ފްލައިޓް ޑިލޭވެގެން މުވައްޒަފު ވަކިކުރީ ގޯސްކޮށް: ހައިކޯޓު

ފްލައިޓެއް ޑިލޭވުމުގެ ސަބަބުން އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުގެ ވަޒީފާއިން މުވައްޒަފަކު ވަކި ކުރީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފި އެވެ.

ހަތަރެއް އޮކްޓޯބަރު 2016ގައި ބެންކޮކުން ފުރަން ހަމަޖެހިފައި އޮތް އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުގެ ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ގްރައުންޑް ކުރި އެ ފްލައިޓް ފުރުން ލަސްވުމުގައި މުވައްޒަފުގެ އިހުމާލު އޮތްކަމަށް ތަހުގީގަށް ފެންނާތީކަމަށް ބުނެ، 26 އޮކްޓޯބަރުގައި އޭނާ ވަޒީފާއިން ވަކިކުރި އެވެ.

އެ މުވައްޒަފަކީ 27 ޑިސެމްބަރު 2010 އިން ފެށިގެން އައިލެންޑް އޭވިއޭޝަންގައި ވަޒީފާ އަދާކުރަމުން ދިޔަ ފަރާތެކެވެ. އޭރު އޭނާ އަދާކުރަމުންދިޔައީ އިންފްލައިޓް ސުޕަވައިޒާ (ގްރޭޑް1)ގެ މަގާމެވެ. އޭނާ ވަޒީފާއިން ވަކިކުރީ ނޯޓިސް ދިނުމެއްނެތި އެވެ.

ވަޒީފާއިން ވަކި ކޮށްފައިވަނީ މައުޟޫއީ ގޮތުންނާއި، އިޖުރާއީ ގޮތުން ގާއިމުކުރަންޖެހޭ އަދުލުވެރިކަން ގާއިމުނުކޮށް ކަމަށް ބުނެ އޭނާއަކީ ދުވަހަކުވެސް ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއް ނޫންކަމަށް ކަނޑައަޅައި ދިނުމަށާއި، އޭނާއަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ހޯދުމަށް އެދި މުވައްޒަފުގެ ފަރާތުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

ވަޒީފާ އަނބުރާ ރުޖޫއަ ކޮށްދިނުމަށާއި ވަޒީފާއިން ވަކި ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައި ދިނުމަށް އޭނާ ވަނީ އެދިފަ އެވެ.

މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ އަދުލުވެރިކަމާއި، އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމަށްފަހުގައިކަމަށް ބެލެވެން ނެތް ކަމަށެވެ.

އެހެންކަމުން މުވައްޒަފު ވަޒީފާއިން ވަކިކޮށް ދިން ޓާމިނޭޝަން އޮފް އެމްޕްލޯއިމަންޓް ކޮންޓްރެކްޓް ނޯޓިސްއަކީ ބާތިލް ނޯޓިސްއެއް ކަމަށާއި، 6 އޮކްޓޯބަރު 2016 އިން ފެށިގެން 26 އޮކްޓޯބަރު 2017ގެ ނިޔަލަށް އޭނާއަށް މުސާރައާއި އިނާޔަތުގެ ގޮތުގައި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުން 259،151 ރުފިޔާ ލިބެންޖެހޭކަމަށެވެ.

ހަމައެއާއެކު އޭނާ އަދާކުރަމުން ގެންދިޔަ ވަޒީފާ އަނބުރާ ރުޖޫއަކުރަން ވެސް ހުކުމް ކުރި އެވެ. ސިވިލް ކޯޓުގެ ހުކުމް އައިލެންޑް އޭވިއޭޝަންގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

އެ މައްސަލައިގައި އައިލެންޑް އޭވިއޭޝަނުން ބުނެފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފްލައިޓް ގްރައުންޑްކޮށް، އެމައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދިޔައިރު އަންދާޒާ ކުރެވުނު ވަގުތަށްވުރެ ގިނަވަގުތު ހޭދަވާތީ ކުރޫއިންނަށް އަރާމުކުރުމުގެ ފުރުސަތު ދެވި، ކުރޫއިން ތިބޭ ހޮޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި ހެނދުނުގެ ނާސްތާ ވަގުތުގައި އަލުން ބޯޓު ފުރަން ޖެހިދާނެކަމަށް ބޯޓުގެ ކެޕްޓަން އަންގާފައިވާނެކަމަށާއި، ކުރޫންނަށް އަރާމު ކުރަން ވަގުތު ދިނުމުން މުވައްޒަފާއި އިތުރު ދެ ކުރޫއިން ހޮޓަލުން ބޭރަށް ދިއުމަށް ނިންމި ކަމަށާއި، ހޮޓަލުން ބޭރަށްދާނެކަމުގެ އިޝާރާތެއް ބޯޓުގެ ޕައިލެޓް-އިން-ކޮމާންޑަށް ދިން ކަމަށެވެ. ނަމަވެސް ބޭރަށްދާނެ އިރަކާއި ބޭރަށްދަނީ ކިހާވަގުތަކަށްކަން އަންގާފައިނުވާކަމަށެވެ.

