ސިންގަޕޯ އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

ސިންގަޕޯ އެއާލައިންސް އިން ރާއޖެ އަށް ދަތުރު ފެށުން -- ފޮޓޯ: އެމްއޭސީއެލް

ސިންގަޕޯ އެއާލައިންސްގެ ދަތުރުތައް ރާއްޖެ އަށް ފަށައިފިއެވެ.

އެމްއޭސީއެލް އިން ބުނީ ސިންގަޕޯ އެއާލައިންސް އިން ހަފްތާ އަކު ތިން ދުވަހު ރާއްޖެ އަށް ދަތުުރުތައް ބާއްވާނެ ކަމަށެވެ، އެއީ އަންގާރަ، ހުކުރު އަދި ހޮނިހިރު ދުވަހު ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ސިންގަޕޯ އެއާލައިންސް އާއެކު ރާއްޖެއަށް ދަތުރު ކުރާ ބައިނަލްއަގުވާމީ އެއާލައިން ތަކުގެ އަދަދު ވަނީ 30 އަށް އަރައިފައެވެ.

އެ އެއާލައިނުން ރާއްޖެއަށް ދަތުރު ކުރާނީ ބޮއިން 737 މަރުކާގެ އެއާކްރާފްޓެއްގައެވެ.

ރާއްޖެއަށް ދަތުރުކުރާ އެއާލައިންތައް އިތުުރުވަމުންދާއިރު، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދުވެސް ދަނީ އިތުތުވަމުންނެވެ. މި މަޗު މަސް ތެރޭ އެއް ލައްކަ އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާއިރު މި އަހަރުގެ ތެރޭ އައި ފަތުރުވެރިންގެ އަދަދު 292،204 އަަށް އަރައެވެ.

ސިންގަޕޯ އެއާލައިންސްގެ ދަތުރުތަކާއެކު ދެކުނު އިރުމަތީ އޭޝިއާ އިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން ކަނެކްޝަން ފްލައިޓުތަކުގައި ސިންގަޕޫރު މަގުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދުވެސް އިތުރުވާނެ އެވެ.

ސިންގަޕޯ އެއާލައިންސްގެ ދަށުން ހިންގާ ސިލްކް އެއާ އިންވެސް ރާއްޖެ އަށް ދަތުރު ކުރެއެވެ. ސިންގަޕޯ އެއަލައިނުން މިހާރު މަސައްކަތް ކުރަނީ 2022 އަންނަ އިރު ސިލްކް އެއާގެ ހުރިހާ ދަތުރެއް ސިންގަޕޯ އެއާލައިންސްގެ ދަށަށް ބަދަލުކޮށް ދެ އެއާލައިން އެއްކޮށްލުމަށެވެ. އެގޮތުން ސިލްކް އެއާގެ ގިނަ ރޫޓުތަކަކަށް މިހާރު ދަތުރު ކުރަނީ ސިންގަޕޯ އެއާލައިންސް އިންނެވެ.

ސަރުކާރުން އަމާޒު ހިފާފައި ވަނީ މި އަހަރުގެ ނިޔަލަށް 1.5 މިލިއަން ޓޫރިސްޓުން ގެނައުމަށެވެ.

comment ކޮމެންޓް