އަލީ ވަހީދު ފުރި މައްސަލާގައި މަޖިލީހުން ފާރަވެރިވާން ފާސްކޮށްފި

ޖޫން 2، 2020: 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާ -- ފޮޓޯ/ މަޖިލިސް

ޖިންސީ ކުށުގެ ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފުރި މައްސަލާގައި ރައްޔިތުންގެ މަޖިލީހުން ފާރަވެރިވާން ފާސްކޮށްފި އެވެ.

އަލީ ވަހީދު ފުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފައިވަނީ ފެބުރުއަރީ މަހުގެ ނުވަ ވަނަ ދުވަހު އެވެ. ހަމަ އެދުވަހު އޭނާ ވަނީ ފުރައިގެން ގޮސްފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ހަތަރު އަންހެން މެމްބަރުން ސޮއިކޮށް މަޖިލީހަށް ހުށަހެޅުއްވީ އަލީ ވަހީދު ފުރައިގެން ދިޔުމުގައި އެއްވެސް ބައެއްގެ އިހުމާލެއް އޮތްތޯ ބެލުމަށެވެ.

އެމައްސަލަ ބަލައި ޖުޑިޝަރީ ކޮމިޓީއިން ތައްޔާރުކުރި ރިޕޯޓަށް މިއަދު މަޖިލީހުގެ ތަޅުމުގައި ވަނީ ވޯޓަށް އަހާފަ އެވެ. އެ ރިޕޯޓަށް 33 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރަން އަމުރުކުރި ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް އޮތް ކަމަށް ދެކިވަޑައިގެން ޕީޖީ އޮފީހުން އެމައްސަލަ ޖޭއެސްސީ އަށް ހުށަހަޅާފައި ވާތީ އެމައްސަލަ ކުރިއަށް ދާ ގޮތަށް މަޖިލީހުން ފާރަވެރިވާން ނިންމައި އެގޮތަށް ވަނީ ކޮމިޓީ ރިޕޯޓުގައި ހިމަނާފަ އެވެ.

އޭގެއިތުރުން ގިނަ ރިކޮމެންޑޭޝަން ތަކެއް ކޮމިޓީ ރިޕޯޓުގައި ހިމަނާފައިވެ އެވެ. އެގޮތުން ބޮޑެތި ކުށްތަކުގައި ތުހުމަތުވާ މީހުން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފުރާނަމަ ޕާސްޕޯޓު ދޫކުރުމުގެ ބަދަލުގައި ވަގުތީ ޓްރެވަލް ޑޮކިއުމެންޓެއް ދޭން ޖެހޭ ގޮތަށް އުސޫލު ބަދަލު ކުރަން ވަނީ ރިކޮމެންޑް ކޮށްފަ އެވެ.

"ޖިނާއީ ބޮޑު ކުށެއްގެ ދައުވާއެއް އުފުލިފައިވާ މީހެއް ނަމަ ނުވަތަ އެފަދަ ކުށެއްގެ ތަހުގީގެއް ހިނގަމުންދާ މީހެއް ނަމަ އެމީހެއްގެ ޕާސްޕޯޓު ހިފެހެއްޓިފައި ވުމަށް ފަހު ރާއްޖޭން ބޭރަށް ފުރުމަށް ހުއްދަ ދެވޭ ހިނދު އެ ހުއްދަ ދެވޭ ސަބަބުގެ އިތުރަށް މައްސަލަައިގެ ބާވަތަށާއި މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށް އެންމެ ފުޅާ މިނެއްގައި ރިއާޔަތް ކުރުން." ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.

މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިއާޔަތް ކުރާއިރު އެމީހާއަކީ ރާއްޖެ ނޫން ގައުމެއްގައި ފިލައިގެން އުޅެވިދާނެ ކަމުގެ މާލީ ތަނަވަސްކަން ހުރި މީހެއްތޯ ބަލަން ވާނެ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި އެ ވަސީލަތްތަކުގެ ބޭނުން ނުހިފާނެ ކަމުގެ ޔަގީންކަން ކޯޓުން ހޯދަން ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އޭގެ އިތުރުން ކުށުގެ ތުހުމަތުވާ މީހާ ފުރައިގެން ދާނެ ތާރީހަކާއި އަންނާނެ ތާރީހެއް ކަނޑައަޅަން ވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

މަޖިލީހުން އެދުނީ ޝަރީއަތުގެ އަޑުއެހުންތަކުގެ ތާވަލު ދުރާލާ ތައްޔާރުކޮށް އެދުވަސްތަކަށް ކޯޓަށް ހާޒިރުވާން އެންގުމަށެވެ.

ކޮމިޓީގެ ހުށަހެޅުންތައް ހުށަހަޅުއްވަމުން މުގައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ކުށުގެ ތުހުމަތު ކުރެވޭ މީހެއްގެ މައްސަލަ ތަހުގީގު ކުރަމުން ދާ ނަމަވެސް އަދި ދައުވާކޮށްފައިވާ ނަމަވެސް އެމީހަކު ހުރީ ބަންދުގައި ނޫން ކަމަށް ވާނަމަ ގާނޫނުގައި ކަނޑައަޅާފައިވާ ހަމައަކީ އެމީހަކީ ރާއްޖޭން ބޭރަށް އަދި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހައްގު އޮތް މީހެއް ކަމަށް ބެލުން ކަމަށެވެ.

އަދި އެމީހަކީ ޝަރީއަތަށް ނުފިލާނެ އަދި ޝަރީއަތަށް ހާޒިރުވާނެ މީހެއް ނަމަ އެމީހެއްގެ ދަތުރު ފަތުރު ކުރުމުގެ ހައްގަށް އެއްކޮށް ހުރަސް އަޅައިގެން ނުވާނެ ކަމަށެވެ.

"އެ ހައްގު ހަނިކުރެވެން ވާނީ ހާއްސަކޮށް ޖިނާއީ ބޮޑެތި ކުއްތަކުގެ މައްސަލަތަކުގައި ނުވަތަ ޝަރީއަތް ބޭއްވުމަށް ހުރަސް އެޅިދާނެ ހާލަތްތަކުގަ އާއި ޝަރީއަތަށް ފިލާފާނެ ހާލަތްތަކުގައާއި ތަހުގީގަށް ހާޒިރުނުވެ ފިލާފާނެ ހާލަތްތަކުގައި އެކަންޏެވެ. އަދި އެގޮތަށް ކަނޑައަޅާނީ ކޯޓުން ބަލާ ބެލުންތައް ބެލުމަށް ފަހު ސަބަބުތަކުގެ މައްޗަށް ބިނާކޮށެވެ." ރިޕޯޓުގައި ބުނެފައިވެ އެވެ.

އަލީ ވަހީދު ޕާސްޕޯޓު ހިފެހެއްޓި އަމުރު ބާތިލު ކުރީ ހަތަރު މަސްދުވަހުގެ މުއްދަތަށެވެ. އަދި އެ މުއްދަތުގައި އޭނާ ރާއްޖެ ނައިސްފި ނަމަ ޒިންމާ ނަގާނެ ފަރާތެއްގެ ގޮތުގައި އޭނާގެ ރަހުމަތްތެރިޔާ އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ވަނީ ހަމަޖައްސައިފަ އެވެ.

އަލީ ވަހީދުގެ މައްޗަށް ކުރީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ އެވެ.

އަލީ ވަހީދު ވަނީ އެ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

comment ކޮމެންޓް