ވިމްލާއަށް 78 މިލިއަން ދޭން ކުރި ހުކުމް ބާތިލްކޮށްފި

ފެބްރުއަރީ 15، 2021: ހައި ކޯޓު -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

ސުނާމީ ކާރިސާއަށްފަހު ގއ. އަތޮޅުގެ ތިން ރަށެއްގައި ގެތައް އެޅުމަށް ވިމްލާ ކޮންސްޓްރަކްޝަނުން ކުރި މަސައްކަތަށް ދައުލަތުން އެކުންފުންޏަށް 78 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ގއ. ވިލިނގިލި، މާމެންދޫ، ނިލަންދޫ، އަދި ދާންދޫގައި 298 ހައުސިން ޔުނިޓް އިމާރާތް ކުރުމާ ގުޅޭގޮތުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާއި، ވިމްލާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ 20 އޮކްޓޫބަރު 2008 ގައެވެ.

ދެފަރާތުގެ ދެމެދު ވެވުނު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މަސައްކަތުގެ އަގަކީ، 220،460،096.52 ރުފިޔާ އެވެ. މަސައްކަތް ނިންމަން 420 ދުވަސް ދިން ނަމަވެސް، އެމު އްދަތުގައި މަސައްކަތް ނުކުރެވިގެން ފިލިޕީންސްގެ ޕީބީޑީސީ ކުންފުންޏަކަށް ސަބްކޮންޓްރެކްޓެއް ކުރި އެވެ. ނަމަވެސް، އެކުންފުންޏަށްވެސް އެ މަސައްކަތް ނުކުރެވިގެން، ވިމްލާއިން އެދިގެން މަސައްކަތަށް 750 ދުވަސް އިތުރުކޮށްދީގެން ވެސް މަސައްކަތް ނުނިމުނެވެ. ސުނާމީއަށް 10 އަހަރު ފުރުނު އިރުވެސް މަސައްކަތް ނުނިމިގެން އެންމެ ފަހުން 2014 ވަނަ އަހަރު ސަރުކާރުން ނިންމީ އެތަންތަން އަނބުރާ ސަރުކާރުގެ ބެލުމުގެ ދަށަށް ގެންގޮސް، ސަރުކާރުން ބޭނުން އިތުރު ބަޔަކަށް އެ މަސައްކަތް ހަވާލުކޮށްގެން އެ މަސައްކަތް ނިންމުމަށެވެ.

އެ ނިންމުމާ އެއްގޮތަށް ހަމަ އެ އަހަރު ސަރުކާރުން އިތުރު ބަޔަކު އެރަށްރަށަށް އަރުވައި، މަސައްކަތްކޮށް އެއްކޮށް ނިންމާލި އެވެ. ވިމްލާގެ އަތުން އެ މަސައްކަތް އަތުލިއިރު، އެފަރާތުން ފުރިހަމަކޮށްފައި އޮތްކަމަށް ދައުލަތުގެ ފަރާތުން ބުނަނީ މަސައްކަތުގެ 68 ޕަސެންޓެވެ.

ވިމްލާއިން ކުރި މަސައްކަތަށް ފައިސާ ހޯދަން އެ ކުންފުނިން ހައުސިން މިނިސްޓްރީއަށް ފޮނުވި ފަސް ބިލަށް ފައިސާ ނުލިބިވާތީ، އެފައިސާ ހޯދުމަށް ވިމްލާގެ ފަރާތުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

ސިވިލް ކޯޓުން މައްސަލަ ބެލުމަށްފަހު ހުކުމް ކުރީ އެ ފަސް އިންވޮއިސްގެ ޕްރިންސިޕަލް އެމައުންޓްގެ ގޮތުގައި ހޯދަން ވިމްލާއިން އެދުނު 78 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަކީ ދައުލަތުގެ ފަރާތުން ވިމްލާއަށް ދޭންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެ ހުކުމްގައި ވަނީ ވިމްލާ ކޮންސްޓްރަކްޝަނާ ހަވާލުކުރި މަސައްކަތް އެކުންފުނިން ނިންމާފައިވާ ކަމަށް ދައުލަތުން އިންކާރުކޮށްފައިނުވާ ކަމަށެވެ. ހަމައެހެންމެ އެ ފައިސާ އަކީ އެކުންފުންޏަށް ދައްކަންނުޖެހޭ ފައިސާއެއްކަން ސާބިތުކޮށްދޭ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ. އެހެންކަމުން ވިމްލާ ކޮންސްޓްރަކްޝަނުން ދައުވާގައި އެދިފައިވާ 78.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ތިން މަސް ތެރޭގައި އެކުންފުންޏަށް ދައްކައި ޚަލާސްކުރުމަށް އެ ހުކުމްގައި ވަނީ އަންގާފަ އެވެ.

