ރީތިކޮށް އެނގޭނެ،"ޝާޒް ބުންޏެވެ.

"އޭނަ ދަނޑަށް އަރާއިރުގައި ކައިރީގައި އެސިސްޓަންޓް ރެފްރީ ހުންނައިރުގައި އޭނަ ވެސް ބުނެނުލައި ދޫކޮށްލައިފައި ދެން އޭނަ ދަނޑަށް އެރީމަ ގެނެސް ޔެލޯ (ރީނދޫ ކާޑެއް) އެއް ދެއްކީމަ މިހާރު ދެ ވަނަ ޔެލޯ ހަމަވީ [އަނެއް މެޗަށް ސަސްޕެންޑްވީ]. މިއީ ފައުލެއް ކޮށްގެން ނޫން. މިއީ ކޮމަން ސެންސް. ޓައިޓް ތިރިވީމަ މައްޗަށް ޖައްސަންވާނެ އެއީ ރަނގަޅުވާހަކައެއް. އެހެންނަމަވެސް މެޗެއްގެ 80 ވަނަ މިނިޓްގައިތޯ އެކަން ކުރާނީ އެއީ ސުވާލަކީ."

ޝާޒް ބުނީ އާންމުކޮށް މެޗު އޮފިޝަލުންގެ ވާހަކަ ނޫސްވެރިންގެ ބައްދަލުވުމުގައި ދައްކަން ބޭނުމެއް ވެސް ނުވާ ކަމަށާއި އެކަމަކު މި ވާހަކަ ދައްކަން ބޭނުންވީ ކުރިއަށް އޮތްތަނުގައި ކަންކަން ރަނގަޅުކުރަން ބޭނުންވާތީ ކަމަށެވެ.

މީގެ އިތުރުން ހަމަ އެރޭ ވެލެންސިއާއާއި ގްރީންސްޓްރީޓްސް ބައްދަލު ކުރި މެޗުގައި ވެސް ރެފްރީންގެ ނިންމުންތައް ގޯސްވެގެން ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ވަނީ ޕްރެސް ކޮންފަރެންސްގައި އެކަމަށް ފާޑު ކިޔައިފަ އެވެ. އޭނާ ބުނީ ހުރިހާ އެންމެން ކައިރިން އޭނާ އެދޭ އެދުމަކީ ވެލެންސިއާ އިން ފުރަތަމަ ޖެހި ގޯލު އޮފްސައިޑްވެފައި އޮތީ ކިތައް މީޓަރުތޯ ބަލައިލަން ރިޕްލޭ ބެލުމަށެވެ.

"މިސާލަކަށް އެހާ ބޮޑުތަނެއް އޮފްސައިޑްވެފައި އިން އެއްޗެއް ދެން އަޅުގަނޑަކަށް ނޭނގެ މިއީ ކިހިނެއްވާ ކަމެއް ކަމެއް. ވެލެންސިއާއާ ކުޅެންޏާ މި ކަހަލަ ކަމެއް އެބަދިމާވޭ. އެބަޖެހޭ ކަންނޭނގެ މި އަށް ވާގޮތެއް ބަލަން. ގްރީން ސްޓްރީޓްސް އަކީ މަޖަލަށް ކުޅެން ނުކުންނަ ބައެއް ނޫން. އެއީ އަޅުގަނޑަށް އެނގޭ އެއްޗަކީ." ހިތްހަމަނުޖެހިފައި ހުރެ ނިސްތާރު ބުންޏެވެ.

ބައެއް ކޯޗުން ޕްރެސް ކޮންފަރެންސްގައި މީގެ ކުރިން ރެފްރީންގެ ވާހަކަ ދައްކަން އުޅުމުން އެފްއޭއެމުން ވަނީ އެކަން ހުއްޓުވައިފަ އެވެ. އަދި އެކަމަކީ ގަވާއިދާ ޙިލާފު ކަމެއް ކަމަށް ބުނެ އެފްއޭއެމުން ބައެއް ކޯޗުންނަށް އިންޒާރު ވެސް ކޮށްފައިވެ އެވެ.

comment ކޮމެންޓް