ހޮޓަލުން ބޭރަށް ދިޔައިރު މުވައްޒަފާ ގުޅޭގޮތް އަންގާފައި ނެތްކަމަށާއި، ބޯޓަށް ދިމާވި މައްސަލަ ހައްލުކޮށް ފުރަން ތައްޔާރުވެގެން މުވައްޒަފަށް ފޯނުކުރިއިރު އޭނާގެ ފޯނު ނިވިފައި އޮތުމުން ނުގުޅުނު ކަމަށާއި އެކަމުގެ ސަބަބުން ބޯޓު ފުރަން ލަފާކުރިގަޑިއަށް ބޯޓު ފުރުން ލަސްކުރަން ޖެހުނުކަމަށާއި މިކަމުގައި އެ މުވައްޒަފުގެ އިހުމާލެއް އޮތުމުން އެކަމުގެ ސަބަބުން އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑަށް ގެއްލުން ވެފައިވާކަމަށެވެ.

ފްލައިޓް ޑިލޭވުމުގައި އޭނާގެ އިހުމާލެއް އޮތް ކަމަށް މުވައްޒަފު ވަނީ އިންކާރުކޮށްފަ އެވެ. އޭނާ ބުނެފައި ވަނީ ފްލައިޓް ބެންކޮކަށް ޖެއްސިއިރު، ފްލައިޓު ޑިއުޓީގެ މުއްދަތު ނިމުނީ ކަމަށް ނިންމާ، ފްލައިޓުން ޕެސެންޖަރުން ބޭލުމަށްފަހު، ކުރޫއަށް ގާނޫނީގޮތުން ހައްގުވާ އަރާމުކުރުމުގެ މުއްދަތު އެ ހިސާބުން ފެށުނުކަމަށް ފްލައިޓްގެ ޕައިލެޓްއިން-ކޮމާންޑް ނިންމި ކަމަށާއި އެކަން އަނގަބަހުން ކުރޫއިންނަށް އެންގިކަމަށެވެ.

އަދި ލިޔުންތަކުންވެސް އެކަން ހިނގީ އެފަދައިންކަން އެނގެން އޮންނާނެ ކަމަށާއި ފްލައިޓް ދެން ފުރާނެ ގަޑިކަމަށް އެންގި ގަޑީގެ ކުރިއަށް އޭނާ އެނބުރި އައިކަމަށާއި، އަރާމުކުރުމަށް ދީފައި އޮތް ވަގުތެއްގައި ފޯނު ނުނެގުނުކަމީ އެކަމުގައި އިހުމާލެއް އޮތް ކަމެއްކަމަށް ނުދެކޭކަމަށެވެ.

ދެ ފަރާތުގެ ވާހަކަ ބެލުމަށްފަހު ހައިކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ މުވައްޒަފުގެ ފަރާތުން ހުށަހެޅި ކަންކަމުގެ އިދިކޮޅަށް އައިލެންޑް އޭވިއޭޝަނުން އެއްވެސް ހުއްޖަތެއް ދެއްކިފައި ނެތް ކަމަށެވެ.

އެހެންކަމުން މައްސަލައިގައި، ބޮޑަށް ބުރަވެވެނީ މުވައްޒަފުގެ ފަރާތުން ބުނާ ގޮތަށް އޭނާ ފޯނު ނުނެގިކަމަށް ބުނާ ވަގުތު ހިމެނެނީ އޭނާއަށް ލާޒިމްވާ އަރާމުކުރުމުގެ މުއްދަތުގެ ތެރެއަށް ކަމަށެވެ. އެހެންކަމުން ގާނޫނީ ގޮތުން ހައްގުވާ އަރާމުކުރުމުގެ މުއްދަތުގެ ތެރޭގައި އޭނާއަށް ފޯނު ނުނެގި ދިޔަކަމަށްޓަކައި އެ ސަބަބަކީ، ފްލައިޓް ފުރަން އޮތް ގަޑިއަށް ނުފުރި ދިޔައީ މުވައްޒަފުގެ އިހުމާލުން ކަން ބަލަންޖެހޭ ހުއްޖަތެއް ނޫން ކަމަށެވެ.

ވީމާ، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި އައިލެންޑް އޭވިއޭޝަން
ސާވިސަސްގެ ވަޒީފާއިން ވަކިކުރިކުރުމުގައި މައުޟޫއީ އަދުލުވެރިކަން ގާއިމުކުރެވިފައި އޮތްކަމަށް ބެލެވެން ނެތް ކަމަށެވެ. އެހެންކަމުން ސިވިލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

comment ކޮމެންޓް