ސިވިލް ކޯޓުގެ ނިންމުން ދައުލަތުގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ދައުލަތާއި ވިމްލާއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމަށް ބަލާއިރު، އެއްބަސްވުމާ ގުޅިގެން ދެފަރާތުން ވާހަކަ ދައްކައިގެން ހައްލުނުވާ ބާވަތުގެ މައްސަލައެއް ދިމާވެއްޖެ ނަމަ އެ މައްސަލައެއް ހައްލުކުރުމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ އުސޫލަކީ އެއްބަސްވުމުގެ ދަށުން ކަނޑައަޅާފައިވާ "އެޖުޑިކޭޓާ" މެދުވެރިކޮށް މައްސަލަ ހައްލުކުރުން ކަމަށެވެ.

"އެޖުޑިކޭޓާ"ގެ ގޮތުގައި ދެފަރާތުން އެއްބަސްވެފައި ވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑާ އިވޭލުއޭޝަން ބޯޑެވެ. ނަމަވެސް މި މައްސަލައިގައި އެގޮތަށް އަމަލުކޮށްފައި ނުވާކަން ހައިކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން ވިމްލާއަށް ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ދައުލަތުގެ
މައްޗަށް އަންގައި ހުކުމްކުރިއިރު، ޕްރޮޖެކްޓް މެނޭޖަރުގެ ފަރާތުން އެ އިންވޮއިސްތައް ވެރިފައިކޮށް، އެޕްރޫވްކޮށްފައިވާކަން އެނގެން ނެތްކަން ވެސް ހައިކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.

ވިމްލާއިން ހުށަހެޅި ފަސް އިންވޮއިސްގައި ހިމެނޭ ފައިސާގެ އަދަދުތަކަށް ފައިސާ ދޭންޖެހޭނެ ކަމާމެދު ދައުލަތުގެ ފަރާތުން އިންކާރުކޮށްފައި ނުވާކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި ޖަވާބަށާއި އަދި ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، އެ އިންވޮއިސްތަކުގައިވާ ފައިސާ ވިމްލާއަށް ދިނުމަށް ސިވިލް ކޯޓުގައި ދައުލަތުން އިންކާރުކޮށް، އެކަމުގެ ސަބަބުތައް ބަޔާންކޮށްފައިވާކަން އެނގެން އޮންނަ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައިވެ އެވެ.

ވުމާއެކު، ވިމްލާއިން ހުށަހެޅި އިންވޮއިސްތަކުގައި ހިމެނޭ ފައިސާގެ އަދަދުތަކަށް ފައިސާ ދޭންޖެހޭނެ ކަމާމެދު ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގައި އިންކާރުކޮށްފައި ނުވާކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަން އެނގޭ ކަމަށް ހުކުމްގައިވެ އެވެ.

އެހެންކަުން އެ މައްސަަލައަކީ ދައުލަތާއި ވިމްލާއާ ދެމެދުު ވެފައިވާ އެއްބަސްވުމުގެ ދަށުން އުފެދޭ މައްސަލައެއް ހައްލުކުރަން ކަނޑައަޅާފައިވާ އިޖުރާއަތުތަކާއި އުސޫލާ ހިލާފަށް، އަދި އެކަންކަން ފުރިހަމަނުކޮށް ވިމްލާއިން ހުށަހެޅި މައްސަލައެއް ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

އަދި ސިވިލް ކޯޓުން ވިމްލާއަށް ފައިސާ ނަގައިދީފައި ވަނީ ޕްރޮޖެކްޓް މެނޭޖަރުގެ ފަރާތުން އެޕްރޫވްކޮށްފައި ނުވާ އިންވޮއިސްތަކަކަށް ވާތީ އާއި އެ ފައިސާ ދިނުމަށް ދައުލަތުން އިންކާރުކޮށް ވާހަކަދައްކާފައި ވާއިރު، ދައުލަތުން އެ އަދަދުތަކަށް އިންކާރުނުކުރާ ކަމަށް ބުނެ އެއްބަސްވުމުގައި ބުނެފައިވާ ކަންކަމަށް ރިއާޔަތްނުކޮށް ނިންމާފައިވާ މައްސަލައަކަށް ވާތީ ސިވިލް ކޯޓުން ނިންމާފައިވާ ނިންމުން ރަނގަޅު ނޫން ކަމަށާއި އެ ނިންމުން ބާތިލްކުރަން ޖެހޭ ކަމަށް ހައިކޯޓުން މިއަދު ވަނީ ހުކުމް ކޮށްފަ އެވެ.

އެ ހުކުމް ކުރީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހުސައިން ޝަހީދު އަދި އިސް ފަނޑިޔާރު ހާތިފް ހިލްމީގެ އިއްތިފާގުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް