މީރީ ޕްރޮޖެކްޓުން އޮންޓަޕްރިނިއަރުންނަށް ވެބިނާ ސީރީޒެއް ފަށައިފި

މީރީ ޕްރޮޖެކްޓްގެ ފަރާތުން އޮންޓަޕްރިނިއަރުންނަށް ހާއްސަ ލައިވް ވެބިނާ ސީރީޒް އެއް މިއަދު ފަށައިފި އެވެ.

އެ ސީރީޒް އިފްތިތާހްކޮށްދެއްވީ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ. މިޕްރޮޖެކްޓަކީ މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ފަސް އަހުރު ދުވަހުގެ މަޝްރޫއު އެކެވެ. މަޝްރޫއުގެ އަގަކީ 20 މިލިއަން ޑޮލަރެވެ.

މިއަދު އިފްތިތާހްކުރި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޒުވާނުންގެ މެދުގައި އަމިއްލަ ވިޔަފާރިކުރުގެ ދާއިރާއިން ތަޖުރިބާ އާއި ހުނަރު ބަދަލުކުރުމުގެ ޕްލެޓްފޯމެއް ގާއިމްކުރުމެވެ.

ވެބިނާ މެދުވެރިކޮށް ޒުވާން ވިޔަފާރިވެރިން އަދި އަމިއްލަ ފަރުދުންގެ މެދުގައި ވިޔަފާރިކުރުމާއި ގުޅޭ މައުލޫމާތު ހިއްސާކުރާނެ އެވެ.

މީރީ މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމާއި ޓެކްނިކަލް ވޮކޭޝަނަލް ދާއިރާ އާއި ވިޔަފާރީގެ ހުނަރުތައް ތަރައްގީކުރުމެވެ. އެގޮތުން މިޕްރޮޖެކްޓުން ފަތުރުވެރިކަން، ފަތުރުވެރިކަމާއި ގުޅޭ އުމްރާނީ މަސައްކަތް، އައިސީޓީ އަދި ދަނޑުވެރިކަމުގެ ދާއިރާއަށް އިސްކަން ދޭނެ އެވެ.

ކޮވިޑް19ގެ ސަބަބުން ވިޔަފާރިތަކަށްވަނީ ތަސައްވަރުނުކުރެވޭ ފަދަ ގެއްލުންތަކެއް ވެފައިވާއިރު އެކަމުގެ ސަބަބުން، "ނިއު ނޯމަލް"ގެ ހާލަތުގައި އާ އިސްތިރާޖުތަކެއް އެކަށައަޅަން މަޖުބޫރުވެފައިވާކަން މީރީ އިން ފާހަގަ ކުރި އެވެ.

މިކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޒުވާނުންނަށް އަމާޒުކޮށް މީރީ މަޝްރޫއުގެ ފަރާތުން އިފްތިތާހްކުރި ސިލްސިލާ ވެބިނާ، "އެންޓްރަޕްރެނުއާޒް ލައިވް"ގައި ތަފާތު ދާއިރާތަކުގެ ވިޔަފާރިވެރިންގެ ތަޖުރިބާ ހިއްސާކުރުމާއި މައުލޫމާތު ބަދަލުކުރުން ކުރިއަށްދާނެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ އެ ސިލްސިލާ ވެބިނާ ވެގެންދާނީ އަމިއްލަ ވިޔަފާރި ފެށުމަށް ޝައުގުވެރިވާ ޒުވާނުންނަށް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދުކުރަނީ މި ސިލްސިލާ ވެބިނާ މެދުވެރިކޮށް ޒުވާނުންނަށް ގިނަގުނަ އާ މައުލޫމާތު ލިބި، ނެޓްވޯކް ކުރަން އާ ފުރުސަތުތައް ފަހިވެ، މި ޕްލެޓްފޯމް މެދުވެރިވެ ތަޖުރިބާ ހިއްސާކޮށް، އެކަކު އަނެކެއްގެ ކިބައިން މައުލޫމާތު ލިބި، ބަދަލުކުރެވުން،" މިނިސްޓަރު ވިދާޅުވި އެވެ.

ވެބިނާ ކުރިއަށް ދާނީ ހަތަރު ސެޝަނަކަށެވެ. ވެބިނާ ސެޝަންތަކުގެ ރެކޯޑިންގ މީރީ ޕްރޮޖެކްޓްގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި އާންމުކޮށް ފެންނާން ހުންނާނެއެވެ.

މިއަދުގެ ވެބިނާ ސެޝަންގައި، މީރީ ޕްރޮޖެކްޓްގެ ފަރާތުން ރާވާ އިންތިޒާމުކުރާ "ޕިޗް-އަޕް: ޔޫތު އޮންޓަޕްރިނިއަޝިޕް ޗެލެންޖް" ތައާރަފު ކުރި އެވެ. އޭޕްރީލް ފަސް ވަނަ ދުވަހު ފަށާ މިމުބާރާތުގައި އާ ވިޔަފާރީގެ އުފެއްދުންތެރި ހިޔާލާއި، ވިސްނުންތައް ހުށަހަޅާ، އެ ކަންކަން ފަށައިގަތުމަށް ޒުވާނުންނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

comment ކޮމެންޓް